Roadha Mihaaru
އަފްރާޝީމްގެ މަރުގެ މައުލޫމާތު ރިޔާޒް ކޮމިޝަނަށް ދީފި

އަފްރާޝީމްގެ މަރާ ގުޅޭ މައުލޫމާތު ކޮމިޝަނަށް ދީފިން: ރިޔާޒް

05 ނޮވެމްބަރ 2019

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ މައުލޫމާތުތައް ރިޔާސީ ކޮމިޝަނާ މިއަދު ހިއްސާ ކުރައްވާފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ މައުލޫމާތުތައް ރިޔާސީ ކޮމިޝަނާ މިއަދު ހިއްސާ ކުރައްވާފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ދިރިއުޅުއްވާ ގޭގެ ސިޑިމަތީގައި، އަފްރާޝީމް އަނިޔާވެރިކޮށް އަވަހާރަކޮށްލި އިރު ރިޔާޒަކީ އޭރުގެ ޕޮލިސް ކޮމިޝަނަރެވެ. ފުލުހުންގެ ތަހުގީގުން ލިބުނު މައުލޫމާތަށް ބަލައި، ރިޔާޒް އޭރު ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ބަޔަކު އަޑީގައި ތިބެ، ފަންޑްކޮށްގެން ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލަން ހަތަރު މިލިއަން ރުފިޔާ ހުށަހެޅި ކަަމަށް އޭރު ތުހުމަތު ކުރި ނަމަވެސް އެއީ ކޮން ބައެއް ކަމެއް، އެ މަރަށް ހަތް އަހަރުވި އިރު ވެސް ހޯދިފައެއް ނުވެ އެވެ.

ރިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އޭނާ އަށް ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް، މަރުތަކާ ބެހޭ ކޮމިޝަނާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

"އަދި އެ ކޮމިޝަންގެ މެމްބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވާނެ،" ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ: އޭނާގެ މަރަށް ހަތް އަހަރު ވި އިރު ވެސް އެ މަރުގެ ފަހަތުގައި ތިބި މީހުން ނުހޯދޭ. --ފޮޓޯ/މަޖިލީސް

ޑރ. އަފްރާޝީމް އަލީ: އޭނާގެ މަރަށް ހަތް އަހަރު ވި އިރު ވެސް އެ މަރުގެ ފަހަތުގައި ތިބި މީހުން ނުހޯދޭ. --ފޮޓޯ/މަޖިލީސް

އޭނާ ކުރިން ވެސް ވިދާޅުވަމުން ގެންދެވީ، އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ޝަރުއީ ކޯޓެއްގައި ނުވަތަ ރިޔާސީ ކޮމިޝަނެއްގައި ވެސް ދެއްވަން ހުންނެވީ ތައްޔާރަށް ކަަމަށެވެ. ފުލުހުންގެ މުއައްސަސާ އިން ބެލި ކަމުގައި ވިޔަސް، އެ ކަންކަމުގައި ލިބިފައި ހުރި މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ. އެ މައުލޫމާތު ހާމަކުރުން ލަސްވެއްޖެ ކަމަށް ބުނެ މި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު، އޭނާ އަށް ސުވާލުތައް ވެސް ކުރިމަތިކުރުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެ އެވެ.

މަރުތަކުގެ ހަގީގަތް ހޯދަމުން އަންނަ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން މިހާރު ވަނީ ހޯދިފަ އެވެ. އެއީ ކޮން ބައެއް ކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމުގެ ޔަގީންކަން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނުން އޮތީ ދީފަ އެވެ.

އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.