Roadha Mihaaru
އަފްރާޝީމްގެ މަރަށް އިންސާފެއް ނެތް: އާއިލާ

އަފްރާޝީމްގެ މަރަށް މި ދުނިޔެ އިން އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތް: އާއިލާ

02 އޮކްޓޯބަރ 2019

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލައިގެން މިހާތަނަށް ހިންގި ތަހުގީގުތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ ދެން ވެސް އިންސާފު ލިބިދާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް އާއިލާ އިން މިއަދު ބުނެފި އެެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލައިގެން މިހާތަނަށް ހިންގި ތަހުގީގުތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ ދެން ވެސް އިންސާފު ލިބިދާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް އާއިލާ އިން މިއަދު ބުނެފި އެެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެ އެވެ.

ހަތް އަހަރު ވި އިރު އެ މަރަށް އިންސާފު ލިބިފައި ނުވާތީ އޭގެ ކަންބޮޑުވުން އާންމުން ވެސް ދަނީ ފާޅުކުރަމުންނެވެ.

އަފްރާޝީމްގެ ބޭބެ އަބްދުއްނާސިރު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ މިހާތަނަށް ހިންގީ ނަތީޖާއެއް ނެތް ތަހުގީގުތަކެއް ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަން އާއްމު ކުރި އިރު އެއީ ކޮން ބައެއްތޯ މިހާތަނަށް ހޯދިފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރަށް އިންސާފު ލަސްވެފައިވާ ކަމަށް ބުނެ މީހަކު ކުރި ޓުވީޓެއް.

ނާސިރު ވިދާޅުވި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހުން ބަންދުކޮށްގެން އުޅުނަސް އިންސާފު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. އެ މަރާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ހިންގާފައި ހުރި ހުސެއިން ހުމާމްއާ ބައްދަލު ކުރެއްވި ކަމަށާއި ހަމަލާދިން ކަމަށް އޭނާ އެއްބަސްވި ކަން ނާސިރު ފާހަގަކުރެއްވި އެވެ.

"ފައިސާ ހަރަދުކުރި މީހުންނާއި އެކަން ކުރި ސަބަބު ނުހޯދި ވަނީ،" އުނގޫފާރު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާ ނާސިރު ވިދާޅުވި އެވެ.

"މި ދުނިޔެ އިން ނުވިޔަސް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ."

އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން އެ މައްސަލައިގެ ފުނަށް ވާސިލްވާން ކުރާ މަސައްކަތަށް މަރުހަބާ ދަންނަވާ ކަމަށް ނާސިރު ވިދާޅުވި އެވެ. އެކަމަކު އެ ތަހުގީގުން ވެސް އިންސާފަށް ވާސިލްވުން އޮތީ ދުރުގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"އިންސާފު ހޯދޭނެ ކަމުގެ ނަމުގައި ކުރައްވާ މަސައްކަތާ އަޅުގަނޑުމެން ދެކޮޅެއް ނޫން، ނެތީ އުއްމީދެއް،" ނާސިރު ވިދާޅުވި އެވެ.

މަރުތަކުގެ ހަގީގަތް ހޯދަމުން އަންނަ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން މިހާރު ވަނީ ހޯދިފަ އެވެ. އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސްއާ މިހާރު ހިއްސާކޮށްފައި އޮތް ކަން ވެސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އަފްރާޝީމްގެ މަރަށް އިންސާފު ނުލިބި އާއިލާ މާޔޫސްވެފައި ތިބި އިރު ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމާއި ނޫސްވެރިޔާ ރިލްވާން އަދި ބްރޮލަގަރު ޔާމީން ރަޝީދުގެ އާއިލާ އަށް އިންސާފު ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.