Roadha Mihaaru
ހަނދާންނެތޭ ބައްޔަށް ޗައިނާ އިން އާ ބޭހެއް

ހަނދާންނެތޭ ބައްޔަށް ޗައިނާ އިން އާ ބޭހެއް އުފައްދައިފި

05 ނޮވެމްބަރ 2019

ހަނދާން ނެތޭ ބަލީގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒެއިމާ އަށް އާ ބޭހެއް ހޯދަން ކުރާ މަސައްކަތުގައި، 17 އަހަރުން ފަހުން ޗައިނާގައި އީޖާދުކުރި އާ ބޭހަކަށް ހުއްދަ ދޭން އެ ގައުމުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަނދާން ނެތޭ ބަލީގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒެއިމާ އަށް އާ ބޭހެއް ހޯދަން ކުރާ މަސައްކަތުގައި، 17 އަހަރުން ފަހުން ޗައިނާގައި އީޖާދުކުރި އާ ބޭހަކަށް ހުއްދަ ދޭން އެ ގައުމުން ނިންމައިފި އެވެ.

މޫދުވިނަ ބޭނުންކޮށްގެން ވަރަށް ގިނަ ދުވަހުގެ ތަހުލީލުތަކަކަށް ފަހު އިޖާދުކުރި ބޭހުގެ ނަމަކީ އޮލިގެމަނޭޓެވެ. ޗައިނާގެ ޑްރަގްސް ސޭފްޓީ އެޖެންސީން ބުނިގޮތުގައި މިއީ އަލްޒެއިމާގެ ބަލި އެކި މިންވަރަށް ހުންނަ މީހުންގެ ފަރުވާ އަށް ބޭނުންކުރެވޭނެ ބޭހެކެވެ.

އާ ބޭހަށް ހުއްދަ ދިން ނަމަވެސް، އެ އާންމުކޮށް ވިއްކަން ފެށުމުގެ ކުރިން ބޭހުން އެއްވެސް ކަހަލަ ސިއްހީ މައްސަލަތަކެއް މެދުވެރިވޭތޯ ޓްރައިލްތަކެއް ހަދަން ޑްރަގް އެޖެންސީން ވަނީ ނިންމައިފަ އެވެ. އެ ޓްރަޔަލްތައް ޗައިނާ އާއި އެ ގައުމުން ބޭރުގެ ގައުމުތަކުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ޗައިނީޒް އެކެޑެމީ އޮފް ސައިންސެސްއާ ގުޅިގެން އޮލިގެމަނޭޓެ އުފެއްދި ޝަންހާއީ އިންސްޓިޓިއުޓް އޮފް މެޓޭރިއާ މެޑިކާގެ ޓީމްގައި އިސްކޮށް އުޅުއްވި ގެންގް މެއިޔޫ ވިދާޅުވީ މޫދު ވިނަ ބޭނުންކޮށްގެން ބޭހެއް އީޖާދުކުރަން ނިންމީ އަލްޒެއިމާ ހުންނަ މީހުން މޫދުވިނަ އާދަކޮށް ބޭނުންކޮށްގެން ހޯދާފައިވާ ކުރިއެރުންތަކާ ގުޅިގެން ކަމަށެވެ.

ބޭސް އުފައްދަން ކުރި މަސައްކަތް ކާމިޔާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޮލިގެމަނޭޓް ބާޒާރަށް ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާންނުކުރި ނަމަވެސް، އެ ބޭސް މާކެޓްކުރާނީ ޗައިނާގެ ބޭސް ކުންފުންޏެއް ކަމަށްވާ ގްރީން ވެލީންނެވެ. އެތަނުން ބުނީ ވަރަށް އަވަހަށް އެ ވިއްކަން ފަށާނެ ކަމަށެވެ.

މި ބޭހާ ބެހޭ ގޮތުން ސެލް ރިސާޗް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ މޫދުވިނައިގައި ހުންނަ ހަކުރުގެ މާއްދާއަކުން ހަށިގަނޑުގައި އުފައްދާ ބައެއް ޒާތުގެ ޖަރާސީމުތައް ސިކުނޑި އަށް ވާސިލުވުމަށް ހުރަސްއަޅައި، ނިއުރަލް ޑިޖެނެރޭޝަނާއި އިންފްލެމޭޝަނުން ރައްކާތެރިކޮށްދޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަލްޒެއިމާ އިން ސަލާމަތްކޮށްދޭން ބާރުއަޅަ އެވެ.

އާ ބޭސް އީޖާދުކުރި ޗައިނާގެ ޓީމް.

އާ ބޭސް އީޖާދުކުރި ޗައިނާގެ ޓީމް.

ގްރީން ވެލީން އޮލިގެމަނޭޓްގެ ޓްރައިލްތަކެއް ހަދާފައިވާ އިރު އެ ކުންފުނިން ބުނީ މޫދުވިނައިގައި އެކުލެވޭ ގްރީން އަލްގޭގެ ތާސީރުން ތައްޔާރުކުރި ބޭހުން ހަތަރު ވަރަކަށް ހަފުތާތެރޭގައި އަލްޒެއިމާ ހުންނަ މީހުންނަށް ނަތީޖާ ފެންނަން ފަށާ ކަމަށެވެ. އެހެންވެ ކާމިޔާބު އަދި އުންމީދު ބޮޑު ބޭހެއް ކަމަށް ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ އަދަދު މިހާރު 50 މިލިއަނަށް އަރަ އެވެ.