Roadha Mihaaru

ޗައިނާގެ ޕްރޮވިންސެއްގައި ޗިކުންގުންޔާ ގިނަވެ ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާގެ 7،000 އަށް ވުރެ ގިނަ ކޭސް، ޖުލައި މަހުން ފެށިގެން ޗައިނާގެ ގުއާންޑޮންގް ޕްރޮވިންސުން ރިޕޯޓްކޮށްފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ފަދަ ފިޔަވަޅުތަކެއް އެ ސަރަހައްދުގައި ތަންފީޒުކުރަން ފަށައިފި އެވެ.

ޗައިނާގެ ސަރަހައްދެއްގައި ޗިކުންގުންޔާ ގިނަވެ "ބަންދު"

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާގެ 7،000 އަށް ވުރެ ގިނަ ކޭސް، ޖުލައި މަހުން ފެށިގެން ޗައިނާގެ ގުއާންޑޮންގް ޕްރޮވިންސުން ރިޕޯޓްކޮށްފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ފަދަ ފިޔަވަޅުތަކެއް އެ ސަރަހައްދުގައި ތަންފީޒުކުރަން ފަށައިފި އެވެ.

އެންމެ ގިނައިން ބަލީގެ ކޭސްތައް ފެންނަ ފޯޝަން ސިޓީގައި ޗިކުންގުންޔާ ޖެހިފައިވާ މީހުން ތިބެން ޖެހެނީ ހޮސްޕިޓަލުގަ އެވެ. އެ މީހުންގެ އެނދުތަކުގެ ވަށައިގެން ހުންނަނީ މަދިރިގެ ވެސް ޖަހައިފަ އެވެ. އެ މީހުން ހޮސްޕިޓަލުން ދޫކޮށްލަނީ ބަލި ރަނގަޅުވެ ޓެސްޓުތަކުން ނެގެޓިވް ނަތީޖާ ފެނުމުން ނުވަތަ ހަފުތާއެއްހާ ދުވަސް ވަންދެން ބޭތިއްބުމަށް ފަހު އެވެ.

މި ވައިރަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ވާސިލުވަނީ ބަލި ޖެހިފައިވާ މީހެއްގައި ގައިގައި މަދިރި ހެފުމަށް ފަހު އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުންނެވެ.

ބަލީގެ ވައިރަސް ހުންނަ މަދިރި ހެފުމުން ޖެހޭ މި ބަލީގައި ހުން އައިސް ހުޅުތަކުގައި ގަދަޔަށް ރިއްސަ އެވެ. މިއީ ބައެއް ހާލަތްތަކުގައި އެތައް އަހަރަކަށް ވެސް ދެމިގެންދާ ތަދަކަށްވެ އެވެ.

ޗައިނާގައި ޗިކުންގުންޔާ އަކީ ވަރަށް މަދު ބައްޔެކެވެ. އެކަމަކު ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި މިއީ އާންމު ބައްޔެކެވެ.

ފޯޝަންގެ އިތުރުން ދެކުނު ގުއާންޑޮންގް ޕްރޮވިންސްގެ އިތުރު 12 ސިޓީއަކުން ވަނީ ބަލީގެ ކޭސްތައް ފެނިފަ އެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 3،000 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ހޮންގްކޮންގުން މި ބަލީގެ ފުރަތަމަ ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. ބަލި ޖެހުނީ މިދިޔަ މަހު ފޯޝާންއަށް ދަތުރުކުރި 12 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ރިޕޯޓްކޮށްފައިވާ އެއްވެސް ކޭސްއެއްގައި މީހަކަށް ބޮޑުވަރެއް ނުވެ އެވެ. އަދި ހަތް ދުވަހުގެ ތެރޭގައި 95 ޕަސެންޓް މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.

ބަލި ކޮންޓްރޯލްކުރުމަށް ޗައިނާގައި އަންނަނީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އާންމުންނަށް އަންގަމުންނެވެ. އެފަދަ ތަންތަން ހުންނަ ގެތަކަށް 10،000 ޔުއާން (1،400 ޑޮލަރު) އާ ހަމަޔަށް ޖޫރިމަނާ ކުރިމަތިވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ޗިކުންގުންޔާ ފަތުރާ ޒާތުގެ ކުދި މަދިރިއަށް ހަމަލާދޭ ވައްތަރުގެ ބޮޑެތި މަދިރި އާލާކޮށް ދޫކުރުމާއި ފެންގަނޑުތަކަށް ގިނަ އަދަދަކަށް މަސް އެޅުން ފަދަ ކަންކަން ވެސް އަންނަނީ ކުރަމުންނެވެ.