Roadha Mihaaru
މާ ބޮޑަށް މަދިރި ހަފަނީ ހުންނަ ވަހަކުން

މާ ބޮޑަށް މަދިރި ހަފަނީ ހަށިގަނޑުގައި ހުންނަ ވަހަކުން

23 އޮކްޓޯބަރ 2022

އެއް ގެއެއްގައި އެތައް ބަޔަކު ދިރިއުޅޭއިރު، ބައެއް މީހުންނަށް މަދިރީގެ އުނދަގޫ އިންތިހާ އަށް ބޮޑުވާއިރު، އަނެއް ބަޔަކު ހަމަ ކަހާ ތަން ހިރުވައިވެސް ނުލަ އެވެ. ބައެއް މީހުންގެ ގައިގައި މަދިރި ހެފުމުން (ހޮނޑު ހަރައިލުމުން) އެތަނެއް ރަތްވެ ދުޅަވެ ފިތް ނަގާ ގޮތްވެ އެވެ. ބައެއް މީހުންނަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ.

އެއް ގެއެއްގައި އެތައް ބަޔަކު ދިރިއުޅޭއިރު، ބައެއް މީހުންނަށް މަދިރީގެ އުނދަގޫ އިންތިހާ އަށް ބޮޑުވާއިރު، އަނެއް ބަޔަކު ހަމަ ކަހާ ތަން ހިރުވައިވެސް ނުލަ އެވެ. ބައެއް މީހުންގެ ގައިގައި މަދިރި ހެފުމުން (ހޮނޑު ހަރައިލުމުން) އެތަނެއް ރަތްވެ ދުޅަވެ ފިތް ނަގާ ގޮތްވެ އެވެ. ބައެއް މީހުންނަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ.

މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިކަން މިހާތަނަށް ވެސް މުޅިން ޔަގީނެއް ނުވެ އެވެ. ފުލޯކު ވާހަކަތަކުގައި ބުނާ ގޮތުން ވިއްޔާ، ބައެއް މީހުންނާ މެދު މަދިރި މާ ބޮޑަށް ގަޔާވަނީ އެވެ. އެމީހުންގެ ލޭ މަދިރި އަށް މާ މީރީ އެވެ.

އެއީ ހަގީގަތަކަށް ވިޔަސް، ވަކި ބަޔަކާ މެދު މަދިރި ޝައުގުވެރި ވެފައި، އަނެއް ބަޔަކާ މެދު މާ ބޮޑު ޝައުގުވެރިކަމެއް ނުބަހައްޓަނީ ކީއްވެކަން، ސައެންޓިފިކް ހެއްކެއްގެ އަލީގައި މިހާތަނަށް ހޯދިފައެއް ނެތެވެ. ނަމަވެސް އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ރޮކްފެލާ ޔުނިވަސިޓީގެ ސައެންސްވެރިންތަކެއް ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ބައެއް މީހުންނާ މެދު މަދިރި ގަޔާވާ މިންވަރު އެހެން މީހުންނާ ތަފާތެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުން، އެއް ތަނެއްގައި އުޅޭ އެތައް ބައެއްގެ ތެރެއިން، ވަކި ބައެއްގެ ގައިގައި މަދިރި ހަފަނީ، އެ ފަދަ މީހުންނާ މެދު މަދިރީގެ ޝައުގުވެރިކަން ބޮޑުވީމަ އެވެ. މިއިން އެނގެނީ އިންސާނުންގެ ތެރޭގައި، މަދިރި އެ ބައެއްގެ ހަށިގަނޑަށް ޝައުގުވެރިކުރުވާ ނުވަތަ ދަމައިގަންނަ ކޮންމެވެސް ޖާޒުބިއްޔަތެއް، އެމީހުންގެ ހަށިގަނޑުގައި ހުންނަ ކަމެވެ.

އެ ޔުނިވަރސިޓީގެ ނިއުރޯބަޔޮލޮޖިސްޓް ލެޒްލީ ވޮޝޭލް ވިދާޅުވާ ގޮތުގައި، ވަކި ބައެއްގެ ހަށިގަނޑަށް މަދިރި މާ ބޮޑަށް ދަމައިގަންނަނީ އެމީހުންގެ ހަށިގަނޑުގައި ހުންނަ ވަހެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. އޭނާ އިސްވެ ހުންނަވައި ކުރެއްވި ދިރާސާގައި ބުނެފައިވާ ގޮތުން، ގިނައިން މަދިރި ހަފާ މީހުންގެ ހަންގަނޑުގައި، އެނޫން މީހުންގެ ހަންގަނޑުގައި ހުންނަ ވަރަށް ވުރެ، ބައެއް ޒާތުގެ ކެމިކަލްތައް އިތުރަށް އުފެދެ އެވެ.

އަދި އެފަދަ މީހެއްގެ ހަށިގަނޑުން މަދިރިއެއް ނުވަތަ މަދަރިތަކެއް ލޭ ބޮއެފި ނަމަ، ހަފައިފި ނަމަ، އެ މަދިރިތައް އެމީހެއްގެ ހަށިގަނޑުން ތަކުރާރުކޮށް ލޭ ބުއިމަށް ޝައުގުވެރިވެ އެވެ. އަދި އެމީހެއްގެ ހަންގަނޑުގައި އެފަދަ ކެމިކަލްތައް އެކުލެވޭ މިންވަރު އިތުރުވި ވަރަކަށް، އެމީހެއްގެ ގައިގައި މަދިރި ހެފުން އިތުރުވެ އެވެ.

މިކަން ޔަގީން ކުރުމަށް، ރޮކްފެލާ ޔުނިވަސިޓީގެ ސައެންސްވެރިން، 64 ވޮލަންޓިއަރަކުގެ ހަށިގަނޑުން ވަސް ނަގައިގެން މަދިރިތަކަކަށް އެ ވަސް ދެއްކި އެވެ. އެމީހުންގެ ހަށިގަނޑުގެ ވަސް ނެގުމަށްޓަކައި، އެއިން ކޮންމެ މީހެއްގެ އަތްދަނޑިއަށް ނައިލޯން ސްޓޮކިންއެއް އެރުވި އެވެ.

އެއަށް ފަހު އެތެރެ ފެންނަ ފަލަ ހޮޅިއެއްގެ އެތެރޭގެ އެހި ހިސާބުތަކުގައި އެ ސްޓޮކިންތައް ބެހެއްޓި އެވެ. އަދި އެ ހޮޅި ތެރެއަށް މަދިރިތަކެއް ދޫކޮށްލި އެވެ. ނަތީޖާ ފެނުނީ ސައެންސްވެރިން ކުރިން ވެސް ލަފާ ކުރި ގޮތަށެވެ.

ބައެއް ސްޓޮކިންތަކަށް ޖެއްސި މަދިރީގެ އަދަދު، އެހެން ބައެއް ސްޓޮކިންތަކަށް ޖެއްސި މަދިރީގެ އަދަދާ އަޅައި ބަލާއިރު މާ ބޮޑަށް ވެސް ގިނަ އެވެ. މި ދިރާސާގައި ސައެންސްވެރިން ބޭނުންކުރީ، ރީނދޫ ހުމާއި ޒިކާ އާއި ޗިކުންގުންޔާ އަދި ޑެންގޫ ވައިރަސް އުފުލާ އީޑީސް އިޖިޕްޓީ މަދިރި އެވެ.

ސައެންސްވެރިން މި ދިރާސާ ކުރި އިރު، އެ 64 ވޮލަންޓިއަރުންގެ ހަށިގަނޑުން ވަސް ނަގައިގެން، އަޖުމަބެލުމަށް އެ ކުރި ކަންތައް، އަހަރުތަކެއް ވަންދެން އެތައް ދުވަހަކު ތަކުރާރުކުރި އެވެ. ކޮންމެ ފަހަރަކު ވެސް ނަތީޖާ ނުކުތީ އެއް ގޮތަކަށެވެ. ތަކުރާރުކޮށް އެކަން ކުރުމުން ވެސް، ގިނަ މަދިރިތައް ޖެއްސީ، އޭގެ ތެރެއިން ވަކި ބައެއްގެ އަތަށް އެރުވި ސްޓޮކިންތަކަށް ކަން ވަނީ ޔަގީންކުރެވިފަ އެވެ.

މި ދިރާސާ އިން އެނގުނު ގޮތުގައި ގިނަ މަދިރިތައް ޝައުގުވެރިވި ވަސް އުފެދޭ މީހުންގެ ހަންގަނޑުގައި ވަކި ބާވަތެއްގެ އެސިޑް ހުންނަ މިންވަރު، އެނޫން މީހުންނަށް ވުރެ އިތުރެވެ. އެމީހުންގެ ހަންގަނޑުގައި އުފެދޭ، ތަތްކަން ގަދަ މި އެސިޑަކީ، ހަންގަނޑުގެ ތެތްކަން ދެމެހެއްޓުމަށް ގުދުރަތީ ގޮތުން ލައްވާފައިވާ ނިޒާމުގެ ތެރެއިން އުފެދޭ އެސިޑެކެވެ.

ކޮންމެ މީހެއްގެ ހަށިގަނޑުގައި ވެސް މި އެސިޑް އުފެދޭ އިރު، އެކި މީހުންގެ ހަށިގަނޑުގައި އުފެދޭ މިންވަރު ތަފާތުވެ އެވެ. ހަނގަނޑުން ދުވާ ވަހަކީ، ހަންގަނޑުގައި ދިރިއުޅޭ ދުޅަހެޔޮ ބެކްޓީރިއާތައް މި އެސިޑްތައް ކެއުމުން، އެ ބެކްޓީރިއާތަކުން އުފެދޭ ވަހެވެ.

އީޑީސްގެ އަންހެން މަދިރި ދަރިމައިވާ ކޮންމެ ފަހަރަކު، އޭގެ ހަށިގަނޑުގައި ބިސް އުފެއްދުމަށް ބޭނުންވާ ވަކި ބާވަތެއްގެ ޕްރޮޓިންއެއް ލިބިގަތުމަށްޓަކައި، އިންސާނުންގެ ތެރެއިން އެތައް ބައެއްގެ ހަށިގަނޑުން ލޭ ބޮއެވެ. މި ގޮތަށް އެކަކުގެ ގައިން ލޭ ބުއިމަށް ފަހު، އަނެކަކުގެ ގައިން ލޭ ބުއިމަށް އޭގެ ހޮނޑު ހަރައިލުމުން، ކުރިން ލޭ ބޮއެފައިވާ މީހާގެ ހަށިގަނޑުގައި ހުންނަ އެތައް ވައިރަހެއް، އަނެއް މީހާގެ ހަށިގަނޑަށް ނަގުލުވެ އެވެ.

އީޑީސް މަދިރި ދަރިމައިވުމަށް ބޭނުންވާ ލޭ ހޯދަނީ އެސޮރުގެ ކިބައިގައި ގުދުރަތުން ލައްވާފައިވާ ވަރަށް ފުރިހަމަ ނިޒާމެއްގެ އެހީގަ އެވެ. އެއީ، އިންސާނުންނާއި އެހެނިހެން ޖަނަވާރުތައް ނޭވާ ލާއިރު ބޭރަށް ދޫކޮށްލާ ކާބަން ޑައިއޮކްސައިޑާއި ހަށިގަނޑުން އުފެދޭ ހޫނު އަދި ހަށިގަނޑުގައި ހުންނަ ވަސް ދެނެގަތުމަށް، މަދިރީގެ ކިބައިގައި ލައްވާފައިވާ ވަކި ހިއްސެއްގެ ޒަރީއާއިންނެވެ.

ހަށިގަނޑުން އުފައްދާ ހޫނާއި ނޭވާ ލާއިރު ދޫކޮށްލާ ކާބަން ޑައިއޮކްސައިޑުން، އެއީ ދިރުން ހުރި އަދި ހޫނު ލޭ ދައުރުވާ ކޮންމެވެސް މަޚްލޫގެއްކަން މަދިރި އަށް ދެނެގަނެވެ އެވެ. އަދި ހަށިގަނޑުން އުފެދޭ ވަހުން، އެއީ އިންސާނެއްކަން ނުވަތަ އެހެން ޖަނަވާރެއްކަން މަދިރި އަށް ދެނެގަނެވެ އެވެ.