Roadha Mihaaru
ޑެންގީ އިތުރުވުމުގެ ފުރުސަތު ބޮޑު: އެޗްޕީއޭ

ޑެންގީ އިތުރުވުމުގެ ފުރުސަތު ބޮޑު، ކޮންޓްރޯލްކުރަން އާންމުންގެ އެއްބާރުލުން މުހިއްމު: އެޗްޕީއޭ

24 އެޕްރީލް 2019

ކުރިއަށް އޮތް ތަނުގައި ޑެންގީ އާއި ޗިކުންގުންޔާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުރިއަށް އޮތް ތަނުގައި ޑެންގީ އާއި ޗިކުންގުންޔާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް "މިހާރު" އަށް ވިދާޅުވީ ޑެންގީ އިތުރުވުމުގެ ފުރުސަތު ބޮޑީ މި ދުވަސްވަރުގެ މޫސުން ހުރި ގޮތުން ކަމަށެވެ. ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ ވަސީލަތް ކަމަށް ވާ އީޑީސް މަދިރި މަދުކުރަން ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޗްޕީއޭ އިން ހިންގަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ޕްރޮގްރާމްތަކަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުވެއްޖެ ނަމަ މަދިރި އާލާވާ މިންވަރު މަދުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ޑެންގީ ފެތުރުމުގެ ފުރުސަތު ބޮޑު، މޫސުމާ ގުޅިގެން ވެސް. އެކަމަކު މަދިިރި ކޮންޓްރޯލްކުރަން އަޅުގަނޑުމެން ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަ ކުރަން. މަދިރި ކޮންޓްރޯލްކުރަން އެންމެންގެ އެއްބާރުލުން ބޭނުންވޭ،" އަފްސަލް ވިދާޅުވި އެވެ.

ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދުތައް -- ފޮޓޯ: އެޗްޕީއޭ

ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދުތައް -- ފޮޓޯ: އެޗްޕީއޭ

އެޗްޕީއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު ގިނަ ވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު 500 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

މި ދުވަސްވަރުގެ ވާރެއާ ގުޅިގެން މަދިރި އާލާވާ ގޮތަށް ފެން ހިފެހެއްޓިފައި ހުންނަ ތަންތަން އިތުރުވުން އެކަށީގެންވެ އެވެ. އެފަދަ ތަންތަން ގަވާއިދުން ނައްތާލަން މަސައްކަތްކުރަން ޖެހޭނެ ކަމަށް ޑރ. އަފްސަލް ވިދާޅުވި އެވެ.

އެޗްޕީއޭ އިން އިއްޔެ ކުރި ޓްވީޓެެއް

މި މަހުގެ ދެވަނަ ހަފްތާގައި ޑެންގީއަށް ވުރެ ޗިކުންގުންޔާ ޖެހުނު މީހުން ގިނަ ނަމަވެސް މި ހަފްތާގައި ޑެންގީ ޖެހުނު މީހުން ވަނީ އިތުރުވެފަ އެވެ.

މަދިރި ފެތުރޭ މިންވަރު މަދުކުރުމަށްޓަކައި އެޗްޕީއޭ އިން މި މަހު ފެށި ކެމްޕެއިނުގެ ދަށުން އަތޮޅުތަކަށް ހާއްސަ އެތަށް ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޑެންގީ އާއި ޗިކުންގުންޔާގެ ކްލިނިކަލް މެނޭޖްމެންޓާ ބެހޭ ޓެލެކޮންފަރެންސެއް 15 އަތޮޅެއްގައި ހިމެނޭ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ކުރިއަށް ގެންގޮސްފައިވެ އެވެ.