Roadha Mihaaru
ޑެންގީ ދަށްވެ ޗިކުންގުންޔާ ޖެހުނު އަދަދު މައްޗަށް

ޑެންގީ ދަށްވެ ޗިކުންގުންޔާ ޖެހުނު މީހުންގެ އަދަދު މައްޗަށް

17 އެޕްރީލް 2019

މީގެ ކުރީ މަސްތަކުގައި ގިނައިން ޖެހެނީ ޑެންގީ ކަމަށް ވިޔަސް މި މަހުގެ މިހާތަނަށް އެ ހުމަށް ވުރެ ގިނައީ ޗިކުންގުންޔާ ޖެހުނު މީހުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މީގެ ކުރީ މަސްތަކުގައި ގިނައިން ޖެހެނީ ޑެންގީ ކަމަށް ވިޔަސް މި މަހުގެ މިހާތަނަށް އެ ހުމަށް ވުރެ ގިނައީ ޗިކުންގުންޔާ ޖެހުނު މީހުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާ ބެހޭ ގޮތުން ހޭލުންތެރިކުރަން އެޗްޕީއޭ އިން މި މަހު ފެށި ކެމްޕެއިންގައި ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު އަންނަނީ މި ދެ ބަލި ފެތުރޭ މިންވަރުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.

އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކަނީ މި މަހުގެ މިހާތަނަށް 219 މީހަކަށް ޗިކުންގުންޔާ ޖެހުނު ކަމަށެވެ. ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 154 މީހުންނެވެ.

މިދިޔަ ހަފްތާގައި ޗިކުންގުންޔާ ޖެހިފައިވާ މީހުންގެ އަދަދު -- ފޮޓޯ: އެޗްޕީއޭ

މިދިޔަ ހަފްތާގައި ޗިކުންގުންޔާ ޖެހިފައިވާ މީހުންގެ އަދަދު -- ފޮޓޯ: އެޗްޕީއޭ

މި އަހަރުގެ އެހެން މަސްތަކުގައި ޗިކުންގުންޔާއަށް ވުރެ ގިނައީ ޑެންގީ އެވެ.

ޗިކުންގުންޔާ އާއި ޑެންގީ ފެތުރެން މެދުވެރިވަނީ އީޑީސް މަދިރި އެވެ. ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، އެހެން މީހެއްގެ ގައިގައި ހެފުމުން އޭނާގެ ގަޔަށް އެ ވަރިއަސް ދެ އެވެ.

ޗިކުންގުންޔާގެ އަލާމާތްތައް ފެންނަން ތިން ދުވަހާއި ހަތް ދުވަހުގެ މުއްދަތެއް ނަގަ އެވެ. މި ބައްޔަށް އެއްވެސް ފަރުވާއެއް ނެތެވެ. އަދި ސަލާމަތްވާން ވެކްސިނެއް ވެސް އަދި ނުހެދެ އެވެ.

އެޗުޕީއޭ އިން އިލްތިމާސްކުރަނީ މި ބަލި ޖެހުމުން ގިނައިން ދިޔާއެއްޗެހި ބޮއި، ހަށިގަނޑަށް ފައިދާ ހުރި ކާއެއްޗެހި ކައިގެން، އަރާމުކުރާށެވެ. އަދި ތަދުވުން ކަނޑުވަން ޕެނަޑޯލް އާއި ޕެރަސެޓަމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރަން ވެސް އެދެ އެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއް

ޗިކުންގުންޔާގެ އަލާމާތްތައް

• ގަދަޔަށް ހުންއައުން • ބޮލުގައި ރިއްސުން • ހުޅުހުޅުގައި ރިއްސުން • ގައިން ބިހިނެގުން • ވަރުބަލިވުން އިތުރުވުން • މޭނުބައިކުރުމާއި ހޮޑުލެވުން • ކާހިތްނުވުން ކަހަލަ ކަންތައްތައް

މި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

ޗިކުންގުންޔާއާ ގުޅޭ ގޮތުން އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތު

ޗިކުންގުންޔާއާ ގުޅޭ ގޮތުން އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތު

މަދިރި މަދުކުރަން ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އެޗުޕީއޭ އިން ދެކޭ ގޮތުގައި މަދިރި މަދުކުރެވޭނީ އާންމުންގެ ވެސް އެހީތެރިކަމާ އެކުގަ އެވެ.

މަދިރިން ސަލާމާތްވާން ކުރެވޭނެ ކަންތައް

• ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން

• ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާނެ ގޮތަށް ފޭރާން ލުން (ގަޔަށް ދޫ އަދި އަލި ކުލައިގެ ފޭރާމަށް އިސްކަން ދިނުން މުހިއްމު)

• ކުޑަ ދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން

• މަދިރި އެންމެ ހަރަކާތްތެރިވާ ވަގުތުތަކުގައި (ފަތިސް އަދި އިރުއޮއްސޭ ގަޑި) ގޭގެ ކުޑަދޮރާއި ދޮތުރަައް ލެއްޕުން

• މަދިރި ލޯޝަން ބޭނުންކުރުން

މަދިރި ނައްތާލަން ކުރެވޭނެ ކަންތައް -- ފޮޓޯ: އެޗްޕީއޭ

މަދިރި ނައްތާލަން ކުރެވޭނެ ކަންތައް -- ފޮޓޯ: އެޗްޕީއޭ