Roadha Mihaaru
މިދިޔަ މަހު ވެސް އާންމު ބަލިތައް އިތުރުވި

މިދިޔަ މަހު ވެސް ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އިތުރުވި

07 ޖުލައި 2022

މިދިޔަ މަހު ވެސް ރާއްޖޭގައި ޑެންގީހުމާއި އަރިދަފުސް ރޯގާ އަދި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އިތުރުވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މަހު ވެސް ރާއްޖޭގައި ޑެންގީހުމާއި އަރިދަފުސް ރޯގާ އަދި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އިތުރުވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަރިފަދުސް ރޯގާ ޖެހިގެން މިދިޔަ މަހު 21،802 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެއީ މެއި މަހާ އަޅާ ބަލާއިރު، ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. އެހެން އާންމު ބަލިތައް ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ.

ފާއިތުވި މަހުގެ ތަފާސްހިސާބުތައް

● އަރިދަފުސް ރޯގާ: 21،802 މީހަކަށް ޖެހުނު

● އިންފުލުއެންޒާ: 6 މީހަކަށް ޖެހުނު

● ޑެންގީ ހުން: 294 މީހަކަށް ޖެނުނު

● ބޭރަށް ހިންގުމާއި ހޮޑުލުން: 2،376 މީހަކަށް ޖެހުނު

މި ދުވަސްވަރު އާންމު ބަލިތައް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ހޮސްޕިޓަލުތަކަށް ވެސް ބާރުބޮޑުވެފައިވެ އެވެ. ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ވެސް ހުޅުވާފައިވެ އެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

● ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން.

● އަތް ދޮވެ ސާފުކޮށްފައި ބެހެއްޓުން.

● ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން.

● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.

ޑެންގީން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

● މަދިރި އުފެދޭ ތަންތަން ނައްތާލުން.

● މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ފަދަ އެއްޗެހި ބޭނުންކުރުން.

● ގިނައިން ދިޔާ އެއްޗެހި ބުއިން.

● ހުން އަންނަ ނަމަ ޕެރެސެޓްމޯލް ކެއުމާއި މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެއްކުން.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

● ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން.

● ފާހަނާކުރުމަށް ފަހު ރަނގަޅަށް އަތްދޮވުން.

● ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން.

● ސާފު ބޯފެން ބުއިން.

● ގިނަގިނައިން ލޮނުޕެކެޓް ބުއިމާއި ފެނާއި ސޫޕާއި އަދި ކުރުނބާ ފަދަ އެއްޗެހި ބުއިން.

● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެއްކުން.

މިދިޔަ އެޕްރީލް މަހުން ފެށިގެން ރާއްޖޭގައި ޑެންގީ ހުން ވެސް ވަރަށް ބޮޑަށް އިތުރުވެ، މަދިރި ނައްތާލުމަށް "މަދިރި ހޯހޯ"ގެ ނަމުގައި އެޗްޕީއޭ އިން ހާއްސަ ކެމްޕެއިނެއް ވެސް ފެށި އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވެސް އަނެއްކާ ވެސް އިތުރުވެފައި ވާތީއާ އެކު، އީދު ބަންދާއި ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.