Roadha Mihaaru
ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އެދެފި

ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އެދެފި

20 މެއި 2018

ރާއްޖޭގެ އެކި ސަރަހައްދުތަގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ އާއި ވައިރަލް ހުމާއި އިންފުލުއެންޒާ އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ އެކި ސަރަހައްދުތަގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ އާއި ވައިރަލް ހުމާއި އިންފުލުއެންޒާ އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދެފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހާ ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތަކުން ބަލިތައް ފެތުރުން އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަން އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފަ އެވެ..

އެހެން މަސްތަކާ ބަލާއިރު، އިންފުލުއެންޒާގެ ކޭސްތައް އިތުރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ދިން އިރުޝާދުތަކުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި އާއްމު ސާފުތާހިރު ކަމަށް، ހާއްސަކޮށް ސައި ބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.

މީގެއިތުރުން ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަ ކުދިން ނުގެންދިއުމާއި ރޯގާ ޖެހިފައިވާނަމަ ކުޑަކުދިންނާއި ދުރުހެލިވެ އުޅުމާއި ދުންފަތުގެ ދުމުން ކުޑަކުދިން ސަލާމަތް ކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވެ އެވެ.

އެކިއެކި ބަލިތައް ޖެހިގެން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ވީހާވެސް މަދު މީހުން ބަލިމީހާއާއެކު ދިއުމަށް އެދޭ ކަމަށެވެ. އަދި ބަލި މީހުން ކައިރިއަށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި ދުވަސްވީ މީހުން ނުދިއުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.

މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ، އަދި ފަތިސްގަޑި އާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާ މަގު މައްޗަށް ފެން ހެދޭނެ ގޮތަށް ފުޅިފަދަ ތަކެތި އުކާނުލަން އެޗްޕީއޭ އިން އެދެ އެވެ.

ރޯދަ މަހަކީ ގިނަ އަދަދެއްގެ ކާނާ ތައްޔާރުކޮށް، ކެއިން ބުއިމުގެ އާދަތައް ތަފާތު މަހަކަށް ވުމާއެކު ކާބޯތަކެތި ތައްޔާރު ކުރުމުގައި އާއި ގެންގުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭގެ ބަޔާނުގައިވެ އެވެ. މިގޮތުން ކެއްކުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށާއި ކާބޯތަކެތި ރަނގަޅަށް ރޯފިލާވަރަށް ކެއްކުމަށާއި ބާކީވާ ކާނާ ބޭނުން ކުރާނަމަ ފުރިޖްގައި ބެހެއްޓުމަށްފަހު ކެއުމުގެ ކުރިން ރަނގަޅަށް ހޫނު ކުރަން އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ. އަދި ރޯކޮށް ބޭނުން ކުރެވޭ މޭވާ އާއި ތަރުކާރީ ރަނގަޅަށް ދޮވުމަށްފަހު ބޭނުން ކުރުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.