Roadha Mihaaru
ޖައްވު ނުސާފުވުމުގެ ނުރައްކާ މާބަނޑު މީހުންނަށް

ޖައްވު ނުސާފުވުމުގެ ނުރައްކާ މާބަނޑު މީހުންނަށް

17 އޮކްޓޯބަރ 2019

ވައި ނުސާފުވެ، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން، މާބަނޑު އަންހެނުންނަށް ބައިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވައި ނުސާފުވެ، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން، މާބަނޑު އަންހެނުންނަށް ބައިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނޭޗާ ސަސްޓެއިނެބިލިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ ޗައިނާގެ ދިރާސާގައި ބުނިގޮތުގައި ވައި ނުސާފުވުމުގެ މައްސަތަކުގައި މާބަނޑު މީހުންގެ ބަނޑުގައި އޮންނަ ދަރިފުޅު ބައިގެން ދިއުމުގެ ފުރުސަތު 50 ޕަސެންޓަށް ބޮޑުވެ އެވެ.

މި ދިރާސާ ހަދާފައި ވަނީ 2009-2017 އާ ދެމެދު ޗައިނާގައި ބަލިވެއިން މިލިއަނަކަށް ވުރެ ގިނަ މާބަނޑު މީހުންގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްގެންނެވެ. މީގެ މައިގަނޑު ބޭނުމަކީ ބައިގެން ދިއުމާ ޖައްވު ތަޣައްޔަރުވުމާ އެއްވެސް ގުޅުމެއްވޭތޯ ބެލުމެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު ކަމަކީ ވައި ނުސާފުވުމުގެ ސަބަބުން ސަލްފާ ޑިއޮކްސައިޑާއި ކާބަން މޮނައޮކްސައިޑް އިތުރުވެ އޭގެ ސަބަބުން މާބަނޑު މީހުންގެ ސިއްހަތަށް ނުރައްކާވާކަމެވެ. އަދި ބަލިވެ އިންނަތާ ފުރަތަމަ ތިން މަހުގެ ތެރޭގައި މީގެ ނުރައްކާ ބޮޑުވެ، ބައިގެން ދިއުމަށް މަގުފަހިވާ ކަމަށް ބުންޏެވެ.

ދިރާސާގައި ބުނިގޮތުގައި ޕަވަ ޕްލާންޓްތަކާއި އުޅަނދުފަހަރުން ޖައްވަށް ބޭރުވާ ސަލްފަ އޮކްސައިޑްގެ ކޮންމެ 10 މައިކްރޮގްރާމަކުން މާބަނޑު މީހުންނަށް ބައިގެން ދިއުމުގެ ފުރުސަތު 41 ޕަސެންޓަށް އިތުރުވެ އެވެ. އަދި ޖުމްލަކޮށް ބަލާއިރު ވައިގެ ނުފާސުވުމުގެ ސަބަބުން ބައިގެން ދިއުމުގެ ފުރުސަތު 52 ޕަސެންޓަށް ބޮޑުވާ ކަމަށް ވެސް ދިރާސާގައި ބުންޏެވެ.

ދިރާސާ ހެދި ބެއިޖިން ނޯމަލް ޔުނިވަސިޓީގެ ޕްރޮފެސަރު ލިގިއަންގް ޒަންގް ވިދާޅުވި ގޮތުގައި ޖައްވު ތަޣައްޔަރުވުމާއި މާބަނޑު މީހުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރާ ގުޅުން އޮތްކަމީ މިހާރު ކަށަވަރުކަމެކެވެ. އެކަމަކު މިއީ އަދިވެސް އިތުރު ހޯދުންތަކެއް ހޯދަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ. ދިރާސާ އިން ދައްކާ ގޮތުގައި ނުސާފު ވައިގެ ސަބަބުން މާބަނޑު މީހުންގެ ބަނޑުގައި ދަރިފުޅު އޮންނަ ފަޅިއަށް ބްލެކް ކާބަންގެ އެތިކޮޅުތައް ޖަމާވެ، އޭގެ ސަބަބުން ކުއްޖާގެ ސިއްހަތަށް ގެއްލުންވެ އެވެ.

މާބަނޑު މީހަކު ފޭސްމާސްކެއް އަޅައިގެން މަގެއްގެމަތީގައި.

މާބަނޑު މީހަކު ފޭސްމާސްކެއް އަޅައިގެން މަގެއްގެމަތީގައި.

ޒަންގް ވިދާޅުވި ގޮތުގައި ނުސާފު ވައިގެ ތެރެއަށް މާބަނޑު މީހުން ނުކުންނަ އިރު އެކަމަށް ފިޔަވަޅުތަކެއް އަޅައިގެން އުޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން ފޭސް މާސްކަކީ އެންމެ އަސާސީ އެއް ހައްލެވެ.

"މިއީ މާބަނޑު މީހުންނާއި ދަރިން ހޯދަން ޕްލޭންކުރާ އަންހެނުން ވެސް ސަމާލުކަންދޭން ޖެހޭ މައްސަލައެއް. އެހެންވެ ނުސާފު ވައި އެކުލެވޭ މާހައުލުތަކަށް ނުކުންނަ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ނުކުތުން ވެސް މުހިއްމު،" ޒަންގް ވިދާޅުވި އެވެ.