Roadha Mihaaru
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް

ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާންޖެހޭ ބޭހެއް އީޖާދުކުރަނީ

06 ޑިސެމްބަރ 2019

ދޭތެރެ ދުރުކުރަން އަންހެނުން މަހަކު އެއް ފަހަރު ކާންޖެހޭ ބޭހެއް އީޖާދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި މި ބޭސް ވުޖޫދަށް ގެނެވޭނެ ކަމަށް ދިރާސާ އެމެރިކާގެ ސައިންޓިސްޓުންގެ ޓީމަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދޭތެރެ ދުރުކުރަން އަންހެނުން މަހަކު އެއް ފަހަރު ކާންޖެހޭ ބޭހެއް އީޖާދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި މި ބޭސް ވުޖޫދަށް ގެނެވޭނެ ކަމަށް ދިރާސާ އެމެރިކާގެ ސައިންޓިސްޓުންގެ ޓީމަކުން ބުނެފި އެވެ.

ސައިންސް ޓްރާންސްލޭޝަނަނަލް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ މެސެޗޫޒެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ބުނީ އާ ބޭސް ވާނީ ދޭތެރެދުރުކުރަން ކޮންމެ ދުވަހަކު ބޭސް ކެއުން ހަނދާން ނެތިގެން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ބޭހެއް ކަމަށެވެ.

މި ބޭސް އީޖާދުކުރުމުގެ މަސައްކަތްކުރަމުން އަންނަ އިރު، ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އެމްއައިޓީ ބުންޏެވެ.

"މިއީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ވާހަކައަކަށް ވެދާނެ. އެކަމަކު އަހަރެމެން މިހާތަނަށް އެއްކުރި ޕްރި-ކްލިނިކަލް ޑޭޓާތަކަށް ބަލާ އިރު މަހަކު އެއްފަހަރު ބޭނުންކުރާ އޯރަލް ކޮންޓްރަސެޕްޓިވް ޕިލް ތައްޔާރުކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަނީ ވަރަށް ޕޮޒިޓިވްކޮށް. މިއީ މިކަން ކުރިއަށް ގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" އެމްއައިޓީގެ ޓީމްގައި ހިމެނޭ ޑރ. ޖިއޮވާނީ ޓްރެވާޒޯ ވިދާޅުވި އެވެ. "އެހެންވީމަ މިކަން ކާމިޔާބުވެއްޖެ ނަމަ މިއީ އަންހެނުން ދޭތެރެ ކުރަން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް."

އެޗްއައިވީ އާއި މެލޭރިއާ އަށް ވެސް ބޭނުންކުރާ ބޭސްތަކެއް އީޖާދުކުރި އެމްއައިޓީގެ ޓީމުން ބުނިގޮތުގައި ދޭތެރެދުރުކަން ތައްޔާރުކުރާ އާ ބޭހަކީ ތަރިއެއްގެ ބައްޓަމަށް ހަދާ ޖެލަޓިންގެ ފަށަލައެއް އެކުލެވޭނެ ބޭހެކެވެ. އެމްއައިޓީން ބުނިގޮތުގައި ތަރީގެ ބައްޓަމަށް ބޭސްގުޅަ ފަރުމާކުރާ ސަބަބަކީ ބޭހުން ކުރާ އަސަރު ތިން ހަފުތާއެއްހާ ދުވަހަށް (މަހަކަށް) ހިހަފައްޓަން އެކަމުން މަގުފަހިވާނެތީ އެވެ.

އަންހެނުނުންގެ ދަރިމައިވުމުގެ ސިއްހަތަށް އިންގިލާބެއް ގެންނަން އީޖާދުކުރާ މި ބޭހުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާ ގޭޓްސްގެ ފައުންޑޭޝަނުން ހަރަދުކޮށްގެންނެވެ.

އެމްއައިޓީން ބުނީ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، މީގެ މަރުހަލާތަކުގެ ތެރެއިން މާ ލަސްތަކެއް ނުކޮށް ބޭސް އިންސާނުންނަށް ދީގެން ޓްރައިލްތަކެއް ހަދަން ފެށޭނެ ކަމަށެވެ.

"އަހަރެމެންގެ ޓާގެޓަކީ ކުރިއަށް އޮތް ތިނެއް ނޫނީ ފަސް އަހަރުގެ ތެރޭގައި މި ބޭސް ލިބޭނެ ގޮތް ހެދުން،" ޓްރެވާޒޯ ވިދާޅުވި އެވެ.