Roadha Mihaaru
ސިއްހީ ދިރާސާކުރުމުގެ ޝައުގު އަންނަނީ އިތުރުވަމުން

ސިއްހީ ދިރާސާ ކުރުމުގެ ޝައުގުވެރިކަން އަންނަނީ އިތުރުވަމުން: މިނިސްޓަރު

16 އެޕްރީލް 2019

ރާއްޖޭގައި ސިއްހީ ދާއިރާ އިން ދިރާސާ ކުރުމުގެ ޝައުގުވެރިކަން އިތުރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ސިއްހީ ދާއިރާ އިން ދިރާސާ ކުރުމުގެ ޝައުގުވެރިކަން އިތުރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާއާ ގުޅޭ ގޮތުން މިދިޔަ އަހަރު ކުރި ހަ ދިރާސާއެއް އެކުލެވޭ 'ހެލްތު ރިސާޗު ބުލެޓިން' ނެރެދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހެލްތު މިނިސްޓްރީން އަންނަނީ ސިއްހީ ދިރާސާކުރާ ދާއިރާ ފުޅާކުރަން ވިސްނަމުން ކަމަށެވެ.

"ސިއްހީ ދާއިރާގެ ރިސާޗުކުރުމުގެ ވިސްނުން ވަރަށް ބޮޑުތަން ކުރިއަރުވަން [ބޭނުން]. [އޭގެ ތެރޭގައި] ރިސާޗު ކުރުމަށް ބޭނުންވާ ހޭދަ އިތުރުކުރުމާއި ރިސާޗުކުރުމަށް ބޭނުންވާ އުސޫލުތައް ހަރުދަނާ ކުރުމާއި ރިސާޗުކުރުމަށް ބޭނުންވާނެ އުސޫލްތައް ކަނޑައެޅުން [ހިމެނޭ]،" އަމީން ވިދާޅުވި އެވެ.

ސިއްހީ ދިރާސާ ހަދަން 2007 ވަނަ އަހަރު ހަތް ޕްރޮޕޯޒަލެއް ނެޝަނަލް ހެލްތު ރީސާޗު ކޮމިޓީ އަށް ލިބުނެވެ. އަދި 2017 ވަނަ އަހަރު 38 ޕްރޮޕޯޒަލެއް ލިބުނު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. މިދިޔަ އަހަރަށް ހުއްދަ ދިނީ ހަ ދިރާސާ އަކަށެވެ.

ހެލްތު މިނިސްޓަރު އަމީން، ހެލްތު ރިސާޗު ބުލެޓިން މިއަދު ނެރެދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހެލްތު މިނިސްޓަރު އަމީން، ހެލްތު ރިސާޗު ބުލެޓިން މިއަދު ނެރެދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދު އާންމުކުރި ބުލެޓިން ގައި، މިދިޔަ އަހަރު ކޮށްފައިވާ ދިރާސާތަކުގެ ހުލާސާ އާއި ރިސާޗު ކޮމިޓީގެ މައުލޫމާތާއި ސިއްހީ ދާއިރާގައި ކުރަމުންދާ ދިރާސާތަކުގެ މައުލޫމާތުގެ އިތުރުން ސިއްހީ ދިރާސާ ކުރުމަށް އިސްކަންދޭ ދާއިރާތައް ވެސް ހިމަނާފައި ވެ އެވެ. އޭގައި ހަތް މީހެއްގެ ދިރާސާތައް ހިމެނެ އެވެ.

ރިސާޗު ބުލެޓިން ގައި ހިމެނޭ ދިރާސާތައް:

- ސްޓްރޯކް ޖެހިފައިވާ މީހުން އައިޖީއެމްއެޗުގައި ފަރުވާދޭ ނަރުހުންނަށް ލިބިފައިވާ މައުލޫމާތާއި ހިދުމަތްދޭ ގޮތް.

- ތެލެސީމިއާ ބަލިމީހުން ދަގަނޑުގެ މާއްދާ ދަށްކުރުމަށް ދޭ ފަރުވާ ކުރިއަށް ނުގެންދިއުމަށް މެދުވެރިވާ ސަބަބުތައް.

- އައިޖީއެމްއެޗްގެ އައިސީޔޫ ގައި މެޝިނުގެ އެހީގައި ނޭވާލައްވާ ބަލިމީހުންގެ ފަރުވާ ދިގުދެމިގެންދާ ސަބަބުތައް.

- ނަރުހުންދޭ ފަރުވާއާ މެދު އައިޖީއެމްއެޗްގެ ވޯޑް ބީ [މާބަނޑުމީހުންނަށް ހާއްސަ ވޯޑް] ގައި ތިބޭ މީހުން ހިތްހަމަޖެހޭ މިންވަރު.

- މާލޭގެ ސާނަވީ ފެންވަރުގެ ސްކޫލްތަކުގެ ކުދިންގެ މެދުގައި ދުފުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މައުލޫމާތު ލިބިފައިވާ މިންވަރާއި ބޭނުންކުރާ ގޮތް.

- ދަސްވެނިވެފައިވާ ނަރުހުން އަލަށް ވަޒީފާ އަށް ނުކުންނަ ފުރަތަމަ އަހަރުގެ ތަޖުރިބާ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުން ހުރި ދިރާސާތަކުގެ މައުލޫމާތު ފަސޭހަކަމާ އެކު އެއް ތަނަކުން ފޯރުކޮށްދޭން ނެރޭ މިފަދަ ހަ ވަނަ ގައުމީ ބުލެޓިނެވެ.

ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސާމިއާ ހެލްތު ރިސާޗު ބުލެޓިންއާ ބެހޭ ގޮތުން މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސާމިއާ ހެލްތު ރިސާޗު ބުލެޓިންއާ ބެހޭ ގޮތުން މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާމިއާ ވިދާޅުވީ މިއީ މިފަދަ ދިރާސާތައް ކުރާ މީހުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ އިތުރުން މިކަމަށް ޝައުގުވެރިވާ މީހުންނަށް ހިތްވަރުދިނުމަށް ނެރޭ ބުލެޓިން އެއް ކަމަށެވެ. އަދި އެ މިނިސްޓްރީގެ އުންމީދަކީ ސިއްހީ ދާއިރާއާ ގުޅުން ހުރި ޕްރޮގްރާމްތަކާއި ސިޔާސަތުތައް ހެދުމުގައި އެ ދިރާސާތަކުން ހޯދާ މައުލޫމާތު ބޭނުންކުރުން ކަމަށް ވިދާޅުވި އެވެ.