Roadha Mihaaru
އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެ

އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެ

31 ޖެނުއަރީ 2024

ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުމުގައި ދަތިވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުމުގައި ދަތިވެއްޖެ އެވެ.

ޑޮކްޓަރީ ބޭހުގެ ވިޔަފާރިކުރާ މީހަކު "މިހާރު" އަށް މިއަދު ބުނީ މީގެ ކުރިން ބޭސް ގެނައި މެނުފެކްޗަރާތަކެއް، އެހެން ފަރާތްތަކުން ގަނެ، ލޭބަލް ބަދަލުކޮށްފައިވާތީ ބޭސް ގެނައުމުގައި ދަތިތައް ދިމާވެފައިވާ ކަމަށެވެ.

އެކަމާ ހެދި އެންމެ އުނދަގޫވެގެން އުޅެނީ، ބޭރަށް ހިނގުމާއި ހޮޑުލުން ހުއްޓުވުމަށް ދޭ ނިއުޓްރޮލިން ބީ ނަމަކަށް ކިޔާ ބޭސް ހޯދުމަށެވެ. އޭގެ ސިރަޕާއި ގުޅަ ބޭސް ހޯދަން ވެސް ދަތިވެފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ބެޓްނޯވައިޓާއި ބޮންޖެލޯ އަދި ޑާމަވޭޓް ކްރީމް ލިބުން ދަތިވެފައިވާ ކަމަށް، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ބޭސް އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.

ބޭސް ފިހާރަ ހިންގާ އެހެން ވިޔަފާރިވެރިއަކު ބުނީ އެންޓިބަޔޮޓިކާއި އެންޓިބަޔޮޓިކް އިންޖެކްޝަން ލިބުން ދަތިވެފައިވާ ކަމަށެވެ.

ރާއްޖެއަށް ބޭސް އެތެރެކުރާއިރު، ސީއޯޕީޕީ، ޖީއެމްޕީ، ސާމްޕަލްގެ ބޭރު ފުށް، ކުރިން ދީފައިވާ ހުއްދަ އަދި ސީއޯއޭ ހުށަހަޅަންޖެހެ އެވެ. އޭގެ އިތުރަށް ކުންފުނީގެ ތަފުސީލާއި ޕްރޮފައިލް ހުށަހަޅަންޖެހެ އެވެ.

"މީގެ ކުރިން ބޭސް ގެނައި އިންޑިއާގެ ވަރަށް ގިނަ މެނުފެކްޗަރާތައް، އެހެން ފަރާތްތަކުން ގަތުމުގެ ސަބަބުން ޕެކިން ބަދަލުވެފައި ވަނީ. އެކަމަކު، ހަމަ އެއް ތަނެއްގައި މި ބޭސް އުފައްދަނީ. ބޭހުގެ ޕެކިން އެކަނި މި ބަދަލުވީ. ނަމަވެސް، އެމްއެފްޑީއޭއިން އެކަން ގަބޫލެއް ނުކުރޭ،" އޭނާ ބުންޏެވެ.

"މި ގޮތަށް ބޭސް ގެންނަ ނަމަ އެބަޖެހޭ ކުންފުނީގެ މައުލޫމާތުތައް ހުށަހަޅަން. އެ މައުލޫމާތުތަކެއް އެ ކުންފުނީގެ އަތުން ނުލިބޭ."

އެކަމަކު، އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ އާއްމުކޮށް ބޭނުންކުރާ ބޭސް ހުސްވެގެން އެކަމުގެ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ކަނޑައަޅާފައިވާ އުސޫލުތަކަށް ބޭސް އެތެރެކުރުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ފާމަސީތައް ހިންގާ މީހުންގެ ނުރުހުން އަބަދު ވެސް އަމާޒުވެފައިވަނީ އެމްއެފްޑީއޭގެ އުސޫލަށެވެ. އެ މީހުން ބުނާ ގޮތުން، ފެންވަރު ރަނގަޅު ބޭސް ގެނައުމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައިވަނީ އެ ގަވައިދުތަކާ ހެދި އެވެ. ބޭހެއް ރަޖިސްޓަރީ ކޮށްދިނުމަށް ވެސް މަދުވެގެން 4-5 މަސް ދުވަސް ހޭދަވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.