Roadha Mihaaru
ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

22 ފެބުރުއަރީ 2024

ރައްކާތެރިކަން އިތުރަށް ބެލުމަށް ފަހު، ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ، އެމްއެފްޑީއޭ އިން އަލުން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްކާތެރިކަން އިތުރަށް ބެލުމަށް ފަހު، ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ، އެމްއެފްޑީއޭ އިން އަލުން މިއަދު ދީފި އެވެ.

އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނީ، ޕެނެޑޯލްގެ 500 މިލިގްރާމްގެ ބޭހަށް ދިމާވި ކޮލިޓީ މައްސަލައާ ހެދި އެކަން އިތުރަށް ބަލަން ލެބޯޓްރީ ތަހުލީލުތައް ހަދައި އޭގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓުން، "ޕެނެޑޯލް" ބްރޭންޑުގައި ހުންނަން ޖެހޭ ވަރަށް ބޭހުގެ ސްޓްރެންޓު ނެތްކަން ޔަގީން ވެފައިވާ ކަމަށް ބުންޏެވެ.

އެ މައްސަލަ ދިމާވާން މެދުވެރިވެފައިވަނީ ބޭސް އުފުލުމާއި ގެންގުޅެ އަދި ގުދަން ކުރުމުގެ މިންގަނޑުތައް ހިފެހެއްޓިފައި ނެތުމުން ކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް، ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާއިން ބުންޏެވެ. ނަމަވެސް، ކޮލިޓީގެ މައްސަލަ ދިމާވި ޕެނެޑޯލްގެ ބެޗު މިހާރު މާކެޓުގައި ނެތްކަން އެ އިދާރާ އިން ވަނީ ކަށަވަރުކޮށްފަ އެވެ.

ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބޭހަކީ ޕެނެޑޯލެވެ. އެ ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސް ގުޅައިގެ ވަށައިގެންވާ ތަންތަންކޮޅު ނެއްޓިފައި ހުރުމުން، އެ ބޭސް ރާއްޖެ އެތެރެކުރުން މިދިޔަ މަހުގެ 30 އިން ފެށިގެން ވަނީ "ރެސްޓްރިކްޓު"ކޮށްފަ އެވެ. އަދި އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން އެ ބޭސް ނުވިއްކަން ވެސް އެންގިފަ އެވެ.

އެކަމަކު، އިތުރަށް ބަލަންޖެހޭ ކަންކަމަށް ވެސް، އެ ފިޔަވަޅުތައް ވަނީ ދޫކޮށްލައިފަ އެވެ.

"ވީމާ، މިއަދުން ފެށިގެން މި ބޭސް ވިއްކުމާއި ބޭންކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރަމެވެ،" އެލާޓްގައި ވެ އެވެ.

އެމްއެފްޑީއޭއިން ވަނީ އެފަދަ މައްސަލަތައް އިތުރަށް ތަކުރާރުނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ބޭސް އުފުލުމާއި ގުދަންކުރުމާއި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އެތެރެކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކަށް އަންގައިފަ އެވެ.