Roadha Mihaaru
ކޯޓާ ވިއްކަން ނިންމައި، ވިސާފީ 100ރ. ބޮޑުކުރަނީ

ކޯޓާއެއް 2000ރ. އަށް ވިއްކަން ނިންމައި، ވިސާ ފީ ބޮޑުކުރަނީ!

04 ނޮވެމްބަރ 2019

ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ޓަކައި އަންނަ އަހަރުގެ ތެރޭގައި ކޯޓާ ވިއްކަން ފަށައި، ބިދޭސީންގެ ވޯކް ވިސާ ފީ ބޮޑުކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ޓަކައި އަންނަ އަހަރުގެ ތެރޭގައި ކޯޓާ ވިއްކަން ފަށައި، ބިދޭސީންގެ ވޯކް ވިސާ ފީ ބޮޑުކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި މިހާރު ކޮންމެ މަހަކު ވިސާ އަށް ދައްކަމުން އަންނަ 250ރ. ބަދަލުވެގެންދާނީ 350ރ. އަށެވެ. އަދި މިހާރު ހިލޭ ދެމުން އަންނަ ކޯޓާ ދެން ޖެހޭނީ ކޯޓާއަކަށް 2000ރ. ގެ މަގުން ގަންނާށެވެ. އެކަމަކު މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ދައުލަތުގެ އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅިއިރު އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ފަސް ކަންތަކުގެ ތެރޭގައި ވޯކް ވިސާގެ ފީ އިތުރު ކުރުމާއި ކޯޓާ އަށް ބަދަލު ގެނައުން ހިމެނެ އެވެ. އަދި މިކަން ކޮށްގެން އަންނަ އަހަރު ދައުލަތަށް 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންޒާދާކޮށްފައި ވެ އެވެ. މިއީ، އަންނަ އަހަރު އިތުރަށް ތައާރަފުކުރާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ ވެސް މެ އެވެ. އާ ފަސް ކަމެއް ތައާރަފުކޮށްގެން ދައުލަތަށް އަންނަ އަހަރު 2.5 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ.

ރާއްޖޭގައި ދޮޅު ލައްކައެއްހާ ބިދޭސީން ތިބި ކަމަށް ހިސާބުތައް ދައްކާ ގޮތުން އޭގެ ތެރެއިން ގާތްގަނޑަކަށް 60،000 ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް ރެކޯޑުތަކުން ދައްކަ އެވެ. އެހެންވެ، ސަރުކާރުން މިހާރު ވަނީ އެ މީހުން އަލުން ރެޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލައިފަ އެވެ.