Roadha Mihaaru
ސަރުކާރު އޮފީސްތަކުގެ ކޭޝް ފްލޯ ހުށަހަޅަން އަންގައިފި

ސަރުކާރު އޮފީސްތަކުގެ ކޭޝް ފްލޯ ހުށަހަޅަން އަންގައިފި

15 ޑިސެމްބަރ 2019

ސަރުކާރު އޮފީސްތަކުން އަންނަ އަހަރު ކުރާނެ ހަރަދުތައް ހާމަކޮށްދޭ "ކޭޝް ފްލޯ" ޕްލޭން ހުށަހަޅަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރު އޮފީސްތަކުން އަންނަ އަހަރު ކުރާނެ ހަރަދުތައް ހާމަކޮށްދޭ "ކޭޝް ފްލޯ" ޕްލޭން ހުށަހަޅަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ އޮފީސްތަކަށް އެ މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ މި މަހުގެ 23ގެ ކުރިން އެ މިނިސްޓްރީ އަށް ކޭޝް ފްލޯ ޕްލޭން ހުށަހަޅަން ޖެހޭނެ ކަަމަށެވެ. އަންނަ އަހަރުގެ އޮފީސްތަކުގެ ބަޖެޓް މިނިސްޓްރީން ދޫކުރާނީ އެ ޕްލޭން ލިބުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު އޮފީސްތަކަށް ބަހާފައިވާ ގޮތުގެ ރިޕޯޓް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. މި ރިޕޯޓު އެ މިނިސްޓްރީ އަށް ތައްޔާރު ކުރެވޭނީ އޮފީސްތަކުން އަންނަ އަހަރު ކުރަން ރާވާފައިވާ ކަންތައްތަކުގެ ރިޕޯޓު ލިބުމުންނެވެ.

ފިނޭންސުން ވަނީ ސަރުކާރު އޮފީސްތަކަށް ފޮނުވި މިސާކިއުލާގައި ކޭޝް ފްލޯ ޕްލޭން ތައްޔާރުކުރާނެ ގޮތުގެ ތަފްސީލު ވެސް ހިމަނައިފަ އެވެ. އެގޮތުން، މި ޕްލޭން ތައްޔާރު ކުރަންޖެހޭނީ އޮފީސްތަކުން ހިންގާ ޕްރޮޖެކްޓުތަކާއި ޕްރޮގްރާމްތަކަށް ވަކިންނެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ވަނީ 37.9 ބިލިއަން ރުފިޔާ ފާސްކޮށްފަ އެވެ. މިއީ ފިނޭންސް މިނިސްޓްރީން ހުށަހެޅި އަދަދަށް ވުރެ 366 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހު މަޖިލީހުން ފާސްކުރި އަދަދެކެވެ.