Roadha Mihaaru
ސީރަތު: މި އިލްމުވެރިން ވިދާޅުވަނީ ކީކޭ؟

ސީރަތު: މި އިލްމުވެރިން ވިދާޅުވަނީ ކީކޭ؟

01 ނޮވެމްބަރ 2019

ރާއްޖޭގައި ދީނީ އަރައިރުން ނެތެކޭ ބުނެވޭކަށް ނެތެވެ؛ ދެކޮޅަށް ވިސްނާއިރު ވެސް މި މައްސަލަ އެބައޮތެވެ. އޭގެ ހުޅުގަނޑު އޮތީ ފަޅައިގެން ދާން ތައްޔާރުވެފަ އެވެ. ނުރައްކާ އޮތީ އިންތިހާ އަށެވެ! ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން މިދަނީ އާންމު ކަމަކަށް ވަމުންނެވެ. މި މައްސަލަ އަށް ދެން އޮތީ ކޮން ހައްލެއްތޯ އެންމެން ވެސް އަންނަނީ ސުވާލު ކުރަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުން، މި ހިސާބަށް އެކަން ފެތުރިގެން ދިއުމުގެ ހަގީގީ އަސާސް ގުޅިފައި އޮތީ، ދީން ރަނގަޅަށް ނޭނގުމެވެ. ހަގީގީ އިސްލާމްދީން ރަނގަޅަށް އޮޅުންފިލުވައި ނުދެވުމެވެ. ހަރުކަށިކަން އިސްކުރަނީ ވެސް އެހެންވެ އެވެ. އަދި ދީނުން ބޭރު ވަނީ ވެސް އެހެންވެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ދީނީ އަރައިރުން ނެތެކޭ ބުނެވޭކަށް ނެތެވެ؛ ދެކޮޅަށް ވިސްނާއިރު ވެސް މި މައްސަލަ އެބައޮތެވެ. އޭގެ ހުޅުގަނޑު އޮތީ ފަޅައިގެން ދާން ތައްޔާރުވެފަ އެވެ. ނުރައްކާ އޮތީ އިންތިހާ އަށެވެ! ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން މިދަނީ އާންމު ކަމަކަށް ވަމުންނެވެ. މި މައްސަލަ އަށް ދެން އޮތީ ކޮން ހައްލެއްތޯ އެންމެން ވެސް އަންނަނީ ސުވާލު ކުރަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުން، މި ހިސާބަށް އެކަން ފެތުރިގެން ދިއުމުގެ ހަގީގީ އަސާސް ގުޅިފައި އޮތީ، ދީން ރަނގަޅަށް ނޭނގުމެވެ. ހަގީގީ އިސްލާމްދީން ރަނގަޅަށް އޮޅުންފިލުވައި ނުދެވުމެވެ. ހަރުކަށިކަން އިސްކުރަނީ ވެސް އެހެންވެ އެވެ. އަދި ދީނުން ބޭރު ވަނީ ވެސް އެހެންވެ އެވެ.

ދީނަށް ފުރައްސާރަ ކޮށްގެން ނުވާނެ އެވެ. މިއީ އެންމެން އިއްތިފާގުވާ ކަމެކެވެ. ހަމަ އެހެންމެ، ދީނުގެ ނަމުގައި މީހުންް ކަތިލަން ގޮވައި މަރައި ހަދައިގެން ވެސް ނުވާނެ އެވެ. މިއީ ވެސް ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ.

މިފަދަ ދަނޑިވަޅެއްގައި އެންމެ މުހިންމު ވެފައިވަނީ ވަކިކޮޅަކަށް ނުޖެހޭ ދީނީ އިލްމުވެރިންގެ އަގުހުރި ނަސޭހަތެވެ. އެ މަގުސަދުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ރޭ ވަނީ "ސީރަތު"ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ހާއްސަ ސެމިނާތަކެއް ފަށައިފަ އެވެ. އޭގެ ފުރަތަމަ ސެމިނާ "ހަރުކަށިކަމާއި ފުރައްސާރަ ކުރުން- އިސްލާމީ ނަޒަރަކުން" މައުލޫއަށް ރޭ ބޭއްވިއިރު ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިނެވެ. ޚިޔާލު އުފެދިފައިވާ ތަފާތު މައްސަލަތަކުގައި ކަން އޮންނަ ގޮތް ސާފުކޮށްދިނެވެ.

އައިޔޫއެމްއިން ބޭއްވި ސެމިނާގައި ދީނީ އިލްމުވެރިން ކަމަށްވާ ޑރ. ޖަމީލާއި ޑރ. ޒަކަރިއްޔާ އަދި ޑރ. ސައުދުﷲ: އިލްމީ ޖަވާބުތަކެއް ދެއްވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

އައިޔޫއެމްއިން ބޭއްވި ސެމިނާގައި ދީނީ އިލްމުވެރިން ކަމަށްވާ ޑރ. ޖަމީލާއި ޑރ. ޒަކަރިއްޔާ އަދި ޑރ. ސައުދުﷲ: އިލްމީ ޖަވާބުތަކެއް ދެއްވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެގޮތުން ގައުމީ ޔުނިވާސިޓީގެ ރަޖިސްޓްރާ ޑރ. ސައުދުﷲ އަލީ އާއި އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުގައި ލެކްޗަރާއަކަށް އުޅުއްވާ ޑރ. އަބްދުލް ގަފޫރު އަބްދުއްރަހީމްގެ އިތުރުން އައިޔޫއެމުން ޝަރީއާއިން ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވާ އިސްމާއިލް ނާޖީ އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވަނީ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅުއްވައި ދެއްވައިފަ އެވެ. ވަގުތު ނެތުމުގެ ސަބަބުން އައިޔޫއެމްގެ ވައިސް ޗާންސެލާ، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަބްދުﷲ ޖަމީލް ރޭ ޕްރެޒެންޓޭޝަން ހުށައެއްނާޅުއްވަ އެވެ.

ހައްދުފަހަނަ އެޅުމާއި ދީނަށް ފުރައްސާރަކުރުން

ދީނަށް ފުރައްސާރަ ކުރުމާއި ދީނުން ހައްދުފަހަނަ އަޅާ ދިއުމާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދެއްވަމުން ސައުދުﷲ ވިދާޅުވިގޮތުގައި އެއްބަޔަކު ދީނާ ދުރަށްދާއިރު އަނެއް ބަޔަކު ދީނުގެ މެދުމިން ފަހަނަ އަޅާދަނީ އެވެ. އެ ދެ ކަމަކީ ވެސް ގޯސް ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ދީނަށް ފުރައްސާރަ ކުރާ މީހުން ﷲ އަށާއި ރަސޫލާ އަށް ފުރައްސާރަ ކުރާއިރު ނަމާދަކީ ކުޅިވަރެއް ކަމެއް ބުނެ ވާހަކަ ދައްކާ ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އަދި ޣައިބުގައިވާ ކަންކަމާއި މުއުޖިޒާތްތަކަށް ޖޯކު ޖަހާ ހަދަމުންދާ ކަމަށް ވިދާޅުވި އެވެ. ދީނަށް ފުރައްސާރަ ކުރާ މީހުން އެކަން ކުރާ ސަބަބުތައް ވެސް ސައުދުﷲ ވަނީ ކިޔުއްވައިދެއްވައިފަ އެވެ.

އޭގެ ތެރެއިން ބައެއް ކަންކަން:

• އިސްލާމް ދީނާ މެދު ހިތުގައި އުފެދިފައިވާ ހަސަދަ އާއި ނަފްރަތު

• ޖާހިލު ކަންކަން ދަމަހައްޓަން ހުރަސް އެޅޭތީ

• ފާހިޝް އަމަލުތައް ހިންގުމަށް ހުރަސް އެޅޭތީ

• ހެޔޮލަފާ މީހުންނަށް ލިބޭ ގަދަރަށް ހަސަދަވެރި ވާތީ

• ތިމާނޫން އެހެން މީހުންނަށް ކަންކަން ނޭންގޭ ކަމަށް ގަބޫލު ކުރުން

• މަޝްހޫރުވާން ބޭނުންވާތީ

• އިސްލާމް ދީނުގެ އަދުއްވުން ކޮޕީކުރާތީ

"އެކަންކަން ކުރާ މީހާއަކީ މުޖުރިމެއް. މުނާފިގަކަށް ވޭ. ނިކަމެތިވެގެންވާ މީހަކު ކަމުގައި އެ މީހާ ވާނެ. ގުރުއާނާއި ރަސޫލާގެ ސުންނަތުން އެކަން އެނގޭ،" ދީނީ ލިޔުންތައް ނޫސްތަކަށް ލިޔުއްވާ ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ރޭ ޕްރެޒެންޓޭޝަން ދެއްވަނީ: އޭނާ ވާހަކަ ދެއްކެވީ ހައްދު ފަހަނަ އެޅުމާއި ދީނަށް ފުރައްސާރަ ކުރުމާ ގުޅޭގޮތުން-- ފޮޓޯ: ނިޝާން އަލީ/މިހާރު

ސައުދުﷲ ރޭ ޕްރެޒެންޓޭޝަން ދެއްވަނީ: އޭނާ ވާހަކަ ދެއްކެވީ ހައްދު ފަހަނަ އެޅުމާއި ދީނަށް ފުރައްސާރަ ކުރުމާ ގުޅޭގޮތުން-- ފޮޓޯ: ނިޝާން އަލީ/މިހާރު

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދުނިޔޭގައި ވެސް އަޒާބު ލިބޭ ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އެގޮތުން ނޫހުގެފާނުގެ ގައުމުގެ މީހުން ޣަރަގު ވުމާއި ލޫތުގެފާނުގެ ގައުމުގެ މީހުން ބަންޑުން ޖެއްސެވުން އޭނާ ފާހަގަ ކުރެއްވި އެވެ.

ހައްދުފަހަނަ އަޅާ ދިއުމާ ގުޅޭގޮތުން ސައުދުﷲ ވިދާޅުވީ މުސްލިމުންގެ ތެރެއިން ވެސް އެކަން ފެންނަމުންދާ ކަމަށެވެ. އޭގެ ސަބަބުން މުސްލިމުންނަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަހަލަ މީހުން ފާހަގަވާނެ ގޮތްތައް ވެސް ސައުދުﷲ ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

އޭގެ ތެރެއިން ބައެއް ކަންކަން:

• އެންމެ ރައުޔެއް ފިޔަވާ އެހެން ރައުޔުތަކަށް ފުރުސަތު ނުދިނުން

• ﷲ ލާޒިމް ނުކުރާ ކަންކަން މީހުންނަށް ލާޒިމް ކުރުން

• ހަރުކަށިވާން ނުޖެހޭ ތަންތަނުގައި ހަރުކަށިވުން

• ގޯސް ކަމެއްކަން ކަށަވަރު ނުވާ ކަންކަން ގޯސް ކަންކަމަށް ހެދުން

• ހިކުމަތާއި ރީތި ވައުދުގެ ބޭނުން ނުކޮށް މީހުންނާއި ތަކެއްޗަށް ގެއްލުންދިނުން

• ކުންހީގެ މައްޗަށް ކަންކަން ނިންމުން

• ހިޔާލު ތަފާތު މީހުންނަކީ ބިދުއަ ވެރިން ކަމަށް ބުނުން

• ފާފަ ކުރާ ކޮންމެ މީހަކީ ކާފަރެއް ކަމަށް ދުށުން

"އިސްލާމީ އުންމަތް އެހެން އުންމަތްތަކާ ތަފާތުވާ މައިގަނޑު އެއް ސަބަބަކީ މެދުމުގެ ދީނަކަށް ވުން. ﷲ އާއި ރަސޫލާ އަންގަވާފައިވަނީ ހައްދުފަހަނަ އަޅައި ނުދިއުމަށް،" ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ސައުދުﷲ ވިދާޅުވި އެވެ.

އިސްލާމް ދީން ބާރުއަޅަނީ ސުލްހަ އަށް

މާތް ﷲ ބާއްވައިލެއްވި ހަމައެކަނި ދީނަކީ އިސްލާމް ދީންކަން އިލްމުވެރިން ތަކުރާރުކޮށް ފާހަގަ ކުރައްވައި ވިދާޅުވީ ނަމަވެސް ތަފާތު ހިޔާލުތަކުގެ މީހުންނާ އެކު އުޅުމަށް ގުރުއާނާއި ރަސޫލާގެ ސުންނަތުން ބާރު އަޅުއްވާފައިވާ ކަމަށެވެ. އެކުގައި އުޅުމަކީ ކޮބައިކަން ސާފުކޮށްދެއްވަމުން ނާޖީ ވިދާޅުވީ އެއީ އަހުލާގީ ގިންތިތަކުގެ ތެރޭގައި ވާހަކަ ދައްކައި ކަންކަން ހައްލުކުރުން ކަމަށެވެ. އެގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކާއެކު އުޅޭނެ ގޮތުގެ އަސާސްތަކެއް ކަނޑައަޅައި އެއްބަސް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެއީ ދުޝްމަނެއް ވިޔަސް. ގެއްލުންދިން މީހެއް ކަމަށް ވިޔަސް. އެ މީހަކާ ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނަންވާނެ. އެހެން ނޫނީ އެކަމަށް ހައްލެއް ނުލިބޭނެ،" އަޒްހަރް ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ނާޖީ ވިދާޅުވި އެވެ.

އެކު އުޅުމުގައި އަމަލު ކުރަންވީ ގޮތް:

• ތަފާތު އަންދާޒާ ކުރުމާއި އެއަށް އިހުތިރާމް ކުރުން

• އެއީ ﷲގެ އިރާދަފުޅުން ނިޔާކުރައްވާފައިވާ ހަގީގަތެއްކަން ގަބޫލުކުރުން

• ވުޖޫދުގައި ހެވާއި ނުބައި އޮންނާނެކަން ގަބޫލު ކުރުން

އިސްލާމްދީނަކީ އެހެން ދީންތަކާއި އެހެން ވިސްނުންތަކަށް ވެސް އިހުތިރާމް ކުރާ ދީނެއްކަން ގުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި އިލްމުވެރިން ވަނީ ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން ނާޖީ ވިދާޅުވީ ރަސޫލާގެ ޒަމާނުގައި މަދީނާއިން މުސްލިމުންނަށް ފުރިހަމަ ބާރު ލިބުމަށް ފަހުގައި ވެސް އެކި ދީންތަކުގެ މީހުންނަށް އުޅެން ފުރުސަތު ލިބުނު ކަމަށެވެ.

އެކަމަށް ބާރު ދެއްވައި ވާހަކަ ދައްކަވަމުން، އޮސްޓްރޭލިއަން އިންޓަނޭޝަނަލް އެކަޑެމީގެ ލެކްޗަރާ ޑރ. އަބްދުލް ގަފޫރު އަބްދުލް ރަހީމް ވިދާޅުވިގޮތުގައި ރަސޫލާ މަސައްކަތް ކުރެއްވީ ވަކިކަހަލަ އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައުއެއް ބިނާ ކުރެއްވުމަށާއި ވަކި ކަހަލަ ސިފަތަކެއް ލިބިފައިވާ ބައެއް އުފެއްދެވުމަށެވެ. އެގޮތުން ޖާހިލު ބައެއްގެ ތެރެއަށް އުފަންވެ ވަޑައިގެންނެވި އެކަލޭގެފާނު އެކަންކަން ކުރެއްވި ގޮތަކީ އެކަމުން މިސާލު ލިބިގަންނަން ޖެހޭ ކަންކަން ކަމަށް ވިދާޅުވި އެވެ.

ޑރ. އަބްދުލް ގަފޫރު: ރަސޫލާގެ ސީރަތާ ގުޅޭގޮތުން ތަފްސީލީ ވާހަކަތަކެއް ދެއްކެވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޑރ. އަބްދުލް ގަފޫރު: ރަސޫލާގެ ސީރަތާ ގުޅޭގޮތުން ތަފްސީލީ ވާހަކަތަކެއް ދެއްކެވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގިނިކަންޏާ ހިރާ ފަރުބަދާގައި އެކަލޭގެފާނު ހޭދަ ކުރެއްވި ގިނަ ދުވަސްތަކުން އަބްދުލް ގަފޫރު މިސާލު ދެއްކެވި އެވެ. އެކަލޭގެފާނު އެގޮތަށް އަމަލު ކުރެއްވީ ޖާހިލުކަންމަތީގައި ތިބި ބަޔަކަށް ހެޔޮ ގޮތް ވިދާޅުވެދެއްވާ ގޮތްތަކަށް ވިސްނާ ވަޑައިގަތުމަށް ކަމަށާއި އެހެންކަމުން ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް އެކަންކަމާ ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ އިސްލާމީ ދައުލަތް ބިނާ ކުރެއްވީ ވެސް ހަމަހަމަ ކަމާއި އަދުލްވެރިކަމުގެ މައްޗަށްކަން ފާހަގަ ކުރެއްވި އެވެ. އޭރު ވެސް އެ ބައެއް ތިބި ދީނެއްގެ މަތީގައި ތިބުމުގެ ފުރުސަތު ރަސޫލާ ދެއްވިކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް ގުޅުން ބޭއްވެވި ކަމަށާއި އެގޮތުން މަދީނާ އަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުން އޮތް ކަމަށް ވިދާޅުވި އެވެ.

"ދެބަސްވުމެއް އުފެދިއްޖެ ނަމަ އަމިއްލަ އަށް ހައްލު ކުރަން އެންގެވީ. އެވަރުން ހައްލުނުވެއްޖެ ނަމަ ރަސޫލާގެ އަރިހަށް އެކަމެއް ގެނައުމަށް. އޭގެން ވެސް އެބަ އިނގޭ އިސްލާމީ ދައުލަތް ފެށިގެން އައީ ހަމަހަމަކަމާ އަދުލުވެރިކަމާ އެކުކަން."

އެކު އުޅުމުގެ ބައެއް ފައިދާތައް:

• ކުށެއްނެތް ފުރާނަތަކެއް ސަލާމަތް ކުރެވޭ

• ސުލްހަ މަސަލަސްކަން ގާއިމް ކުރެވޭ

• ވާހަކަދައްކައި ކަންކަމާ ހިޔާލު ބަދަލުކުރެވި ބަހުސް ކުރުމުގެ ދޮރު ހުޅުވޭ

• ފިކުރާއި ހިޔާލު މުއްސަނދި ސަގާފަތެއް އުފެދުން

ދީނަށް ފުރައްސާރަ ކުރުން މިހާރު އިތުރުވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ބޮޑު މައްސަލައެކެވެ. އެކަން ކުއްލިއަކަށް ރާއްޖޭގައި ފެތުރެނީ ކީއްވެގެންތޯ ކޮންމެ މީހަކު ވެސް ސުވާލު ކުރެ އެވެ. ނާޖީގެ ނަސޭހަތަކީ ކުރިއަށް އޮތްތަނުގައި ވެސް އެކަންކަން ކުރިމަތިވާނެކަން ގަބޫލުކޮށް ތިބުމަށެވެ. ކަންކަން ދިމާވުމުން ޝޮކްވުން ކުޑަ ކުރުމަށެވެ. އަދި އެފަދަ ކަންކަމާ ދެކޮޅަށް ރަނގަޅު ފިޔަވަޅު އެޅުމަށެވެ.

"ހިލާފުތައް އަންނާނެކަން ގަބޫލު ކުރަން ޖެހޭ. މުޅި ދުނިޔެ ކްލޯންކޮށްގެން ނުގެންގުޅެވޭނެ،" ނާޖީ ވިދާޅުވި އެވެ. "ތަފާތުތަކާ އެކު އުޅުމަކީ ހިތްވަރުގަދަ މާތް ސިފައެއް."

ސައުދުﷲ ވިދާޅުވިގޮތުގައި މިފަދަ ކަންކަމަކީ މުންކަރާތްތަކެވެ. އެކަންކަން ރަނގަޅު ކުރުމަށް އެ މީހެއްގެ ފެންވަރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ގާނޫނު ތަންފީޒު ކުރާ މީހުން އެފަދަ ކުށްކުރާ މީހުންނަށް އަދަބު ދޭން ޖެހޭ ކަމަށާއި އިލްމުވެރިން ހެޔޮގޮތްތައް ބުނެ ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމުގައި އަމަލު ކުރަން ޖެހޭނީ ކެތްތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ރުޅިވެރިކަމާއި ނަފްރަތު އުފެދިފައިވާ ދުވަސްވަރެއްގައި މިފަދަ ސެމިނާރެއްގެ މުހިންމުކަން ވަރަށް ބޮޑެވެ. އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން ހެޔޮ ގޮތް ބުނެދޭނެ އިލްމުވެރިންތަކެއް މި ވަގުތު ރާއްޖެ އަށް މުހިންމެވެ. ސެމިނާރުގައި ބުނެފައިވާ ފަދައިން މައްސަލަތައް އަބަދު ވެސް ކުރިމަތިވާނެ އެވެ. އޭގެ ކާމިޔާބަކަށް ވާނީ އެ މައްސަލަތަކަށް ހިކުމަތްތެރިކަމާ އެކު ފިޔަވަޅު އެޅުމެވެ.