Roadha Mihaaru
މިއީ އެ ދުވަސް: ނޮވެމްބަރު 3 އަބަދުވެސް އެގޮތުގައި

މިއީ އެ ދުވަސް: ނޮވެމްބަރު 3 އަބަދުވެސް އެގޮތުގައި

03 ނޮވެމްބަރ 2019

ގަލޮޅު ސަހަރާ ކުރިމަތިން، އިރުން ހުޅަނގަށް އޭނާ ބައިސްކަލް ދުއްވާފައި އައި އިރު އިނީ ދެ ލޯ ބޮޑުވެފަ އެވެ. ހުދު ކުލައިގެ ގަމީހުގެ ގޮށްތައް ފޫޅާ ހަމައަށް ހުރީ ނެއްޓިފަ އެވެ. މާނޭވާ ލެވެ އެވެ. އޭނާ ގޮވަމުން ދިޔައީ "ބަޔަކު މާލެ އަރައި، ބަޑި ޖަހަނީ، މީހުން މަރަނީ!" މިހެންނެވެ. އަޅުގަނޑު ހުރި ތަނުގައި ތިބި ބޮޑެތި މީހުން އޭނާ ހުއްޓުވައި، ވެގެން އުޅޭ ގޮތް އިތުރަށް ސާފުކުރަން ސުވާލުތައް ކުރި އެވެ. އޭނާ ދެން ބުނީ "މީނާޒު ކައިރީގައި ތިބެ އެގެއަށް ވެސް ބަޑި ޖަހަމުން ގެންދާ" ކަމަށެވެ. އެހާ ހިސާބުން އޭނާ ބައިސްކަލްގައި ނައްޓާލި އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ގަލޮޅު ސަހަރާ ކުރިމަތިން، އިރުން ހުޅަނގަށް އޭނާ ބައިސްކަލް ދުއްވާފައި އައި އިރު އިނީ ދެ ލޯ ބޮޑުވެފަ އެވެ. ހުދު ކުލައިގެ ގަމީހުގެ ގޮށްތައް ފޫޅާ ހަމައަށް ހުރީ ނެއްޓިފަ އެވެ. މާނޭވާ ލެވެ އެވެ. އޭނާ ގޮވަމުން ދިޔައީ "ބަޔަކު މާލެ އަރައި، ބަޑި ޖަހަނީ، މީހުން މަރަނީ!" މިހެންނެވެ. އަޅުގަނޑު ހުރި ތަނުގައި ތިބި ބޮޑެތި މީހުން އޭނާ ހުއްޓުވައި، ވެގެން އުޅޭ ގޮތް އިތުރަށް ސާފުކުރަން ސުވާލުތައް ކުރި އެވެ. އޭނާ ދެން ބުނީ "މީނާޒު ކައިރީގައި ތިބެ އެގެއަށް ވެސް ބަޑި ޖަހަމުން ގެންދާ" ކަމަށެވެ. އެހާ ހިސާބުން އޭނާ ބައިސްކަލްގައި ނައްޓާލި އެވެ.

އެއީ ވަރަށް ހެނދުނެވެ. ނޮވެމްބަރު 3، 1988 ގައި، އިރުއިރުކޮޅުން މާލެ ގުޑައިގެން އެ ދަނީ، ނޮވެމްބަރު 11 އަށް ސިފައިން ހަދަމުން ދިޔަ ތަމްރީންތަކެއްގެ އަޑުން ނޫންކަން، ގަލޮޅު ސަހަރާ ކައިރީގައި ދިރިއުޅެމުން އައި އަޅުގަނޑުމެންނަށް ކަށަވަރުވީ އެހާ ހިސާބުންނެވެ. ފަތިހު އިވެން ފެށި ބަޑީގެ ގަދަ އަޑުފައްގަނޑުން ނިދި ހަރާބުވި މީހުންނާއި ފަތިސް ނަމާދަށް ތެދުވި މީހުން، ގެއަށް ނުވަދެ، މަގުތަކުގައި، ވާނުވާއެއް ނޭނގި ތިއްބާ، ރާއްޖެ ހިފަން ބަޔަކު އަރައިގެން އުޅޭކަން ޔަގީންވި ހިސާބުން ހިތްތަކަށް ވެރިވެގަތީ ބިރުވެރިކަމެވެ.

ހ. މީނާޒަކީ ކުރީގެ އެޓޮލްސް މިނިސްޓަރު އަލްމަރުހޫމް އަބްދުﷲ ހަމީދުގެ ގެކޮޅެވެ. ފަހުން އެނގުނު ގޮތުގައި ތަމަޅަ ޓެރަރިސްޓުން އެގެ ކައިރިއަށް ގޮސް ހަމީދަށް އިންޒާރުދީ، ގެއާ ދިމާއަށް ބަޑި ޖަހާފައިވެ އެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަތުލައެއް ނުގަނެވުނެވެ.

ސިފައިންގެ ކައިރީގައި ވަމުން ދިޔަ ކަންކަމެއް ނޭނގޭ!

ފަތިހުން ފެށިގެން ހެނދުނުގެ ބޮޑު ބައިގައި، ހަމަލާތައް ދިޔައީ ވަރަށް ވަރުގަދަކޮށެވެ. އަޅުގަނޑު ދިރިއުޅެމުން އައި ގެ ހުންނަނީ އޭރުގެ އިންޖީނުގެ ކައިރީގަ އެވެ. އެތަން ހިފަން ޓެރަރިސްޓުން އުޅޭ ވާހަކަ އިވުމާ އެކު، އަލިކިލެގެފާނު މަގު، ދެކުނު ކޮޅަށް ނިމޭ ކަންމައްޗަށް ޒުވާނުން އެއްވެ، އެ މަންޒަރު ފެނޭތޯ އުޅުނެވެ. އެކަމަކު އާންމުން މަގުގެ އެކި ހިސާބުތަކަށް ގިނަވާ އިރަށް، އިންޖީނުގޭ ކައިރީގައި ތިބި ޓެރަރިސްޓުން ބަޑި ދައްކާލަ އެވެ.

ހަނގުރާމަ ދިޔައީ ކުރިއަށެވެ. ފުރާނައިން ގުރުބާންވުމުގެ ނިޔަތުގައި ހިތްވަރުކުރި ސިފައިން ދޫދިނުމެއް ނެތި، އަދި ސިފައިންގެ ތެރޭގައި ތާށިވެގެން ތިބެގެން ނަމަވެސް ހަމަލާތައް ބަދަލުކުރަމުން އެ ދަނީ، ސީދާ ކޮން ބަޔަކާ ކަމެއް، ޝަހީދުވެގެން ވެއްޓެމުން ދިޔައީ ކިތައް މީހުން ކަމެއް، އާންމުންނަކަށް ނޭނގެ އެވެ. މާލެ އަރައިގެން އުޅެނީ ތަމަޅައިންނޭ އެއްބަޔަކު ބުނާ އިރު، މާލޭ ބަނދަރުގައި އޭރު އޮތް ޔަމަނުގެ މަނަވަރަކަށް ނިސްބަތްކޮށް، ޔަމަނުގެ ސިފައިންނޭ ބައެއް މީހުން ބުނާ އަޑުތައް ވެސް އިވުނެވެ.

ލުތުފީ ހައްޔަރުކޮށްފައި: ހަމަލާ ރޭވުމާއި ޓެރަރިސްޓުން ގޮވައިގެން މާލެ އެރީ ވެސް އޭނާގެ ބެލުމުގެ ދަށުން

ލުތުފީ ހައްޔަރުކޮށްފައި: ހަމަލާ ރޭވުމާއި ޓެރަރިސްޓުން ގޮވައިގެން މާލެ އެރީ ވެސް އޭނާގެ ބެލުމުގެ ދަށުން

މާލޭގައި އެ ދުވަހު އާންމުން ތިބީ އެ ބަޔަކު އުޅޭ ހިސާބެއްގައި ތާށިވެފަ އެވެ. ވަރަށް މަދު މީހަކު ނޫނީ، ވެގެން އުޅޭ ގޮތް ބަލަން، ސިފައިންގެއާ ކައިރިޔަކަށް ނުދެ އެވެ. އެހެންކަމުން "އިސްލާމީ މަރުކަޒުގެ ގުއްބު ވެސް މިހާރު ފެންނާކަށް ނެތޭ" ބުނެ ފެތުރުނު އަޑު ވެސް، އަޅުގަނޑު އުޅުނު ހިސާބުގަނޑުގެ މީހުން، އަނގަ މަތީ ޝަހާދަތް އިނގިލި އަޅާފައި ނަމަވެސް، ގަބޫލުކުރި އެވެ.

ބައެއް މީހުން އަވަދިނެތި އުޅުނީ ބޭރުގެ އެކި ރޭޑިއޯ ސްޓޭޝަންތަކުގެ އަޑު ލިބޭތޯ އެވެ. ދޭތެރެ ދޭތެރެއިން ބީބީސީ ނުވަތަ ވޮއިސް އޮފް އެމެރިކާ ފަދަ ސްޓޭޝަންތަކުން އެ ހަބަރު ކިޔަ އެވެ. އެކަމަކު ހަނގުރާމައިގެ އަސްލު ހާލަތެއް އެނގޭ ވަރެއް ނޫނެވެ. އޭރު ރާއްޖޭގެ އެންމެން އެއަށް ބަރޯސާވެގެން ތިބި ދިވެހިރާއްޖޭގެ އަޑު އޮތީ ހުއްޓިފަ އެވެ. އެހެންކަމުން ރާއްޖޭގެ އެއްވެސް ރަށަކަށް ވެސް، ވެރިރަށުގެ ބިންގަނޑުގައި އޮހޮރެމުން ދިޔަ ލެ އާއި ރައްޔިތުން ތަހައްމަލްކުރި ބިރުވެރިކަމާއި، ހާލަތުގެ އެއްވެސް މައުލޫމާތެއް ފޯރުކޮށެއް ނުދެވުނެވެ. މާލޭ މީހުންނަށް ވެސް ލަފާކުރެވުނީ އެތައް ބަޔަކު މަރުވަމުން ދިޔަ ކަމެވެ. ބައެއް އާންމުންނާއި ސިފައިން މަރުވެ، ބިންމައްޗަށް ވެއްޓިފައި އޮތް މަންޒަރު އެހެން މީހުންނަށް ފެނުނެވެ. އެހެންކަމުން މިއީ ބަޔަކު އަރައިގެން ބިރު ދައްކާލާފައި ދާން އުޅޭ އުޅުމެއް ނޫން ކަމާއި މިއީ އަސްލު ހަނގުރާމައެއްކަން މާލޭ ރައްޔިތުންނަށް، ހެނދުނު ހެނދުނާ ކަށަވަރުވި އެވެ.

ބަޑީގެ އަޑު މަޑުވުމާއި އެމެރިކާގެ ހަނގުރާމަ މަތީ ދެ ބޯޓު!

މެންދުރު ފަހަށް އެޅުނު އިރު ބަޑީގެ އަޑު މަޑުވެ، މާލެއަށް ހިމޭންކަން ވެރިވި އެވެ. އެކަމަކު ފެތުރިފައި އޮތް ބިރު ފިލައިގެންނެއް ނުދެ އެވެ. އެއްބަޔަކު ދެން ވިސްނީ ރޭގަނޑު ކަންތައް ވެދާނެ ގޮތަކަށެވެ. ބައެއް ފިރިހެނުން އާއިލާގެ ހިމާޔަތަށް، ހާއްސަކޮށް އަންހެންވެރިންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވި އެވެ. ލަކުޑި ފަތިކޮޅުތަކުގައި މޮހޮރު ޖަހައި، ހަތިޔާރެއްގެ ގޮތުގައި ހެދި އެވެ. ބަޑިތަކާ ދެކޮޅަށް ބޭނުންކުރަން އެއީ އެއްވެސް އެއްޗެއް ނޫން ކަމަށް ވިޔަސް ބައެއް ފިރިހެނުން ބުނީ "ތިމަންނަމެންނަށް ވެސް ކުރެވުނު ކަމެއް ކުރާނަމޭ" އެވެ.

މެންދުރުފަހު ނުވަތަ ހަވީރުކޮޅު، މާލޭ މީހުންނަށް އޭގެ ކުރިން ނުފެންނަ މަންޒަރެއް، ޖައްވުތެރެއިން ފެނުނެވެ: ހަނގުރާމަމަތީ ދެ ބޯޓުގެ އުދުހުމެވެ. މާލޭ މަތިން، ތިރިން އެ ބޯޓުތައް އުދުހިލުމުން، ރާއްޖެ ސަލާމަތްކުރަން ހަމަލާތަކެއް ދޭން އުޅެނިއްޔޭ ވެސް ބައެއް މީހުންގެ ހިތަށްއެރި އެވެ. ފަހުން އެނގުނު ގޮތުގައި އެއީ އެމެރިކާގެ ބޮޑު އަސްކަރީ ބޭސް، ޑިއަގޯގާސިއާ އިން، ހަމައެކަނި މާލޭގެ ހާލަތު ދެނެގަންނަން، އައި ދެ ބޯޓެވެ.

އިރުއޮއްސެމުން ދިޔަ އިރު ބަޑީގެ ހަމަލާތައް ގާތްގަނޑަކަށް ހުއްޓިއްޖެ އެވެ. ޓެރަރިސްޓުން އޭރު ސަމާލުކަން ދީފައި އޮތީ ފިލައިގެން ދިއުމުގެ މަސައްކަތަށެވެ. އެހެންކަމުން ރަހީނުކުރަން ބޭނުން މީހުން ރަހީނުކޮށްގެން، ޕްރޮގްރެސް ލައިޓަށް އަރައި، ފިލުމުގެ ދަތުރު ފެށި އެވެ.

ރާއްޖޭގެ ވެރިރަށުގައި އެތައް ބައެއްގެ ލޭ އޮހޮރުވާލުމަށް ފަހު، ރައްޔިތުންގެ ތެރޭގައި ކުރިން ތަޖުރިބާކޮށްފައި ނެތް ބިރުވެރިކަމެއް އުފެއްދުމަށް ފަހު، މުޅި ގައުމު ހުއްޓުމަކަށް ގެނައުމަށް ފަހު، ޓެރަރިސްޓުންނަށް އެނގުނީ އެމީހުންނަށް ކާމިޔާބުވާން ނެތް ކަމެވެ!

ލުތުފީ އާއި ސަގަރު ނާސިރަކީ ދެ ޓެރަރިސްޓުން

އެދުވަހުގެ ވަރަށް ހެނދުނާ ވެސް، އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު، ޓެރަރިސްޓުނާ އެކު ބަޑި ހިފައިގެން، ކިބުރުވެރިކަމާއި ބޮޑާކަމުގައި މަގުމަތީ އުޅުނުތަން އާންމުންނަށް ފެނުނެވެ. އެ މީހުންގެ ކައިރީގައި ސްރީ ލަންކާގެ ތަމަޅަ ޓެރަރިސްޓުން ގާޑުކޮށްގެން ތިބެ އެވެ. ހަމަލާގެ އެންމެ އިސް ދެ މީހުންނަކީ ލުތުފީ އާއި ނާސިރުކަން، އެ މީހުން ދަންނަ އެންމެން ގަބޫލުކުރި އެވެ. އެހެންކަމުން މި ނުބައި، އަނިޔާވެރިކަން ބޮޑު ހާޖާނުގަނޑުގެ މުގޫ ގުޅިފައި މި އޮތީ ދިވެހި ދެ ޓެރަރިސްޓުންނާކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރެވެ.

މާލޭގެ އެކި ތަންތަނަށް އެމީހުން ވަންނަމުން ދިޔަ އެވެ. އެގޮތުން ލުތުފީ ވަން އެއް ތަނަކީ "ހަވީރު"ގެ އޮފީހެވެ. ކުރިން އޮލިމްޕަހުގެ ފަހަތު ކޮޅުގައި އޮތް ބިމުގައި ހިންގަމުން އައި "ހަވީރު" އޮފީހުގައި، އެ އަހަރުގެ ނޮވެމްބަރު 11 އަށް ކުރެހި ރައީސް މައުމޫންގެ ބޮޑު ފޮޓޯފުޅެއް، މޭޒެއް މަތީ ބާއްވާފައި އޮތެވެ. އޭނާއަށް އެ ފޮޓޯފުޅު ފެނިގެން، "މައުމޫންގެ ބަދަލުގައި ތިމަންނަގެ ފޮޓޯއެއް ކުރަހާށޭ" ބުނި ކަމަށްވެ އެވެ. ހަމަލާ ކާމިޔާބުވާނެކަމާއި، ނޮވެމްބަރު 11 ގައި މައުމޫނަށް ރިޔާސީ ތިން ވަނަ ދައުރުގެ ހުވާނުކުރެއްވޭނެކަން އޭނާއަށް ކަށަވަރުވި ކަހަލަ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވި ދިވެހި ސިފައިން: ޓެރަރިސްޓުންނަށް ނާކާމިޔާބުވީ ސިފައިންގެ ހިތްވަރުން

ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވި ދިވެހި ސިފައިން: ޓެރަރިސްޓުންނަށް ނާކާމިޔާބުވީ ސިފައިންގެ ހިތްވަރުން

އެކަމަކު ފަތިހު ފޮނުވާލި ފުރަތަމަ އުއްޑައާ އެކު އެ މީހުންގެ ނަސީބު ގެއްލުނު ގޮތަށް، ފިލައިގެން ދާން ބޯޓަށް އެރިއިރު ވެސް، އަތެއް ނުވި އެވެ. ހައްޔަރުކުރީ ކަނޑު މަތިން ވަރަށް ނިކަމެތި ހާލެއްގަ އެވެ. މާލެ ގެނައިިއިރު، މުޅި ވެރިރަށުގެ ރައްޔިތުން ތިބީ ރުޅިވެރިކަމާއި ގައުމީ ޖޯޝުން އުތުރިއަރައަރަ އެވެ. އަތުޖެހިއްޖެއްޔާ މަރާލަން ވެސް ފަސްޖެހުމެއް ނެތި އެވެ. އެކަމަކު އާންމުންގެ ފަރާތުން އެއްވެސް ގެއްލުމަކާ ކުރިމަތިވިޔަ ނުދީ، އިންޑިއާ ސިފައިންނާއި ދިވެހި ސިފައިންގެ ހިމާޔަތުގައި އެމީހުން ގެންގޮސް ސިފައިންގެ ތެރެއަށް ވެއްދި އެވެ. އެއީ ތަހުގީގުގެ ފުރަތަމަ ދުވަހެވެ.

ލުތުފީ އާއި ނާސިރުގެ މޫނަށް ވެރިވެފައި އޮތީ ލަދުވެތިކަމާއި މާޔޫސްކަމާއި ނިކަމެތިކަމެވެ. އެ އަނދިރި މޫނައިގެން މަޑުމަޑުން ދެ މީހުން ހިންގުވަމުން ގެންދިޔަ އިރު، އެއީ ކުށެއް ނެތް 19 ދިވެހި ދަރިންގެ ލޭ އޮހޮރުވާލުމުގެ ޒިންމާ އެންމެ ފުރަތަމަ ވެސް ނަގަން ޖެހޭ ދެ ގާތިލުން ކަމާ މެދު ޝައްކެއް ނެތެވެ.

ނޮވެމްބަރު 3 ގެ ހަމަލާގެ ހަގީގަތް އޮޅުވައެއް ނުލެވޭނެ!

މިއީ އޭގެ ފަހުން 31 ވަނަ އަހަރެވެ. އާ ޖީލެއް އުފެދި، ޒުވާންކަމުގެ ދުވަސްތައް ގުނަމުން ދަނީ އެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި ދުށް އެންމެ އަނިޔާވެރި، ލޭއޮހޮރުވުން ބޮޑު ޓެރަރިސްޓް ހަމަލާގެ ބައިވެރިންނާ މެދު ޝައްކު އުފެއްދޭނެ ކިތައްމެ ވާހަކަތަކެއް، ފަސޭހަކަމާ އެކު، މިއަދު ކިޔައިލެވިދާނެ އެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ޒަމާނެއްގައި، ކަމެއްގެ ހަގީގަތް ނޭނގޭ މީހުންނަށް އޮޅުންއަރާލެއް އަވަހެވެ.

ނޮވެމްބަރު 3 ގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް އަދި ކުށް ސާބިތުވެގެން މަރާށާއި އުމުރަށް ޖަލަށް ލި ބައެއް ދިވެހިންގެ ހިމާޔަތުގައި އަބަދުވެސް ބަޔަކު އުޅެ އެވެ. އުޅޭނެ އެވެ. ކުރީގެ ރައީސް މައުމޫން ދެކެ އަންނަ ރުޅީގައި، ނޮވެމްބަރު 3 ގެ އަސްލު ސިފަ ބަދަލުކޮށް، އެހެން މިސްރާބަކަށް ގެންދިއުމުގެ މަސައްކަތް، ކުރިން ވެސް ކުރި އެވެ. އަދި މިހާރު ވެސް އެދަނީ ކުރަމުންނެވެ.

ލުތުފީ ހައްޔަރުކުރި އިރު، އޭގެ ފަހުން އަދި މި އަހަރު ލަންކާ އިން އެނބުރި ގެނައި އިރު ހުރި ގޮތް

ލުތުފީ ހައްޔަރުކުރި އިރު، އޭގެ ފަހުން އަދި މި އަހަރު ލަންކާ އިން އެނބުރި ގެނައި އިރު ހުރި ގޮތް

އެކަމަކު ލުތުފީ އާއި ނާސިރުގެ އަމަލީ ރޯލު، ދުވަހަކު ވެސް ދިވެހި ތާރީޚުން ފޮހެއެއް ނުލެވޭނެ އެވެ. ކުށް ސާބިތުވި އެހެން މީހުން ބައިވެރިވި މިންވަރު އާންމުންނަށް ހަމައެކަނި އެނގުނީ ތަހުގީގު ރިޕޯޓްތަކުންނެވެ. އޭގެ ސައްހަކަމާ މެދު ހިޔާލު ތަފާތުވެދާނެ އެވެ. އެކަމަކު ސުވާލަކީ އެމީހުން ހައްޔަރުކުރީ މައުމޫންގެ ވެރިކަމާ ހަމައެކަނި ދެކޮޅުވުމުން ހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ، އޭގެ ކުރިން މައުމޫންގެ ވެރިކަން ވައްޓާލުމުގެ ހަރަކާތްތަކުގައި އުޅެ ނާކާމިޔާބުވެ އަދަބު ލިބުނު މީހުން ނޮވެމްބަރު 3 ގެ ހަމަލާއާ ގުޅިގެން ހައްޔަރުނުކުރީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ ހައްޔަރުކުރި މީހުން ފަދަ ސިޔާސީ ގޮތުން މައުމޫނާ ދެކޮޅު އެހެން ބަޔަކު އޭރު ނޫޅޭ ހެއްޔެވެ؟

މައުމޫންގެ ދިގު ވެރިކަމުގެ މަތިން ފޫހިވި މީހުން މަދެއް ނޫނެވެ. މައުމޫންގެ ސިޔާސަތުތަކާ ދެކޮޅު މީހުން ވެސް އުޅުނެވެ. ސަރުކާރަށް ފާޑުކިއައިގެން، އެއީ ހޮޓަލެއްގެ ތެރޭގައި ސައިބޯން ތިބެގެން ބަދަލުކޮށްލި ހިޔާލުތަކެއް ކަމަށް ވިޔަސް، ދެތިން މީހަކު އެއްވެލައިގެން ޒާތީ ގޮތުން ދެއްކި ވާހަކަތަކުގައި ބުނެވުނު ކުޑަކުޑަ ބަހަކާ ގުޅިގެން ކަމަށް ވިޔަސް، މީހުން ހައްޔަރުކޮށް، ޖަލަށް ލި އެވެ. ނިސްބަތުން ބޮޑު އަނިޔާއެކެވެ.

ފިލައިގެން ދަނިކޮށް ލުތުފީ އާއި ނާސިރު ހައްޔަރުކޮށްގެން ގެނެސް ސިފައިންގެއަށް ވައްދާ މަންޒަރު ބަލަން ދިވެހިން އެއްވެފައި: އެއީ ރުޅިވެރިކަން ބޮޑު ދުވަހެއް

ފިލައިގެން ދަނިކޮށް ލުތުފީ އާއި ނާސިރު ހައްޔަރުކޮށްގެން ގެނެސް ސިފައިންގެއަށް ވައްދާ މަންޒަރު ބަލަން ދިވެހިން އެއްވެފައި: އެއީ ރުޅިވެރިކަން ބޮޑު ދުވަހެއް

އެކަމަކު ސަރުކާރު ދެކެ ރުޅިއައިސް އެފަދަ ހަމަލާއެއް ދީ، ގައުމު ހުއްޓުވާލައި، ލޭއޮހޮރުވުން، އެއްވެސް ހައިސިއްޔަތަކުން ގަބޫލެއް ނުކުރެވޭނެ އެވެ. މުޒާހަރާކުރުމާއި އެއްވެ އުޅުމަކީ މިއަދު ދިވެހިންގެ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އެކަމަކު ސަރުކާރާ ދެކޮޅަށް ބަޔަކު މުޒާހަރާއެއް ރާވާލިޔަސް، "ފިތުނަ އުފެއްދުމު"ގެ ސުރުޚީގެ ތެރެއަށް އެކަން ފައްތާލުމަކީ މިހާރުގެ ވެރިންގެ ވެސް އާދައެކެވެ. އެހެންކަމަށް ވާ ނަމަ ހަތިޔާރު ހިފައިގެން އަރައި، ސިފައިންނާ ހަނގުރާމަކޮށް، މީހުން މެރުމުގެ ނުބައިކަން ގަބޫލުކުރާނީ ކޮން ދަރަޖައެއްގައި ހެއްޔެވެ؟ އެކަން ފައްތާނީ ކޮން ސުރުޚީއެއްގެ ތެރެއަށް ހެއްޔެވެ؟

ސްރީ ލަންކާގައި ފިލައިގެން އުޅުނު ލުތުފީއާ މެދު އަމަލްކުރާނެ ގޮތެއް "ނޭނގިގެން" ސަރުކާރުން މިފަހުން އުޅުނެވެ. ރާއްޖޭގެ ހައި ކޮމިޝަންގެ ތެރޭގައި އޭނާ އެތައް ދުވަހެއް ވަންދެން ގެންގުޅުނެވެ. ރައްޔިތުންގެ ލޭ ހޫނުކޮށްލި އެވެ. އެކަމަކު އެއީ ސިޔާސީ ގޮތުން ސަރުކާރު ދެކެ އައި ރުޅިއެއް ނޫނެވެ. އެއީ ގައުމު ދުށް އެންމެ ބޮޑު އަނިޔާވެރިކަމުގެ މުގުލުގައި ހުރި ޓެރަރިސްޓް ހިމާޔަތްކުރަން ސަރުކާރުން އުޅުމުން އުފެދުނު ހިތްހަމަނުޖެހުންތަކެކެވެ. އެހެންކަމުން ލުތުފީގެ މައްސަލާގައި ސަރުކާރަށް މެސެޖް ދިނީ އިދިކޮޅު ފަރާތްތަކުން ނޫންކަން، ހަނދާންކުރަން ޖެހެ އެވެ: އެއީ ރައްޔިތުންގެ މެސެޖެވެ.

ދިވެހި ރައްޔިތުން ސާބިތުކޮށްދެމުން އަންނަނީ އެންމެ ކަމެކެވެ. ނޮވެމްބަރު 3 ގެ ހަމަލާ ދިވެހި ތާރީޚުން ފޮހެލަން، ނުވަތަ ޝައްކު އުފައްދަން ކުރާ ކޮންމެ މަސައްކަތެއް ނާކާމިޔާބުވާނެކަމެވެ.