Roadha Mihaaru
ލުތުފީ އާއި ނާސިރުގެ ނަސީބު: ގާނޫނީ އޮނިގަނޑު

ލުތުފީ އާއި ނާސިރަށް ސަލާމަތްވެވުނީ ގާނޫނީ އޮނިގަނޑުގެ ސަބަބުން

03 ނޮވެމްބަރ 2018

ދިވެހި 19 މީހެއްގެ މަރުގެ ޒިންމާ ނަގަން ޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަރަގު އަހުމަދު ނާސިރަށް މުޅި އުމުރު ޖަލުގައި ހޭދަކުރަން ނުޖެހުނީ އޭރު ރާއްޖޭގެ ގާނޫނީ އޮނިގަނޑު އޮތް ގޮތުން ކަމަށް، ގާނޫނީ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ދިވެހި 19 މީހެއްގެ މަރުގެ ޒިންމާ ނަގަން ޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަރަގު އަހުމަދު ނާސިރަށް މުޅި އުމުރު ޖަލުގައި ހޭދަކުރަން ނުޖެހުނީ އޭރު ރާއްޖޭގެ ގާނޫނީ އޮނިގަނޑު އޮތް ގޮތުން ކަމަށް، ގާނޫނީ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ 30 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ނޮވެމްބަރު 3، 1988 ގެ ހަމަލާ ރޭވުމާއި އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ދިވެހި ދެ ޓެރަރިސްޓުންނަށް އިއްވި މަރުގެ ހުކުމް، އުމުރު ދުވަހުގެ ޖަލުގެ ހުކުމަށް ބަދަލުކުރުމާ އެކު އޭގެ ތެރެއިން ނާސިރު މިހާރު ވަނީ ސަލާމަތްވެފަ އެވެ. ލުތުފީގެ ހުކުމް ވެސް މިހާރު ހަމަވެއްޖެ އެވެ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، އޭނާ 2010 ވަނަ އަހަރު، "ބޭހަށް" ސްރީ ލަންކާއަށް ފޮނުވުމުން ފިލައިގެން އުޅޭތީ، ގާނޫނީ މައްސަލަތަކެއް ކުރިމަތިވެ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ސިފައިންގެ އަށް މީހުންނާއި އާންމުންގެ 11 މީހުން ވަނީ ޝަހީދުވެފަ އެވެ. އެހާ އަނިޔާވެރި އަދި ބިރުވެރި ޓެރަރިސްޓް ހަމަލާއެއް ރޭވުމާއި އަމަލީ ގޮތުން ބައިވެރިވުމުގެ ކުށަކީ، ދުނިޔޭގެ އެހެން ތަންތަނުގައި މުޅި އުމުރު ދުވަހު ޖަލުގައި ހުންނަން ޖެހޭ ނުވަތަ މަރުގެ އަދަބާ ކުރިމަތިލާން ޖެހޭ، ފަދަ އެންމެ މަތީ ދަރަޖައިގެ ކުށެވެ.

ލުތުފީ އާއި ނާސިރުގެ މައްޗަށް ވެސް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހު ޖަލަށް ލާށެވެ.

ރާއްޖޭގައި އަމަލްކުރަމުން އައި ގަވާއިދެއްގައި އުމުރުދުވަހަށް ޖަލަށް ލުން ކަމަށް ބަލާފައި ވަނީ 25 އަހަރެވެ. އެހެންކަމުން 19 މަރުގެ ޒިންމާ އުފުލަން ޖެހޭ ދެ ކުށްވެރިން އެ 25 އަހަރު ފުރިހަމަކުރުމުން މިނިވަންވީ އެވެ.

އެކަމަކު ރާއްޖޭގެ އާ ގާނޫނުލްއުގޫބާތް އައުމާ އެކު އެފަދަ ބޮޑެތި ކުށްތައް ސާބިތުވާ މީހުން މިނިވަންވާނެ ފުރުސަތު ވަރަށް ކުޑަ އެވެ. މިހާރު ނަމަ އެއިން ކޮންމެ މަރަކަށް ވަކިވަކިން ދައުވާކުރެވި، އިންސާނުގެ އާންމު އުމުރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމް އަންނާނެ އެވެ.

"ގާނޫނުލްއުގޫބާތް ހަދަން ދިރާސާކުރި އިރު ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމެއް އެއީ އުމުރުދުވަހަކީ 25 އަހަރު ކަމަށް ހަމަޖެހިފައި އޮތުން،" ގާނޫނީ ވަކީލް އަދި ގާނޫނުލްއުގޫބާތް ޑްރާފްޓްކުރުމުގައި ވެސް އުޅުއްވި ހުސެން ޝަމީމް ވިދާޅުވި އެވެ.

"ބޭރުގެ ޕްރޮފެސަރު ވެސް ފާހަގަކުރި ކިތައްމެ ގިނަ ބަޔަކު މެރިޔަސް މި އޮންނަނީ 25 އަހަރުގެ ހުކުމެކޭ. އެއީ އިންސާފެއް ނޫނެ."

ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވި ސަރަގު އަހުމަދު ނާސިރު ހައްޔަރުކޮށްގެން މާލެ ގެނެސް ސިފައިންގެ ގެއަށް ގެންދަނީ: މިހާރު ވަނީ މިނިވަންވެފައި

ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވި ސަރަގު އަހުމަދު ނާސިރު ހައްޔަރުކޮށްގެން މާލެ ގެނެސް ސިފައިންގެ ގެއަށް ގެންދަނީ: މިހާރު ވަނީ މިނިވަންވެފައި

އެކަމަކު ޝަމީމް ވިދާޅުވި ގޮތުގައި މިހާރު އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ ވަކިވަކިން އެތައް ހުކުމެއް އަންނާނެ އެވެ. އަދި ދައުވާ ވެސް ވަރަށް ތަފާތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަކު މެރި މީހަކަށް ވުރެ ފަސް މީހުން މަރާ މީހަކަށް އަންނާނެ އަދަބު މިހާރު ބޮޑުވާނެ،" ޝަމީމް ވިދާޅުވި އެވެ.

"މިސާލަކަށް ގެޔަކުން ވައްކަން ކުރި މީހަކަށް ވުރެ، ވައްކަން ކޮށްފައި އެގޭ މީހެއްގެ ގައިގައި ޖެހި މީހަކަށް އަންނާނެ އަދަބު ބޮޑުވާނެ. އެކުރެވުނީ ދެ ކުށް."

ނަމަވެސް 2015 ގައި އަމަލްކުރަން ފެށި އާ ގާނޫނުލްއުގޫބާތުގެ ކުރިން ނަމަ އެ ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވި މީހުންގެ ޝަރީއަތް 1989 ގައި ކުރީ އޭރު އޮތް އެފަދަ ބޮޑެތި ކުށްތަކާ އެކަށީގެންނުވާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށް، ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ލުތުފީ އާއި ނާސިރުގެ އިތުރުން މާލެއަށް، ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ 80 އަށް ވުރެ ގިނަ މީހުން އެރި އެވެ. އެ މީހުންގެ ހަމަލާތައް ފަތިހު ފެށި ގޮތަށް ހުއްޓުމަކަށް އައީ ހަވީރު އެވެ. އެ ހަމަލާ ނާކާމިޔާބުވީ ދިވެހި ސިފައިންގެ ހިތްވަރާއި ދޭން ފެށި ރައްދު ހަމަލާތައް ވަރުގަދަވުމުންނެވެ.

ސިފައިން ތިބީ ސިފައިންގެ މައި މަރުކަޒު ކަމަށް ވާ ބަންޑާރަކޮށީގައި ނުނިކުމެވި ކަމަށް ވިޔަސް، ޓެރަރިސްޓުންނަށް އެތަނަށް ވަދެވޭ ވަރެއް ނުވި އެވެ.

ހަމަލާ ނާކާމިޔާބުވުމުން ފިލަންވެގެން ދިޔައީ މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގަ އެވެ. އެކަމަކު ކަނޑު މަތިން އެ ބޯޓު ހުއްޓުވައި، އިންޑިއާ ސިފައިން ހަމަލާދީ ފައްތާލި އެވެ. ލުތުފީ އާއި ނާސިރުގެ އިތުރުން، މަރުނުވެ ތިބި ޓެރަރިސްޓުން އަތުލައިގަނެގެން މާލެ ގެނަ އެވެ. އަދި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކުރި އެވެ.