Roadha Mihaaru
ނޮވެމްބަރު 3، މޫސާ ޖަލީލުގެ ތަޖުރިބާ

ނޮވެމްބަރު 3، މޫސާ ޖަލީލުގެ ތަޖުރިބާ

03 ނޮވެމްބަރ 2018

"އެބައި މީހުންގެ ހަށިގަނޑާއި ފުރާނައިން އެ ގުރުބާންވީ ތިބާގެ ގައުމަށާއި ތިބާ އާއި ތިބާގެ ދަރިންގެ ހައްގުގައިކަން ތިބާ ދަންނާށެވެ."

މޫސާ ލަތީފް މޫސާ ލަތީފް

"އެބައި މީހުންގެ ހަށިގަނޑާއި ފުރާނައިން އެ ގުރުބާންވީ ތިބާގެ ގައުމަށާއި ތިބާ އާއި ތިބާގެ ދަރިންގެ ހައްގުގައިކަން ތިބާ ދަންނާށެވެ."

މިއީ ރައީސެއްގެ ވާހަކަކޮޅެއް ނޫނެވެ. މިއީ ޅެންވެރިއެއްގެ އެތުރުމެއް ނޫނެވެ. އަދި މިއީ ލިއުންތެރިޔެއްގެ ޖުމްލައެއް ވެސް ނޫން މެ އެވެ. މިއީ މީގެ 25 އަހަރު ކުރިން، އޭރުގެ ސަރުކާރު ވައްޓާލަން ދިވެހިންގެ ބަޔަކު ރާވައިގެން ސްރީ ލަންކާގެ ތަމަޅައިންގެ ޓެރަރިސްޓް ގްރޫޕެއްގެ ހަނގުރާމަވެރިން ރާއްޖެ އަށް ދިން ހަމަލާގައި، ގައުމުގެ ދިފާއުގައި ޖެހިލުމެއް ނެތި ޖިހާދުކުރެއްވި މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލްގެ ބަސްކޮޅެވެ.

"އަޅުގަނޑު ބޭނުން މިތަންކޮޅު ދިވެހި ރައްޔިތުންނަށް ބުނެދޭން،" ނޮވެމްބަރު 3 ގެ ހަމަލާއާ ބެހޭ ގޮތުން އޭނާގެ އިންޓަވިއުއަކަށް އެދުމުން، މީގެ 20 އަހަރު ކުރިން، އޭނާ ލިއުއްވި "އެދުވަސް މާޒީވެ ދިޔަސް، އެ ހަނދާންތައް ފޮހެވިގެންނެއް ނުދެ އެވެ،" އަޅުގަނޑުމެންގެ އަތަށް ދެއްވަމުން ވިދާޅުވި އެވެ.

ފެނުނު ހުވަފެނުން އިތުރު ތައްޔާރުވުންތަކެއް!

އެފަދަ ނުރައްކާތެރި ހަމަލާއެއްގައި ޝަހީދުވި ދިވެހިންނަށްޓަކައި މޫސާ ޖަލީލްގެ ހިތްޕުޅުގައި އޮތް ލޯތްބާއި ގަދަރަށް އައި ކުޑަ ވެސް އުނިކަމެއް، 25 އަހަރު ފަހުން ވެސް، ނުފެނުނެވެ. އެދުވަހު ސިފައިން ކުރި ހިތްވަރާއި އެހެން ދިވެހިން ދެއްކި ގައުމީ އެއްބައިވަންތަކަން މިއަދު ވެސް އޭނާ އަށް، އިއްޔެއެކޭ އެއްގޮތަށް، ފެނެ އެވެ.

އޭރު ދިވެހި ސިފައިންގެ ތެރޭގައި އެކަހަލަ ހަނގުރާމައަކަށް ތަމްރީންވެފައި ތިބި މީހުންނެއް ނެތެވެ. އެކަމަކު ފަތިހު، ވެރިރަށުގެ މުޅި ހިމޭންކަން ނައްތާލި ބަޑީގެ ހަމަލާތަކާ އެކު، ސިފައިންގެ މައި މަރުކަޒުގައި ތިބި ދިވެހި ސިފައިން ވަގުތުން ރައްދު ދޭން ފެށި އެވެ. އޭގެ އެންމެ ކުރީގައި، އެންމެ ހަރަކާތްތެރިކޮށް އުޅުއްވި އެއް ބޭފުޅަކީ، ޓާސްކް ފޯސް އޮފިސަ އިން ޗާޖުގެ އެހީތެރިޔާގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް މޫސާ ޖަލީލެވެ.

"އަޅުގަނޑަށް ނިދިފައި އޮއްވައި، 04:10 ގައި ސިއްސައިގެން ގޮސް ހޭލެވުމުން އިވެމުން ދިޔަ އަޑުފައްގަނޑުން މިއީ ހުވަފެނެއް ނޫންކަން ޔަގީންކުރެވުނެވެ،" ބަޑީގެ އަޑަށް ތެދުވެންނެވުމާ އެކު އެންމެ ފުރަތަމަ ކުރެއްވުނު އިހުސާސް އޭނާ ލިއުއްވާފައިވެ އެވެ.

ހުވަފެނެއް ނޫންކަން ޔަގީނޭ ވިދާޅުވުމުގެ ބޭނުމަކީ، މާލެ އަށް ބަޔަކު އަރައި ސިފައިންގެ ވަށައިގެން ހަމަލާ ދޭ ހުވަފެނެއް އޭގެ ދެ މަހާއި ހަ މަސް ކުރިން މޫސާ ޖަލީލަށް ފެނިވަޑައިގެންފައިވުމެވެ. އެ ހުވަފެންތަކުން އޭނާގެ ސިކުނޑީގައި މަންޒަރުތަކެއް ސިފަކޮށްދިނެވެ. އެފަދަ ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު އޭނާގެ ވިސްނުމުގައި ހަރުލާފައި ހުއްޓެވެ. އެހެންކަމުން އޭރު ސިންގަޕޫރުންނާއި އެމެރިކާ ފަދަ ގައުމުތަކުން ހޯއްދެވި އަސްކަރީ މުހިންމު ތަމްރީނުތަކުގެ ބޭނުންކުރެއްވި އެވެ. އެގޮތުން ޓާސްކް ފޯހުގެ ސިފައިންނަށް މައި މަރުކަޒުގަ އާއި ގިރިފުށީގައި އޭނާ ވަނީ، "ސިފައިންގެ ދިފާއުކުރާނެ ގޮތްތައް އިތުރަށް ބުނެދީ ލައިވް ފަޔަރިން އެކްސަސައިޒެއް ވެސް" ބާއްވައިފަ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާ ދިން މީހުން މާލެ ގެނައި ދުވަހު ސިފައިންގެ ދޮށަށް އާންމުން އެއްވެފައި: ޖުމްލަ 19 ދިވެހިން ޝަހީދުވި

ނޮވެމްބަރު 3 ގެ ހަމަލާ ދިން މީހުން މާލެ ގެނައި ދުވަހު ސިފައިންގެ ދޮށަށް އާންމުން އެއްވެފައި: ޖުމްލަ 19 ދިވެހިން ޝަހީދުވި

ނޮވެމްބަރު 3 ގައި ކުރިމަތިވީ އިންތިހާ އަށް ބޮޑު އަދި ނުރައްކާ ހަމަލާއެކެވެ. އެކަހަލަ ދަނޑިވަޅެއްގައި، މުޅި ސިފައިންގެ ވަށައިގެން ހަމަލާތައް ދެމުން ދިޔަ އިރު، ދިވެހި ސިފައިން ވެސް ދޫނުކޮށް ރައްދުދިނީ، ލިބިފައި ހުރި ކުޑަ ތަމްރީނާ އެކު ވެސް، ދުޝްމަނުން މާޔޫސްވާ މިންވަރަކަށެވެ. ސިފައިންގެ އަށް ވަނުމަށް އެމީހުން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުކޮށްލި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ، ސިފައިންގެ ހުޅަނގު ދެކުނު ފާރުގެ ބައެއް ގޮއްވާލައިގެން ވަންނަން އުޅުނު ވަގުތު އެތަން ހަމަ އެވަގުތު ކަވަރުކުރުމެވެ. މިހާރު ނޮވެމްބަރު 3 ގެ ރަމްޒީ ބިނާ އިން އެ ފެންނަނީ އެތަން ގޮއްވާލާފައި ހުރި ގޮތެވެ.

"ވަރަށް ބާރަށް ސިފައިންގެ ހުޅަނގު ދެކުނު ކަނާ ދިމާލުން ދެ ފަހަރަށް އެއްޗެއް ގޮވި އަޑު އިވުމާ އެކު ބަޔާންކުރަން ނޭނގޭ ފަދަ އޮލަ ދުންގަނޑެއް އެ ދިމާލުން ފެނުނެވެ. ވަގުތުން އަތުގައި އޮތް އޭ.ކޭ 47 ން ގޮއްވާލި ބާގަނޑަށް ބަޑި ޖަހަން ފެށީމެވެ،" މޫސާ ޖަލީލް ލިއުއްވާފައިވެ އެވެ.

ސިފައިންގެ ބަޑި ގުދަން ގޭޓް ކަވަރުކުރަން ބަހައްޓާފައި ހުރި ޖީ.ޕީ.އެމް.ޖީ އެ ބާގަނޑަށް އަމާޒުކޮށް ހަމަލާދޭން އޭނާ އަމުރުކުރެއްވުމުން ސިފައިންގެ ދެ މީހަކު އެ ބޮޑު ބަޑީގެ ވަޒަންތައް އެ ދިމާލަށް ދޫކޮށްލި އެވެ. އޭގެ ނަތީޖާ އަކީ، ތަމަޅަ ހަނގުރާމަވެރިންނަށް ސިފައިންގެ އަށް ނުވަދެވި، ބާގަނޑުން ބޭރުވި ހަމަލާގައި، ބުރު ކައިރި އަށް އޭގެ ތެރެއިން ދެ މީހަކު މަރުވެގެން ވެއްޓުމެވެ.

ސިފައިންގެ ތެރޭގައި އޭރު ހުންނެވި އެންމެ އިސް ވެރިޔަކީ މޭޖާ މުހައްމަދު ޒާހިރެވެ. މޫސާ ޖަލީލް ލިއުއްވާފައިވާ ގޮތުގައި ޒާހިރުގެ މަސައްކަތް އެދުވަހު ވަރަށް ބޮޑެވެ. ސިފައިންގެ އިސް އެހެން އޮފިސަރުންގެ އިރުޝާދު ވެސް ގަބޫލުކުރައްވަމުން، ޒާހިރު ގެންދެވީ އެވަގުތު ސިފައިން ލައްވައި ކުރުވޭނެ އެންމެ ބޮޑަކަށް ގައުމުގެ ދިފާއުގައި ޖިހާދަށް ރުކުރުވާލައްވަމުންނެވެ. މޫސާ ޖަލީލްގެ މަސައްކަތަކަށް ވެފައި އޮތީ އެންމެ ފަސޭހައިން ދުޝްމަނުންނަށް ސިފައިންގެ އަށް ވަދެވިދާނެ ހިސާބުތަކުގައި ސިފައިން ބޭތިއްބުމެވެ. މުޅި ސިފައިންގެ ތެރޭގައި އޭނާ، އެހެން ބައެއް އޮފިސަރުންނާ އެކު، ހަމަލާ ދެމުން، އިތުރަށް ދޭނެ ހަމަލާތަކާ މެދު މަޝްވަރާކުރައްވާ އަދި ރާވާރޭވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި އިރު، އެންމެ ފުރަތަމަ ހަމަލާތަކުގައި، އޭނާގެ ވާތު ފައި އޮތީ ޒަޚަމް ވެސް ވެފަ އެވެ. އެކަމަކު ފައި ބެންޑޭޖްކޮށްގެން އޭނާ ހުންނެވީ ޖިހާދުގެ ފުރަތަމަ ސަފުގަ އެވެ.

ކޮންމެވެސް ބަޔަކު ބޭރަށް ނުކުންނަން ޖެހޭ

މޫސާ ޖަލީލް ގަބޫލުކުރެއްވި ގޮތުގައި ސިފައިންގެ މަރުކަޒުގައި ތާށިވެގެން އެންމެން ތިބުމަށް ވުރެ ކޮންމެވެސް ބަޔަކު ބޭރަށް ނުކުންނަން ޖެހެ އެވެ. އެގޮތަށް އޭނާގެ ޚިޔާލު އައީ އެދުވަހުގެ ހެނދުނު 08:30 ހާ އިރު އެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ސިފައިންގެ ވެރިޔާ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސިފައިންގެ ވެރިޔާގެ ނައިބު އިލްޔާސް އިބްރާހިމް އަތުލައިގަންނަން ޓެރަރިސްޓުން އުޅޭނެ އެވެ. (އެކަމަކު ހަމަލާ ދިން މީހުން ގަބޫލުކޮށްގެން ތިބީ ރައީސް މައުމޫން ވީ ރާއްޖެ އިން ބޭރުގައި ކަމަށެވެ. އެހެންކަމުން އެމީހުން އަތުލަން އުޅުނީ ހަމައެކަނި އިލްޔާސް އެވެ. އިލްޔާސް އުޅުއްވި ގޭގެ ފާރުމަތިން ފުންމާލައްވައިގެން އޭނާ ފިއްލެވި އެވެ.)

އެންމެ އިސް ދެ ވެރިން އަތުލައިގަންނަ ހާލަތެއްގައި، ސިފައިންނަށާއި އާންމުންނަށް ވެސް ވަރަށް ނުރައްކާވެ، މުޅި މަސްރަހު ބަދަލުވެދާނެ ކަމަށް ލަފާކުރެއްވި ކަމަށް މޫސާ ޖަލީލް ވިދާޅުވި އެވެ. އެހެންވެ ކޮންމެހެން ވެސް ސިފައިންގެ ބަޔަކު ބޭރަށް ނުކުންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެއްވި އެވެ. އަދި މުހަންމަދު ޒާހިރު ވެސް އެގޮތަށް ނިންމަވާ، ސިފައިންގެ މައި ގޭޓުން ބަހެއްގައި ބަޔަކު ނެރެން ހުއްދަ ދެއްވި އެވެ. އެކަމަށް އެންމެ ފުރަތަމަ ވޮލަންޓިއަކުރެއްވީ މޫސާ ޖަލީލެވެ. އެކަމަކު ދުޝްމަނުން ދޭ ހަމަލާތަކަށް ބަލާއިރު ބަހެއްގައި ނުކުތުމުގެ ނުރައްކާ ބޮޑުކަން އޭނާ ވެސް ގަބޫލުކުރެއްވި އެވެ.

އެކަމެއް ނުވި އެވެ. ސިފައިންގެ ދަގަނޑު ދޮރު، ޓެރަރިސްޓުންގެ ހަމަލާތަކުގައި ހުރީ ތާށިވެފަ އެވެ. އަދި ސިފައިންގެ ތެރެއިން ބަޔަކު ނުކުންނަން އުޅޭކަމުގެ ހަރަކާތްތައް، މައި ދޮރާ ދިމާލުން، މިހާރު ފުލުސް އޮފީހުގެ މައި މަރުކަޒު ކައިރީގައި ތިބި ތަމަޅައިންނަށް ފާހަގަކުރެވުނެވެ. އެހެންވެ ދޮރަށް އަމާޒުކޮށް ދިން ހަމަލާތައް ވަރުގަދަކުރި އެވެ.

އެންމެ ފަހުން އެގޮތަށް ނުކުމެވޭނެ ފުރުސަތު ނުލިބުމުން ދެން ނިންމީ ފައި މަގުގައި ނުކުންނާށެވެ. އެކަމަށް ސިފައިންގެ އިތުރު 10 މީހަކު ވޮލަންޓިއަކުރި އެވެ. އެމީހުންނާ އެކު މޫސާ ޖަލީލް ފުރަތަމަ މަސައްކަތްކުރެއްވީ މައި ދޮރުން ނުކުމެވޭތޯ އެވެ. އެކަމަކު ހަމަލާތައް ވަރުގަދަކަމުން ދިވެހި 11 ސިފައިން ދުއްވައިގަތީ، އޭރު ގާޒީ ބިންޑިންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ދޮރުން ނުކުންނާށެވެ. ސިފައިންގެއަށް ހަމަލާ ދޭން ޓެރަރިސްޓުންގެ ބަޔަކު، ގާޒީ ބިލްޑިން އާއި ރައީސް އޮފީހުގެ ދެމެދުގައި އޮތް ގޯޅިގަނޑުގައި، ގާޒީ ބިލްޑުގެ ފާރާ ނިވާވެގެން ފަތިހުއްސުރެ ތިއްބެވެ. އެހެންކަމުން ބޭރަށް ނުކުންނަ އިރު އެދިމާއަށް ހަމަލާ ދެމުން ގެންދިއުމަށް މޫސާ ޖަލީލް ހުރިހާ ބައިވެރިންނަށް އަމުރުކުރެއްވި އެވެ. އެންމެ ފުރަތަމަ ނުކުންނެވީ އޭނާ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބުވުމުން ޓެރަރިސްޓުން ފިލަންވެގެން ދަތުރުކުރި ޕްރޮގްރެސް ލައިޓް އަށް އިންޑިއަ ސިފައިން ހަމަލާދެނީ

ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބުވުމުން ޓެރަރިސްޓުން ފިލަންވެގެން ދަތުރުކުރި ޕްރޮގްރެސް ލައިޓް އަށް އިންޑިއަ ސިފައިން ހަމަލާދެނީ

"މާތްކަލާނގެ ކިބަފުޅަށް ވަކީލުކޮށް، ދިވެހި ރައްޔިތުންގެ ހައްގުގައި އެބައި މީހުން ދިފާއުކުރެވޭތޯ، ހަމަލާ ދީދީ ތިބި ދުޝްމަނުންގެ ކުރިމައްޗަށް ނުކުތީމެވެ. ހަމަ ނުކުތުމާ އެއްކޮށް ދުޝްމަނުން ހަމަލާ ދޭން ފެށި އެވެ. ރައްދު ހަމަލާ ވަގުތުން ދިނީމެވެ. މިގޮތުން އަޅުގަނޑުމެން ހަމަލާ ދިނުމުން ދުޝްމަނުން އެމީހުން ތިބި މަގާމުތަކުން ފަހަތަށް ޖެހުނެވެ. ފަހަތަށް ޖެހި އެ ސަރަހައްދުން ދުޝްމިނުންގެ ބާރު ކަނޑުވާލެވުނެވެ."

ނަމަވެސް މި ނުކުތުމުގެ ތެރޭގައި ހުރަވީ ބިލްޑިންގުގެ ހުޅަނގުން ސިފައިންގެ ކަންމައްޗަށް އޭގެ ތެރެއިން ޕްރައިވެޓް މުހައްމަދު ހަސަން، ސ. މަރަދޫ ފޭދޫ، ނިތުބަންޑިން އާއި ލާންސްކޯޕްރަލް އާދަމް ނަސީރު، މާލެ، ޝޭޑީ ވިލާ އަދި ޕްރައިވެޓް މުހައްމަދު އިބްރާހިމް (މެކާނޯ) ހއ. މޮޅަދޫ އަނބުގަސްދޮށުގެ، ޝަހީދުވި އެވެ.

އަނެއް އަށް މީހުން ގޮސް ވަދެ ތިބީ ހުކުރު މިސްކިތު ސަރަހައްދުގަ އެވެ. އެކަމަކު ސިފައިންގެ އިން ނުކުމެގެން ދުވެފައި ދިޔަ އިރު އޭގެ ތެރެއިން އެކެއްގެ އަތުގައި އޮތް ބަޑި ވެއްޓުނެވެ. އެހެންވެ އޭނާ އަށް އެނބުރި ސިފައިންގެ އަށް ދާން ނުކެރޭނެ ކަމަށް ބުނުމުން އޭނާގެ އަތުގައި ހުރި މެގަޒިންތައް ހިފައިގެން އަނެއް ހަތް މީހުން، ސިފައިންގެ އަށް ވަނީ ގަޑިއެއްހާ އިރު ބޭރުގައި ހޭދަކޮށްފަ އެވެ.

ނޮވެމްބަރު 3 ގައި އެގޮތަށް ބޭރަށް ނުކުތުމާއި އަދި ބަހުގައި ބޭރަށް ނުކުންނަން އުޅުމަކީ ވަރަށް ގޯސް ފިޔަވަޅެއް ކަމަށް ބުނެ ބައެއް މީހުން މޫސާ ޖަލީލްމެންނަށް މިހާރު ވެސް ފާޑުކިޔަ އެވެ. އެކަމަކު އެދުވަހުގެ ހާލަތު އޮތް ގޮތުން ކޮންމެވެސް ހިސާބަކުން، ސިފައިންގެ ބޭރުގައި ކަން ހިނގަމުން ދިޔަ ގޮތް ދެނެގަތުމަކީ، އެއްކޮޅުން ބަލާއިރު، އެ ދަނޑިވަޅު ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި މިހާރު ވެސް އޭނާ ހުންނެވީ އެގޮތުގަ އެވެ.

ދިވެހި ސިފައިންގެ އެންމެ ބޮޑު ޖިހާދު

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ސަގަރު، އަހުމަދު ނާސިރު އިސްކޮށް ތިބެގެން ތަމަޅައިންގެ 80 ވަރަކަށް ޓެރަރިސްޓުންނާ އެކު މާލެ އެރީ ނޮވެމްބަރު 3، 1988 ގެ ފަތިހު، ސްރީ ލަންކާ އިން ކަނޑުމަގުން އައި ދެ ބޯޓެއްގަ އެވެ. މައުމޫން ސަރުކާރު ބަދަލުކޮށްލުމުގެ މި ރޭވުމުގައި ލުތުފީ އާއި ނާސިރަށް ދިވެހިންގެ އެހެން ބައެއް މީހުންގެ އެހީތެރިކަން ވެސް ލިބުނެވެ. ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ. އާންމުންގެ ތެރެއިން ބައެއް މީހުން ޝަހީދުވީ، ޓެރަރިސްޓުން ފިލަންވެގެން "ޕްރޮގްރެސް ލައިޓް" އާގު ބޯޓުގައި ދަނިކޮށް އިންޑިއާ ސިފައިން ދިން ހަމަލާތަކުގަ އެވެ. އެ ހަމަލާތަކުގައި އެ ބޯޓު ވެސް ފެތުނެވެ.

މިއަދު އެ ބިރުވެރި އަދި ލޭއޮހޮރުވުން ބޮޑު ހަމަލާގެ ހަނދާންތައް ގިނަ ބަޔަކު ނެތަސް ނޮވެމްބަރު 3، 1988 އަކީ ރާއްޖޭގެ މިފަހުގެ ތާރީޚުގައި ސިފައިން ކުރި އެންމެ ބޮޑު ޖިހާދެވެ. އެއީ އެއްވެސް މީހަކަށް، އެއްވެސް ސުވާލެއް އުފެއްދެން ނެތްހާ ސާފުކޮށް އޮތް ކަމެކެވެ. އެ ދުވަހު ދިވެހި ސިފައިން ކުރި ހިތްވަރުގެ އަގުވަޒަންކުރަން، މިހާރުގެ ސިޔާސީ ޚިޔާލު ތަފާތުވުމުގައި ބައެއް މީހުން ބޭނުން ނުވިޔަސް އެ ޖިހާދާ މެދު، ދިވެހިން އިއްޔެ ވެސް، މިއަދު ވެސް އަދި މާދަމާ ވެސް ފަޚުރުވެރިވާން ޖެހޭނެ އެވެ. އެ ދުވަސް ދުށް ދިވެހިން އޭރު އޮއްސާލި ގައުމީ ރޫހާއި އެއްބައިވަންތަކަމާއި ހަމަލާގައި ބައިވެރިވި މީހުން ދެކެ އައި ރުޅިވެރިކަން ތާރީޚުގައި ލިއެފައިވެ އެވެ.

ނޮވެމްބަރު 3 ގެ ދިރިހުރި އެންމެ ބޮޑު އެއް ބަތަލަކީ ގައިމު ވެސް މޫސާ ޖަލީލެވެ. އޭނާގެ އިތުރުން ވެސް އެތައް އޮފިސަރުންނަކާއި ސިފައިންގެ އެތައް ބަޔަކު މާޒީ އަށް ވަދެފައި ވަނީ ގައުމީ ބަތަލުންގެ ގޮތުގަ އެވެ. ޝަހީދުވި ސިފައިންގެ ހަނދާން ދުވަހަކު ވެސް ފޮހޮވިގެން ނުދާނެ އެވެ.

މޫސާ ޖަލީލް ލިއުއްވާފައި ވަނީ ހަމަ ރަނގަޅަށެވެ.

"އެބައި މީހުންގެ ހަށިގަނޑާއި ފުރާނައިން އެ ގުރުބާންވީ ތިބާގެ ގައުމަށާއި ތިބާ އާއި ތިބާގެ ދަރިންގެ ހައްގުގައިކަން ތިބާ ދަންނާށެވެ."

މިއަދުގެ ދިވެހި ރައްޔިތުން އެކަން ހަމަ ވަރަށް ރަނގަޅަށް ދަންނަން ޖެހޭނެ އެވެ.