Roadha Mihaaru
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 3

ނޮވެމްބަރު ތިނެއްގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 3

05 ނޮވެމްބަރ 2016

(އިއްޔެގެ އަދަދާ ގުޅޭ)

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

(އިއްޔެގެ އަދަދާ ގުޅޭ)

ފުރަތަމަ ބޯޓު 200 މީޓަރަށް ތިރިވެއްޖެ ކަމަށް، ރޭޑިއޯ އަލްޓިމީޓަރުން ދެއްކުމާ އެކު، ރަންވޭ ދިއްލައިދިނުމަށް ބޯޓުން އެދުނެވެ. އޭރު ވެސް ބޯޓު މި އޮތީ ރަންވޭއާ ކިހާ ހިސާބެއްގައި ކަން ކަށަވަރެއް ނޫނެވެ. ރަންވޭ ދިއްލުމާ އެކު ބޯޓު ރަންވޭއާ ދިމާލަށް ތިރިކުރި އެވެ. އާގްރާ އިން ފުރިތާ ތިން ގަޑިއިރާއި 44 މިނެޓް ފަހުން ފުރަތަމަ ބޯޓު ހުޅުލެ އަށް ޖެއްސީ އިންޑިއާ ގަޑިން އެ ރޭގެ 9:48 (މާލޭ ގަޑިން އެ ރޭގެ 9:18) ހާ އިރެވެ. ރަންވޭގައި ބޯޓުގެ ފުރޮޅު ޖެހުމާ އެކު މުޅި ރަންވޭ އެކުގައި ނިއްވައިލި އެވެ. އަލިކަމެއް ނެތުމުން އަދި ރަންވޭގެ އަނެއް ކޮޅު ފެންނަން ނެތުމާ އެކު، ވީހާ އަވަހަށް ބޯޓު ހުއްޓަން ޕައިލެޓުން ބޭނުންވި އެވެ. ބޯޓު އެކުގައި ހުއްޓުނު އިރު، ރަންވޭގެ އަނެއް ކޮޅުން ބާކީ 300 މީޓަރު އޮތެވެ. އޭރު މާލޭގެ އަލިތައް ވަރަށް ކައިރިން ފެނެ އެވެ. މުޅިން ހަމަހިމޭންކަމުގައި އޮތް ބޯޓުގެ ތެރެއިން، ބޯޓު މަޑުކޮށްލުމާ އެކު ފުން ނޭވާތަކެއްގެ އަޑު އިވުނެވެ.

ބޯޓުގެ ކާގޯ ދޮރު ހުޅުވައިލުމުން މެރޫން ބެރޭގެ ޕެރަޓްރޫޕް ލަޝްކަރުގެ ސިފައިން ހިނދުކޮޅެއްގެ ތެރޭގައި ތިބީ ރަންވޭ އަށް ފައިބަ އެވެ. އަދި ވިދުވަރެއްހެން ހަތިޔާރާ އެކު މުޅި ސަރަހައްދަށް ބެހިލައި އެމީހުންގެ މަގާމުތައް ކަށަވަރުކުރި އެވެ. ދެ ވަނަ ބޯޓު ރަންވޭ އަށް ތިރިކުރަމުން އައި އިރު، ފުރަތަމަ ބޯޓުން ފޭބި ބައެއް ސިފައިން ރަންވޭ ހުރަސްކޮށް އަނެއް ފަރާތަށް ދަނީ އެވެ. ސްކޯޑްރަން 44ގެ ފަސް ބޯޓުގައި ޖުމްލަ 400 ސިފައިން އެ ރެޔާއި އަނެއް ދުވަހު ހުޅުލެ އަށް އައެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ނާކާމިޔާބުވެ، ތަމަޅަ ހަނގުރާމަވެރިން މާލޭން ފައިބައިގެން ދިއުމަށް ފަހު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ސިފައިންގެ މައި މަރުކަޒުގެ ބޭރުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ނާކާމިޔާބުވެ، ތަމަޅަ ހަނގުރާމަވެރިން މާލޭން ފައިބައިގެން ދިއުމަށް ފަހު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ސިފައިންގެ މައި މަރުކަޒުގެ ބޭރުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ.

ހުޅުލެ އަށް ފޭބި އިންޑިއާ ސިފައިންނަށް މަރުހަބާ ދެންނެވީ ދިވެހި ސިފައިންގެ ލެފްޓިނެންޓް އަހްމަދު ޒާހިރެވެ. ބްރިގޭޑިއާ ފާރޫގް ބަލްސަރާއާއި އެހެން ކޮމާންޑަރުންނާ އެކު ޒާހިރު ހުޅުލޭ ޓަވަރަށް ގޮސް، މާލޭގެ ޗާޓު ބަލައި، ތަމަޅަ އިން ހަމަލާ ދިން ތަންތަނާ އެމީހުން ތިބެދާނެ ކަމަށް ބެލެވޭ ތަންތަނުގެ މައުލޫމާތު ހިއްސާކުރި އެވެ.

އޭރު އިންޑިއާ ސިފައިން ރާވާފައި އޮތީ، ހުޅުލެ ރަނގަޅަށް ބެލެހެއްޓުމަށް އެރޭ ހުޅުލޭގައި ތިބުމަށް ފަހު، ނޮވެމްބަރު 4 ވަނަ ދުވަހު ހެނދުނު ހެލިކޮޕްޓަރުތައް އައުމުން، މާލޭގައި ތިބި ޓެރަރިސްޓުންނަށް ހަމަލާ ދޭން ފެށުމަށެވެ. އެ ކަން ސިފައިންގެ މައި މަރުކަޒުގައި ހުންނެވި މޭޖާ މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) އަށް އެންގުމުން، އެއީ ރަނގަޅު ގޮތެއް ނޫން ކަމާއި ބޭނުންވަނީ އިންޑިއާ ސިފައިން ވީހާ އަވަހަކަށް މާލެ އައިސް އެހީވެދިނުމަށް ކަން އެންގެވި އެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ ދިން ޓެރަރިސްޓުން ބަލިވެ ފިލައިގެން ދިއުމަށް ފަހު، ނޮވެމްބަރު 4 ވަނަ ދުވަހު ދިވެހި ސިފައިން މަގުތަކަށް ނުކުމެ ސިފައިންގެ މައި މަރުކަޒު ކައިރީ ސަލާމަތީ ކަންތައް ބަލަހައްޓަނީ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ ދިން ޓެރަރިސްޓުން ބަލިވެ ފިލައިގެން ދިއުމަށް ފަހު، ނޮވެމްބަރު 4 ވަނަ ދުވަހު ދިވެހި ސިފައިން މަގުތަކަށް ނުކުމެ ސިފައިންގެ މައި މަރުކަޒު ކައިރީ ސަލާމަތީ ކަންތައް ބަލަހައްޓަނީ.

ޓޫޓޫ ޒާހިރުގެ އެ އެދުމާ ގުޅިގެން އިންޑިއާ ސިފައިންގެ ރޭވުން ބަދަލުކޮށް މާލެ އައުމަށް ތައްޔާރުވި އެވެ. އެމީހުން މާލެ އަރަން ރޭވީ ދެ ގްރޫޕަކަށް ބަހާލައި އެއް ގުރޫޕް މާލޭގެ ދެކުނު ފަރާތުން ތައިސެއި ކޮއްޓާ ދިމާލުން އަދި އަނެއް ގްރޫޕް މާލޭގެ އިރުއުތުރު ފަރާތުންނެވެ. އޭރު އަހްމަދު ޒާހިރު ވަނީ އިންޑިއާ ސިފައިން މާލެ ގެނައުމަށް ބަނޑޮސް ރިސޯޓުގެ ތިން ލޯންޗާއި ބައެއް ފެރީ ދޯނިފަހަރު ތައްޔާރުކޮށްފަ އެވެ.

ނަމަވެސް ރައީސް މައުމޫން ހުންނެވި ތަނެއް ކަށަވަރު ނުވަނީސް، މާލެ އަރައި ހަމަލާ ދޭން އިންޑިއާ ސިފައިން ދެކޮޅު ހެދި އެވެ. ބްރިގޭޑިއާ ފާރޫގް ބަލްސަރާ އެންމެ ބޮޑު އިސްކަމެއް ދިނީ ރައީސް މައުމޫން ހުންނެވި ތަނެއް ހޯދައި އެ މަނިކުފާނު ސަލާމަތް ކުރުމަށެވެ. ނަމަވެސް އެ މައުލޫމާތު އެ ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށާއި އިންޑިއާ ސިފައިން މާލެ އެރުމުން އެ މައުލޫމާތު ހިއްސާ ކުރެވިދާނެ ކަމަށް ޓޫޓޫ ޒާހިރު މާލެ އިން އެންގި އެވެ.

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ އިން ރާއްޖެ ސަލާމަތް ކުރުމުގައި އެހީވުމަށް އައި އިންޑިއާ ސިފައިންގެ ބަޔަކު، އެމީހުން ތިބުމަށް ހުޅުލޭގައި ޖަހާފައިވާ ފޭލިގެއެއްގެ ކައިރީގައި މަޑުކޮށްލައިގެން.

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ އިން ރާއްޖެ ސަލާމަތް ކުރުމުގައި އެހީވުމަށް އައި އިންޑިއާ ސިފައިންގެ ބަޔަކު، އެމީހުން ތިބުމަށް ހުޅުލޭގައި ޖަހާފައިވާ ފޭލިގެއެއްގެ ކައިރީގައި މަޑުކޮށްލައިގެން.

އިންޑިއާ ސިފައިން މާލެ ދާން ހުޅުލެ އިން ފުރީ އެރޭގެ 11 ޖެހި ފަހުންނެވެ. ނަމަވެސް އިންޑިއާ ސިފައިން މާލެ އައުން ލަސްވެގެން ސިފައިންގެ މައި މަރުކަޒުން ހުޅުލޭ ޓަވަރަށް އެންގުމުން، އިންޑިއާ ސިފައިން ކޮބައިތޯ ބެލުމަށް ދިވެހި ސިފައިންގެ ސްޓާފް ސާޖެންޓް ޝާމް އާއި އިންޑިއާގެ ބްރިގޭޑިއާ ފާރޫގް، އިންޑިއާ ސިފައިންގެ އިތުރު ބަޔަކާ އެކު ހުޅުލޭ ފާލަން މައްޗަށް ދިޔަ އެވެ. އޭރު މާލެ ދާން ފުރި އިންޑިއާ ސިފައިން ފެންނަ ހިސާބުގައި ވެސް ނެތެވެ.

ނަމަވެސް މާލެ އާއި ފުނަދުއާ ދެމެދުން ގާދޫކޮލާ ދިމާލަށް ދަތުރުކުރާ އާގުބޯޓެއް ފެނުނެވެ. އެއީ ކޮން ބޯޓެއްތޯ ފާރޫގް ސުވާލު ކުރުމުން، ހުޅުލޭ ޓަވަރު މެދުވެރިކޮށް ސިފައިންގެ މައި މަރުކަޒާ ގުޅުމުން އެއީ، ޓެރަރިސްޓުން ފިލައިގެންދާ ބޯޓެއް ކަމާއި އެ ބޯޓު ހުއްޓުވައިދިނުމަށް ޓޫޓޫ ޒާހިރު އެދޭ ކަމަށް ޝާމް ބުންޏެވެ. ހަމަ އެވަގުތު އިންޑިއާ ސިފައިންގެ ސަމާލުކަމަށް އެކަން ގެނެސް، ކައިރީގައި ހުރި އިންޑިއާ ސިފައިންގެ މީހެއްގެ އަތުގައި އޮތް ކާލްގުސްތާވްއެއް ބްރިގޭޑިއާ ފާރޫގް އަތުލައި އެއިން ބޯޓަށް ތިން ހަމަލާއެއް ފޮނުވައިލި އެވެ.

ނަމަވެސް ބޯޓު މަޑު ނުކުރުމުން ޖިޕަށް އަރައިގެން ޝާމް އާއި ފާރޫގް ހުޅުލޭގެ ދެކުނު ކޮޅަށް ގޮސް އާދައިގެ ރައިފަލުންނާއި ބަރު ހަތިޔާރުން ވެސް ބޯޓަށް ހަމަލާ ދިނެވެ. ނަމަވެސް އެ ބޯޓު މަޑު ނުކޮށް ގާދޫކޮލުން ނުކުމެގެން ދިޔައީ އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް އުދުވާނީ ހަމަލާ ދިން ލަންކާގެ ތަމަޅަ ޓެރަރިސްޓުން، ފޭރިގަތް އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓުގައި ފިލައިގެން ދަނިކޮށް އިންޑިއާ ސިފައިންގެ މަނަވަރު ގޯދާވަރީ އެ ބޯޓަށް ހަމަލާ ދިނުމުން ރޯވެ ދުން އަރަނީ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް އުދުވާނީ ހަމަލާ ދިން ލަންކާގެ ތަމަޅަ ޓެރަރިސްޓުން، ފޭރިގަތް އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓުގައި ފިލައިގެން ދަނިކޮށް އިންޑިއާ ސިފައިންގެ މަނަވަރު ގޯދާވަރީ އެ ބޯޓަށް ހަމަލާ ދިނުމުން ރޯވެ ދުން އަރަނީ.

ޓެރަރިސްޓުން މާލެ އިން ފޭބިކަން އެނގުމުން، މާލެ އަރަން ކުރިން ރޭވި ޕްލޭން ބަދަލުކޮށް ދެ ގުރޫޕްގެ ސިފައިން ވެސް މާލޭގެ ދެކުނު ފަރާތުން މާލެ އަރަން ނިންމި އެވެ. ނަމަވެސް އޭގެ ތެރެއިން އެއް ގުރޫޕް މާލެ އެރީ ތާޖުއްދީން ސްކޫލާ ދިމާލުންނެވެ. އަނެއް ގުރޫޕް މާލެ އެރީ ދެކުނު ފަރާތުންނެވެ.

ރައީސް މައުމޫން ހުންނެވި މ. ގުލިސްތާނު ގެއަށް އިންޑިއާ ސިފައިން، ދިވެހި ސިފައިންގެ އެހީތެރިކަމާ އެކު، ދިޔައީ އެރޭގެ މެންދަމު 1:45 ހާއިރެވެ. އިންޑިއާ ސިފައިންގެ ކާނަލް ޖޯޝީ އާއި މޭޖާ ދިލޯން އިތުރު ސިފައިން ގޮވައިގެން ދިވެހި ސިފައިންގެ ލެފްޓިނެންޓް އަހްމަދު ޒާހިރާ އެކު ދިޔައީ، ރައީސް މައުމޫން ހުންނެވި ގެއަށެވެ. އެ ތަނަށް ގޮސް ރައީސް މައުމޫނާ ކާނަލް ޖޯޝީ ބައްދަލުކޮށް އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ.

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ތަމަޅައިންގެ ހަމަލާގައި ސިފައިންގެ ހުޅަނގު ދެކުނު ކަން ގޮއްވައިލުމުން ހެދުނު ބާގަނޑު ކަވަރު ކުރުމަށް ބެހެއްޓި ޖީޕީއެމްޖީ ކައިރީގައި ސާޖަންޓް ބަނޑިދޫ އަބްދުއްރަހީމާއި ލާންސް ކޯޕްރަލް އަލީ ހަސަން.

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ތަމަޅައިންގެ ހަމަލާގައި ސިފައިންގެ ހުޅަނގު ދެކުނު ކަން ގޮއްވައިލުމުން ހެދުނު ބާގަނޑު ކަވަރު ކުރުމަށް ބެހެއްޓި ޖީޕީއެމްޖީ ކައިރީގައި ސާޖަންޓް ބަނޑިދޫ އަބްދުއްރަހީމާއި ލާންސް ކޯޕްރަލް އަލީ ހަސަން.

އަދި މޭޖަ ދިލޯން އާއި އޭނާގެ ސިފައިން ގޮވައިގެން އަހްމަޒު ޒާހިރު ދިޔައީ ސިފައިންގެ މައި މަރުކަޒަށެވެ. އެ ތަނަށް ގޮސް މޭޖާ މުހައްމަދު ޒާހިރާ ބައްދަލުކޮށް ސިފައިންގެ ސަރަހައްދުގެ ސަލާމަތީ ކަންތަކާ އިންޑިއާ ސިފައިން ހަވާލުވުމަށް ފަހު، ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާ ސިފައިންގެ މައި މަރުކަޒަށް ގެނައުމުގެ މަސައްކަތް ފެށި އެވެ.

ދެ ކާރުގައި ދިވެހި ސިފައިން ގޮސް ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ގޮވައިގެން ސިފައިންގެ މައި މަރުކަޒަށް އައި އިރު، ހިމާޔަތުގައި ތިބި އިންޑިޔާ ސިފައިން އެ ދެ ކާރާ އެކުގައި ދުވަމުން ސިފައިންގެ އަށް އަ އެވެ. އެ ހަމަލާ ކުރިމަތިވި އިރު، ރައީސް މައުމޫންގެ އެންމެ ދޮށީ ތިން ބޭފުޅުން ތިއްބެވީ އިނގިރޭސި ވިލާތުގައި ކިޔަވައިވިދާޅުވާށެވެ. އަރިހުގައި ހުންނެވީ އުމުރުން އަށް އަހަރުގެ ޣާއްސާނެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ތީރް.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ތީރް.

ރައީސް މައުމޫނަށް ސިފައިންގެ އިން ރައްކާތެރިކަން ދިނުމަށް ފަހު، އިންޑިއާ ސިފައިން ދެ ކަމަކާ ކުރިމަތިލާން ޖެހުނެވެ. އެއް ކަމަކީ މާލެ އާއި ކައިރި ސަރަހައްދުތަކުގައި ޓެރަރިސްޓުން ފިލައި ތިބިތޯ ބަލައި އެމީހުން އަތުލައިގަތުމެވެ. ދެ ވަނަ ކަމަކީ ރަހީނު ކުރި މީހުންނާއި ރަހީނު ކުރި ބޯޓު ސަލާމަތްކޮށް، ޓެރަރިސްޓުން ހައްޔަރު ކުރުމެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ޓެރަރިސްޓުން ފިލައިގެންގެ ދިޔަކަން އެނގުމާ އެކު، އެމީހުން އަތުލައިގަނެ ރަހީނުން މިނިވަން ކުރުމަށް ރައީސް މައުމޫން އަމުރު ކުރެއްވި އެވެ. އެހެންކަމުން އެކަމުގައި އިންޑިއާ ސިފައިންގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދުނެވެ.

އޭރު އޮސްޓްރޭލިޔާގެ ޕޯޓް ބްލެއާގެ ބަނދަރުގައި އޮތް އިންޑިއާ މަނަވަރު ގޯދާވަރީ އާއި ސޯމާލިޔާ އަށް ދަތުރު ކުރަމުން ދިޔަ ބެޓްވާ އާއި ކޮޗިން ބަނދަރުގައި އޮތް ތީރް އަށް އިންޑިޔާގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒުން އޯޑަރު އައީ ވީ އެންމެ އަވަހަކަށް ރާއްޖެއާ ދިމާލަށް މިސްރާބު ޖެހުމަށެވެ. އެއީ ޓެރަރިސްޓުން ރަހީނުކޮށްގެން ދިޔަ 14 ދިވެހިންނާއި ބޯޓުގެ ފަޅުވެރިން ސަލާމަތް ކުރުމަށެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ގޯދާވަރީ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ގޯދާވަރީ.

ރަހީނުކޮށްގެން ގެންދިޔަ ދިވެހިން ސަލާމަތް ކުރުމަށްޓަކައި ޓެރަރިސްޓުންނާ މަޝްވަރާކުރުމަށް ދިވެހި ސަރުކާރުން ސިފައިންގެ ހަތަރު މީހަކު ކަނޑައަޅައި އިންޑިއާގެ މަނަވަރަށް ފޮނުވަން ނިންމި އެވެ. މޭޖަ އާދަމް ޒާހިރާއި ކެޕްޓަން މުހައްމަދު ނައީމާއި ސްޓާފް ސާޖެންޓް އަހްމަދު ރާޝިދާއި ކޯޕްރަލް ފަރުހަތު ޝަހީރު، 4 ވަނަ ދުވަހުގެ ރޭ 2:30 ގައި އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގައި ފުރައިގެން ދިޔައީ ލަންކާގެ ކޮލަމްބޯ އަށެވެ. އެ ތަނުން އިންޑިޔާގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ދަތުރުކޮށް ގޯދާވަރީ އަށް އެ ހަތަރު ބޭފުޅުން ފޭބީ 5 ވަނަ ދުވަހުގެ ހެނދުނު 6:00ގަ އެވެ.

ނޮވެމްބަރު 4 ވަނަ ދުވަހުގެ ރޭ މެންދަންވި އިރު އެމްވީ ޕްރޮގްރެސް ލައިޓް ދަތުރުކުރަމުން ދިޔައީ ލަންކާގެ އުތުރުގައި އޮންނަ މުއްލިކުލަމަށެވެ. އެރޭގެ މެންދަމު 2:45 ހާއިރު، މަނަވަރު ބެޓްވާ އިން އެ ބޯޓަށް ހުރަސްއަޅައި ބޯޓު މަޑު ކުރަން އެންގި އެވެ. އަދި 5 ވަނަ ދުވަހުގެ ހެނދުނު 11:30 ހާއިރު، ގޯދާވަރީން ވެސް ބޯޓަށް ހުރަސްއަޅައި ބޯޓު ހުއްޓަން އެންގި އެވެ. އޭރުން ފެށިގެން ވީއެޗްއެފް ސެޓް މެދުވެރިކޮށް މަނަވަރުން ބޯޓާ ވާހަކަ ދައްކައި އަމާން ދިނުމަށް އެދެމުން ދިޔަ އެވެ. އެ ދުވަހުގެ އިރު އޮއްސެން ކައިރިވި އިރު ވެސް އަމާން ދޭކަށް ޓެރަރިސްޓުން ބޭނުމެއް ނުވި އެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ބެޓްވާ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ބެޓްވާ.

ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހަށް އިރު އެރި އިރު ވެސް ޓެރަރިސްޓުން އަމާން ނުދީ ދިޔައީ ލަންކާއާ ދިމާލަށް ދަތުރު ކުރަމުންނެވެ. އަމާން ދިނުމަށް އެ ދުވަހުގެ ހެނދުނު 6:00 އަށް ދިން މުހުލަތު ހަމަވުމުން އިތުރު 15 މިނެޓް ދިނެވެ. ނަމަވެސް ޓެރަރިސްޓުން އިންޑިއާގެ މަނަވަރަށް އެންގީ، އެ މީހުންނަކީ ޖާނުން ފިދާވާ މީހުން ކަމަށާއި މަނަވަރުން ބޭނުންވާ ގޮތަކަށް ކަންތައް ކުރުމަށެވެ.

އެހާ ހިސާބުން އިންޑިއާ މަނަވަރުން ދޭ ހަމަލާތައް ވަރުގަދަކުރި އެވެ. ގޯދާވަރީގެ ހެލިކޮޕްޓަރުން ބޯޓު ކައިރި އަށް ކަނޑު ތެރެއަށް އެޅި ގޮވާ އެއްޗެހިތައް ގޮވަން ފެށުމާ އެކު އުފެދުނު ރާޅުބާނިތަކުގައި ޖެހި ބޯޓު ވަރަށް ބޮޑަށް ރޯލު ކުރަން ފެށި އެވެ. އަދި މަނަވަރުން ދިން ވަރުގަދަ ހަމަލާއެއް ބޯޓަށް އަރައި މުޅި ބޯޓު ގުޑައިގެން ދިޔަ އެވެ. މި ހަމަލާތަކުގައި ޓެރަރިސްޓުންގެ ބައެއް މީހުން މަރުވެ ރަހީނުންގެ ތެރެއިން ތިން މީހަކު ޝަހީދުވި އެވެ.

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ އަށް ފަހު އިންޑިއާ ސިފައިން މާލެ ތެރެ ބަލައި ފާސްކުރުމަށް ޕިކަޕެއްގައި ތައްޔާރުވަނީ

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ އަށް ފަހު އިންޑިއާ ސިފައިން މާލެ ތެރެ ބަލައި ފާސްކުރުމަށް ޕިކަޕެއްގައި ތައްޔާރުވަނީ

ދެންވާ ސަލާމަތް ނުވާނެ ހެން ހީވުމުން، އެ ދުވަހުގެ ހެނދުނު 8:55 ހާއިރު ތަމަޅަ ހަނގުރާމަވެރިން އަމާން ދިނެވެ. ދެން ފުރާނަ ސަލާމަތްވި ރަހީނުންނާއި ފަޅުވެރިންނާއި ޓެރަރިސްޓުން އިންޑިއާގެ ގޯދާވަރީ މަނަވަރަށް ނެގި އެވެ. ރަހީނުންގެ ތެރޭގައި ތިބި ބޮޑަށް ޒަޚަމްވި މީހުންނަށް އިތުރު ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވުމަށް ފަހު، ދެން ތިބި ރަހީނުންނާއި ޓެރަރިސްޓުން ގޮވައިގެން ގޯދާވަރީ މާލެ އަށް މިސްރާބު ޖެހީ، ނޮވެމްބަރު 7 ވަނަ ދުވަހުގެ ފަތިހު 5:50 ހާއިރު އާގުބޯޓު އަޑިއަށް ދިއުމުންނެވެ. އެ މަނަވަރު މާލޭގައި ބަނދަރު ކުރީ 8 ވަނަ ދުވަހު އިރު އޮއްސެނިކޮށެވެ.

މި އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ. މި ހަމަލާގައި ބައިވެރިވި 75 މީހެއްގެ މައްޗަށް ރާއްޖޭގައި ޝަރީއަތް ހިންގި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި 68 ތަމަޅައިންނެވެ. އޭގެ ތެރެއިން ހަތަރު ދިވެއްސަކާއި 12 ތަމަޅައިންގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. އަދި ތަމަޅަ ޓެރަރިސްޓުންގެ ތެރެއިން 33 މީހަކު ރާއްޖޭގެ 33 ރަށަކަށް އަރުވައިލި އެވެ. ދެން ތިބި މީހުން ޖަލަށްލީ އެވެ.

އޮޕްރޭޝަން ކެކްޓަސްގައި އިންޑިޔާ ސިފައިންގެ ޖުމްލަ 1،600 މީހުން ބައިވެރިވި އެވެ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ އަދަދު 800 އަށް ތިރިކޮށް ހުރިހާ ސިފައިން ރާއްޖޭން އެނބުރި ދިޔައީ އޭގެ އެއް އަހަރު ފަހުންނެވެ.

(ނިމުނީ)