Roadha Mihaaru
ލުތުފީ ހައްޔަރުކޮށްގެން ވަރަށް އަވަހަށް ގެންނާނަން

ލުތުފީ ހައްޔަރުކޮށްގެން ވަރަށް އަވަހަށް ރާއްޖެ ގެންނާނަން: އަޒްލީން

03 ނޮވެމްބަރ 2016

ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ދާދި އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ދާދި އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި އަޒްލީން ވިދާޅުވި ގޮތުގައި ލުތުފީ އެހެން ގައުމަކަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ލުތުފީ ހުރީ ކޮން ގައުމެއްގައި ކަމާއި އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"އޭނާގެ (ލުތުފީ) ޕާސްޕޯޓު ވެސް މިހާރު ވާނީ ކެންސަލް ކުރެވިފައި. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އޭނާ ހިފާހައްޔަރުކޮށް ރާއްޖެ ގެންނާނަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ހާޖަރާގޭ ލުތުފީ. އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރު ނެރެފައި.

ހާޖަރާގޭ ލުތުފީ. އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރު ނެރެފައި.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ބޭރުގެ ބަޔަކާ އެކު ރާއްޖެ އަރައި ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއް ނެތް އެތައް ބަޔަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށް މަރުގެ ހުކުމް އިއްވައި އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައި ހުރި މީހެކެވެ.

ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ލުތުފީ މިހާތަނަށް ރާއްޖެ އައިސްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އުޅެނީ ސްރީ ލަންކާގަ އެވެ. އެހެންވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ.

ލުތުފީ ފިލައިގެން ލަންކާގައި އުޅެމުން ދަނީ އޭނާގެ އަސްލު ނަން އޮޅުވާލައި، "ޒާން"ގެ ނަމުގައި ކަމަށާއި ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް، ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދޭނެ ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ލުތުފީ ބޭރަށް ފޮނުވާލީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް ބުނާ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

އަޒްލީންގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި ނޮވެމްބަރު ތިނެއްގެ އުދުވާނަކީ ވެރިކަން ހޯދުމުގެ ބޭނުމުގައި ހިންގާފައިވާ އަމަލެކެވެ. ރާއްޖެއާ ތޮޅެން ބޭރުގެ ގައުމުތަކުން މަސައްކަތް ކުރަނީ ދިވެހިންގެ ތެރެއިން ގައުމަށް ގައްދާރުވާ މީހުންގެ އެހީތެރިކަމާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަކަށް ހަދައިގެން ނުވާނެ ކަމަށާއި ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާއިރު، ކޮންމެ މީހެއްގެ ހިޔާލު އެއްގޮތް ވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިޔާލު ތަފާތުވުމަކީ ގައުމު ހަލަބޮލިކޮށް ދިވެހި ސަލާމަތަށް އަސަރު ކުރާ ކަމަކަށް ހަދައިގެން ނުވާނެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ސަރުކާރުން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރު ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން މިއަދު ތިބީ ރާއްޖެ އަށް ދީފާނެ ހަމަލާއަކަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއާ ތޮޅެން ޕޯޗުގީޒުން ވިޔަސް، މަލަބާރުންގެ ލަޝްކަރުތައްވިޔަސް އަދި ތަމަޅާ ބާގީންގެ ކުލީ ސިފައިން ވިޔަސް އެމީހުން ރާއްޖެ އައީ ވެރިކަމަށް ދަހިވެތިވި މަދު ހާއިނުންގެ ސަބަބުންކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަން ޖެހޭ ހަގީގަތެއް." އަޒްލީން ވިދާޅުވި އެވެ.

މީގެ އިތުރުން އަޒްލީން ވިދާޅުވީ ޖަލުތަކާ ޕެރޯލް ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކުދި ކުށްތައް ކުރެވިފައިވާ ޒުވާނުންނަށް ޝަރުތުތަކާއެކު ލުޔެއް ދެވޭނެ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި އޮނިގަނޑު އެކުލަވާލުމުން ގިނަ އަދަދެއްގެ ޒުވާނުން މައިންބަފައިންގެ ގާތަށް އާއިލާތަކަށް ރުޖޫއަވެ، ދިރިއުޅުން އާރާސްތު ކުރުމުގެ މަގު ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ ހުރިހާ ޒުވާނުން މިކަން ދަނެ ގައުމުގެ ސުލްހަމަސްލަސްކަން އެއީ އެންމެ މުހިންމު މޮޓޯ ކަމުގައި ހެދުމަށް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.