Roadha Mihaaru
ލުތުފީ އަށް ފާރަލި ކޮންމެ ފަހަރަކު ފިލީ: އުމަރު

ލުތުފީ އަށް ފާރަލި ކޮންމެ ފަހަރަކު ފިލީ: އުމަރު

01 ޖުލައި 2019

"ޝަހީދުވެގެން ވެއްޓި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބައި ދުށިން. ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެ ތަންތަނުން ނެގިން."

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

"ޝަހީދުވެގެން ވެއްޓި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބައި ދުށިން. ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެ ތަންތަނުން ނެގިން."

އެތައް ދިވެހިންނެއް ޝަހީދުވި އުދުވާނީ ހަމަލާގެ މޭސްތިރި ކަމަށްވާ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް ގެނައުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިހުމާލުވި ކަމަށް ފުލުހުން އިއްޔެ ކުރި ތުހުމަތުން ދިފާއުވެވަޑައިގަތީ މި ތަޖުރިބާ ހިއްސާ ކުރައްވަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ލުތުފީ ދިރިއުޅެމުން ދިޔަ ތަންތަނުގެ މައުލޫމާތު ކުރީގެ ސަރުކާރުތަކަށް ލިބުނެވެ. އެކަމަކު އޭނާ ގެނައުމުގައި ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ އިހުމާލު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވަދެ އަމިއްލަ އަށް ފުލުހުންނާ ހަވާލުވުމުން ވެސް ލުތުފީ ގެނައުން ލަސްވާ މައްސަލައިގައި މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުކުރައްވާ އުމަރަށް ފުލުހުން ކުރި ތުހުމަތުތަކަށް ޖަވާބު ދެއްވައި އޭނާ ކުރެއްވި މަސައްކަތުގެ ތަފްސީލް ވަނީ ހިއްސާ ކުރައްވައިފަ އެވެ.

ފޭސްބުކްގައި އުމަރު ލިއުއްވާފައިވާ ގޮތުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ލުތުފީ ހައްޔަރުކުރަން ޚާއްސަ އިސްކަމެއް ދެއްވީ ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ ނޮވެމްބަރު 3 ގެ ހަމަލާ އޭނާ ތަޖުރިބާ ކުރައްވާފައިވާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2010 ގައި ބޭސްފަރުވާ އަށް ފޮނުވާލުމުން ފިލައިގެން އުޅުނު ލުތުފީ ސްރީ ލަންކާ އިން އަތުލައިގަންނަން މިދިޔަ ސަރުކާރުގައި މަސައްކަތް ކުރި އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުންގެ އަތު ނުޖެހި ފިލީ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމާ އެކު ލުތުފީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ހުރި ކަމުގެ މައުލޫމާތު ލިބިގެން ކުރީގެ ސަރުކާރުގައި ލަންކާ ފުލުހުން ވަގުތުން އެ ތަނަށް ވެސް ފޮނުވި ކަމަށެވެ. އެކަމަކު ފުލުހުން ދިޔައިރު ލުތުފީ އެތަނުން ފިލާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލަންކާގެ ނުގޭގޮޑާގައި ލުތުފީ އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެތަނުގައި އެއް މަސް ދުވަހުގެ އޮޕަރޭޝަނެއް ފުލުހުން ހިންގި އެވެ. އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވީ ދިވެހި ސިއްރު ފުލުހުންގެ ޓީމަކުން ކަމަށް އުމަރު ވިދާޅުވި އެވެ.

އެ ފަހަރު ވެސް ލުތުފީ އަތެއް ނުވި އެވެ.

އޭނާ ހައްޔަރުކުރަން މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން މީހަކަށް 75،000ރ. ހުށަހަޅައި ފަހުން އެ އިނާމު 10،000 ޑޮލަރު (154،200ރ.) އަށް ބޮޑުކުރި ކަން އުމަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ލަންކާގެ ސަރުކާރުގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ވެސް އެކި ފަހަރު މަތިން ލުތުފީ ހައްޔަރުކުރުމުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ލަންކާގައި ހުންނަ އެމްބަސީ އަށް ވަދެ ލަންކާ ފުލުހުންނަށް ފިލާ އޮންނަން ޖެހުނީ ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތާ ހެދި އެވެ. ލަންކާގެ ވަކިވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯ ހުންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ލުތުފީ ގެނައުމުގައި މި ސަރުކާރުން ކުޅެނީ ޑްރާމާއެއްގެ ގޮތުގައި ސިފަކުރައްވައި އުމަރު ވިދާޅުވީ ލުތުފީ މަރަން އޭނާ ވަކާލާތު ކުރެއްވީ ޝަހީދުވި 19 ދިވެހިންނަށް އިންސާފު ހޯދައި ދޭން ކަމަށެވެ.

"ލުތުފީ އަށް މަރުގެ އަދަބު ދެވުނު ނަމަ މި ޑްރާމާ މި ގޮތަށް ހިނގާކަށް ނުޖެހުނީސް. ޝަހީދު ވެގެން ދިޔަ 19 ދިވެހިންނަށް އިންސާފު ލިބުނީސް،" އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި ލުތުފީ ގެނައުން ލަސްވަނީ ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ. އެއީ އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން މަސައްކަތްކޮށްފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަމާބެހޭ އިދާރާތަކުން ބުނިގޮތުގައި ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުގެ ހުއްދަ ލިބުމާ އެކު ލުތުފީ ރާއްޖެ ގެންނާނެ އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.