Roadha Mihaaru
ބާޣީ ލުތުފީގެ 25 އަހަރުގެ ޖަލު ހުކުމް ނިމިއްޖެ

ނޮވެމްބަރު 3ގެ މޭސްތިރިޔާ ލުތުފީގެ 25 އަހަރުގެ ޖަލު ހުކުމް ނިމިއްޖެ

18 ޖޫން 2023

މީގެ 34 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލައިގެ އެންމެ އިސް މޭސްތިރިޔާ، އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ 34 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލައިގެ އެންމެ އިސް މޭސްތިރިޔާ، އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

ނޮވެމްބަރު 3، 1988 ގައި ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކާ އެކު މާލެ އަރައި ރާއްޖޭގެ ވެރިކަން ބަދަލުކުރަން އެތައް ދިވެހިންނެއް ޝަހީދުކޮށްލި އުދުވާނާ ގުޅިގެން ލުތުފީގެ މައްޗަށް އައީ މަރުގެ ހުކުމެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރެއްވީ އެވެ. އުމުރަށް ޖަލަށްލުން ކަމަށް ގާނޫނީ ގޮތުން ބަލަނީ 25 އަހަރަށެވެ.

ލުތުފީގެ 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުނަސް، އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު މައްސަލައިގައި މީގެ ދެ އަހަރު ކުރިން އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް އަދި އެބަ އޮތެވެ. އެހެންވެ އޭނާ މިނިވަންނުވެ އަދި ވެސް ހުރީ ޖަލުގަ އެވެ.

ފިލައިގެން ނޫޅުނު ނަމަ 2014 ގައި ލުތުފީ މިނިވަން ވާނެ އެވެ. އެއީ ފިލައިގެން އުޅުނު މުއްދަތު ހުކުމް ތަންފީޒުކުރި މުއްދަތުގެ ތެރޭގައި ނުހިމެނޭނެތީ އެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ އަށް ފަހު އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ލުތުފީ ހައްޔަރުކޮށްގެން މާލެއަށް ބާލައިގެން ގެންދަނީ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ އަށް ފަހު އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ލުތުފީ ހައްޔަރުކޮށްގެން މާލެއަށް ބާލައިގެން ގެންދަނީ.

ލުތުފީއަށް ހަތް މަހުގެ ހުކުމެއް އިއްވީ އެމްޑީޕީގެ ވެރިކަމުގައި ބޭސްފަރުވާއަށް 2010 ގައި އިންޑިއާއަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު މައްސަލައިގަ އެވެ. އޭނާ ފިލައިގެން އުޅުމަށް ފަހު މެއި، 2019 ގައި ސްރީލަންކާގެ އެމްބަސީއަށް ދިޔައީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި ހައްޔަރުކުރަން ސިފައިން އޮޕަރޭޝަނެއް ފެށުމާ އެކު އެ ގައުމުގައި ދެން ފިލައިގެން ނޫޅެވިގެންނެވެ.

ރާއްޖެ އިން ބޭރުގައި ނުވަ އަހަރު އޭނާ ފިލައިގެން އުޅުނީ ސިފަ ބަދަލުކޮށްގެން އެކި ނަން ނަމުގައި ކަމަށްވެ އެވެ.

ނޮވެމްބަރު 3 ގެ އުދުވާނުގައި 19 ދިވެއްސެއް ޝަހީދުކޮށްލި އެވެ. ލުތުފީ އިސްވެ ހުރި ދިން ހަމަލާތައް ނާކާމިޔާބުވުމާ އެކު އޭނާ ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެލްގެ އެމްވީ ޕްރޮގްރެސް ލައިޓަށް އަރައިގެން ފިލަން މަސައްކަތްކުރި އެވެ. އެކަމަކު ފުރައިގެން ދަނިކޮށް، ރާއްޖެއަށް އެހީވި އިންޑިއާގެ މަނަވަރުން ހަމަލާދީ ބޯޓު ފައްތާލައިގެން ލުތުފީ އާއި ހަނގުރާމަވެރިން އަތުލައި އޭގައި ރަހީނުކޮށްފައި ތިބި ދިވެހިން ވެސް ސަލާމަތްކުރި އެވެ.

ލުތުފީއާއެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އައި ސަގަރު އަހުމަދު ނާސިރު ވެސް މިނިވަންވިތާ އެތައް އަހަރެއް ވެއްޖެ އެވެ.