Roadha Mihaaru
ނޮވެމްބަރު 3ގެ މޭސްތިރިޔާ ލުތުފީ މިއަދު މިނިވަންވަނީ

ނޮވެމްބަރު 3ގެ މޭސްތިރިޔާ ލުތުފީ މިއަދު މިނިވަންވަނީ

27 ނޮވެމްބަރ 2023

ސްރީ ލަންކާގެ ހަނގުރާމަވެރިންގެ ބަޔަކާ އެކު ހަތިޔާރާ އެކު ރާއްޖެ އަރައި ވެރިކަން ބަދަލުކުރަން ދިން ހަމަލާގައި މޭސްތިރިޔާ އަބްދުﷲ ލުތުފީގެ ހުކުމްތައް ތަންފީޒުކޮށް ނިމި މިއަދު ބަންދުން ދޫކޮށްލާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްރީ ލަންކާގެ ހަނގުރާމަވެރިންގެ ބަޔަކާ އެކު ހަތިޔާރާ އެކު ރާއްޖެ އަރައި ވެރިކަން ބަދަލުކުރަން ދިން ހަމަލާގައި މޭސްތިރިޔާ އަބްދުﷲ ލުތުފީގެ ހުކުމްތައް ތަންފީޒުކޮށް ނިމި މިއަދު ބަންދުން ދޫކޮށްލާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ނޮވެމްބަރު 3، 1988 ގައި 19 ދިވެއްސަކު ޝަހީދުކޮށްލި އުދުވާނާ ގުޅިގެން ލުތުފީގެ މައްޗަށް އައީ މަރުގެ ހުކުމެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރެއްވީ އެވެ. އުމުރަށް ޖަލަށްލުން ކަމަށް ގާނޫނީ ގޮތުން ބަލަނީ 25 އަހަރަށެވެ.

ނަމަވެސް، ހުކުމް ތަންފީޒުކޮށް ނިމެން ހަތަރު އަހަރަށް ވެފައި އޮއްވައި އޭނާ ބޭސްފަރުވާއަށް 2010 ވަނަ އަހަރު އިންޑިއާއަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނެވެ. ފިލައިގެން ނޫޅުނު ނަމަ 2014 ގައި ލުތުފީ މިނިވަން ވާނެ އެވެ. ފިލައިގެން އުޅުނު މުއްދަތު އެއީ ތަންފީޒު ނުކުރާ މުއްދަތު ކަމަށް ބަލަން ޖެހޭތީ އެ މުއްދަތަށް ބަންދުގައި ބެހެއްޓުމުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު މިދިޔަ ޖޫން މަހު ވަނީ ހަމަވެފަ އެވެ.

ލުތުފީ، 2019 ވަނަ އަހަރު ރާއްޖެ ގެނެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ޖަލަށް ގެންދިއުމަށްޓަކައި އޭނާ ނެރެނީ.---ފައިލް ފޮޓޯ: މިހާރު

ލުތުފީ، 2019 ވަނަ އަހަރު ރާއްޖެ ގެނެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ޖަލަށް ގެންދިއުމަށްޓަކައި އޭނާ ނެރެނީ.---ފައިލް ފޮޓޯ: މިހާރު

އެ ހުކުމް ތަންފީޒުކޮށް ނިމުމުން ދެން ތަންފީޒުކުރަމުން އައީ ޖަލުން ފިލައިގެން އުޅުމުން އައި ހުކުމެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލުތުފީގެ މައްޗަށް އެންމެ ފަހުން އިއްވި ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އެކަމަކު އަދި ދޫކޮށްނުލާ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އެ ތަނުގެ ބެލުމުގެ ދަށުން ދޫކޮށްލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ލުތުފީ ފިލައިގެން އުޅުމަށް ފަހު މެއި، 2019 ގައި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔައީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި ހައްޔަރުކުރަން ސިފައިން އޮޕަރޭޝަނެއް ފެށުމާ އެކު އެ ގައުމުގައި ފިލައިގެން ނޫޅެވިގެންނެވެ.

ލުތުފީއާއެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އައި ސަގަރު އަހުމަދު ނާސިރު ވެސް މިނިވަންވިތާ އެތައް އަހަރެއް ވެއްޖެ އެވެ.