Roadha Mihaaru
މިއަދުގެ ހުކުމާ އެކު ލުތުފީގެ ބާކީ އޮތީ ތިން އަހަރު

މިއަދުގެ ހުކުމާ އެކު ލުތުފީގެ ބާކީ އޮތީ ތިން އަހަރު

10 މާޗް 2021

މީގެ 33 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި، އަބްދުﷲ ލުތުފީއަށް މިއަދު އިއްވި ހަތް މަހުގެ ހުކުމާ އެކު އޭނާގެ ޖަލު ހުކުމްތަކުގެ ބާކީ އޮތީ ތިން އަހަރު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީގެ 33 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި، އަބްދުﷲ ލުތުފީއަށް މިއަދު އިއްވި ހަތް މަހުގެ ހުކުމާ އެކު އޭނާގެ ޖަލު ހުކުމްތަކުގެ ބާކީ އޮތީ ތިން އަހަރު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ލުތުފީއަށް ހަތް މަހުގެ ހުކުމެއް މިއަދު އިއްވީ އެމްޑީޕީގެ ވެރިކަމުގައި ބޭސްފަރުވާ އަށް 2010 ގައި އިންޑިއާ އަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު މައްސަލައިގަ އެވެ. މެއި، 2019ގައި ސްރީ ލަންކާގެ އެމްބަސީ އަށް ލުތުފީ ދިޔައީ އެ ގައުމުގައި ދެން އެގޮތަށް ފިލައިގެން ނޫޅެވޭނެ ކަން އެނގި އިތުރު މަގެއް ނެތުމުންނެވެ.

ރާއްޖެ އިން ބޭރުގައި ނުވަ އަހަރު އޭނާ ފިލައިގެން އުޅުނީ ސިފަ ބަދަލުކޮށްގެން އެކި ނަން ނަމުގަ އެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އުދުވާނީ ހަމަލާގައި ލުތުފީއަށް އިއްވި ޖަލު ހުކުމުގެ ބާކީ ދެން އޮތީ ދެ އަހަރާއި ހަ މަސް ކަމަށެވެ. އޭނާ މިނިވަންވާން ތިން އަހަރު އޮތީ މިއަދު އިއްވި ހުކުމާ ލައިގެންނެވެ.

ނޮވެމްބަރު 3، 1988 ގައި ބަޑިޖަހައި 19 ދިވެއްސެއްގެ ލޭ ދިވެހި ބިމަށް އޮހޮރުވާލުމަށް ފަހު ވެސް ލުތުފީ އަވަސްވެގަތީ ފިލައިގެން ދާށެވެ. ހަމަލާ ނާކާމިޔާބު ވުމުން، ރާވާފައި އޮތް ގޮތަށް އޭނާ ގޮސް އެރީ ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެލްގެ އެމްވީ ޕްރޮގްރެސް ލައިޓަށެވެ. ޓެރިރިސްޓުން އަތުލައިގަންނަން އިންޑިއާގެ މަނަވަރުން ހަމަލާދޭން ފެށުމުން އެންމެ ފަހުން އަމާންދިނެވެ. ފިލައިގެން ނުގޮސް ލުތުފީ ޖަލުގައި ހުރި ނަމަ، 2014 ގައި އޭނާ މިނިވަންވީހެވެ. މަރަން ހުކުމް ކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހަށް ބަދަލުކޮށްފަ އެވެ. އޭރު ރާއްޖޭގެ ގާނޫނު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަނީ 25 އަހަރެވެ.

ލުތުފީއާ އެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އެރި، އަނެއް ޚާއިނު، ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ މިނިވަންވެފަ އެވެ.