Roadha Mihaaru
މައުމޫންގެ ހަރަކާތްތައް ލުތުފީ ދިޔައީ ކައިރިން ބަލަމުން

މައުމޫންގެ ހަރަކާތްތައް ލުތުފީ ދިޔައީ ކައިރިން ބަލަމުން: އަނީސާ

04 ނޮވެމްބަރ 2021

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައި ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ، ރައީސް އޮފީހުގެ އޭރުގެ ފޮރިން ރިލޭޝަންސްގައި އިސްކޮށް މަސައްކަތް ކުރައްވާ އަނީސާ އަހުމަދާ، އެ ހަމަލާގެ ތިން މަސް ކުރިން ސްރީ ލަންކާ އިން ބައްދަލުވެ ދެކެވުނު ވާހަކަތަކެއް އޭނާ ރޭ އާންމު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައި ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ، ރައީސް އޮފީހުގެ އޭރުގެ ފޮރިން ރިލޭޝަންސްގައި އިސްކޮށް މަސައްކަތް ކުރައްވާ އަނީސާ އަހުމަދާ، އެ ހަމަލާގެ ތިން މަސް ކުރިން ސްރީ ލަންކާ އިން ބައްދަލުވެ ދެކެވުނު ވާހަކަތަކެއް އޭނާ ރޭ އާންމު ކުރައްވައިފި އެވެ.

އޭރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމް މިހާރު އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމްް) އިން ނޮވެމްބަރު ތިނަކާ ގުޅޭ ގޮތުން ރޭ ބޭއްވި ކްލަބް ހައުސް ޕެނަލްއެއްގައި ވާހަކަ ދައްކަވަމުން އަނީސާ ވިދާޅުވީ އޭނާ ބޭސްފަރުވާ އަށް، 1988 ވަނަ އަހަރުގެ އޯގަސްޓްގައި ލަންކާ އަށް ވަޑައިގަންނަވަން ޖެހުނު ކަމަށެވެ.

ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި ބާއްވާފައި އޮތުމަށް ފަހު، އޭރު ލަންކާގައި ދިރިއުޅެމުން އައި ބޭބެއެއްގެ ގެއަށް ބަދަލުވުމާ އެކު ލުތުފީ އާއި "ނަން ހާމަކުރަން ބޭނުން ނުވާ" އެހެން މީހަކު އޭނާ ކައިރިއަށް ދިޔަ ކަމަށް އަނީސާ ވިދާޅުވި އެވެ. އެ މީހަކީ އޭގެ ތިން މަސް ފަހުން ލަންކާގެ ތަމަޅަ ޓައިގަރުންނާ އެކު ރާއްޖެ އަށް ހަމަލާ ދިން މީހުންގެ ތެރޭގައި ލުތުފީއާ އެކު އިސްކޮށް އުޅުނު ދިވެއްސެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނަން ވިދާޅުވާން ބޭނުން ނުވާ ސަބަބެއް ވިދާޅެއް ނުވެ އެވެ.

އެ ދެ މީހުން ގެއަށް ގޮސް، މައުމޫން އާއެކު ބޭރަށް ފުރައިވަޑައިގަންނަވަނީ ކޮން އިރަކުތޯ ސުވާލު ކުރި ކަމަށް އަނީސާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވައިފިން އެނގިވަޑައިގަންނަވާ ނޫންތޯއޭ އަޅުގަނޑަށް ދަތުރު އެނގޭނީ މާދަން ފުރަންވީމަ މިއަދުކަން. އެ ނޫން ގޮތަކަށް ދަތުރެއް ނޭނގޭ ނޫންހޭ،" އަނީސާ ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް އެނގޭނެ ހުރިހާ ދަތުރެއްގައިހެން ރައީސް އާއެކު [އަޅުގަނޑު] ދަތުރު ކުރާކަން."

އަނެއްކާވެސް ތަކުރާރުކޮށް އެ ސުވާލު އަހާތީ އެއް ޖަވާބެއް ތަކުރާރު ކުރެއްވި ކަމަށް އަނީސާ ވިދާޅުވި އެވެ. އެކަމަކު އެހެން އޭރު ތަކުރާރު ޖަވާބެއް ދެއްވީ، އެ މީހުންނާ މެދު އެއްވެސް ޝައްކެއް ކުރައްވައިގެން ނޫން ކަމަށާއި ރަސްމީ އެފަދަ ދަތުރުތަކުގެ ވާހަކަ އެހެން މީހުންނާ އެއްވެސް އިރެއްގައި ހިއްސާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވަގުތު އާއިލާގެ އެހެން ދެ މެންބަރަކު ގެއަށް ވަޑައިގަތުމާ އެކު އެ ލުތުފީ އާއި އޭނާއާ އެކު އައި މީހާ ވަގުތުން ނިކުންނަން ބޭނުންވި ކަމަށް އަނީސާ ވިދާޅުވި އެވެ. އަދި ދަމުން ވެސް "އަދި ވާހަކަ ދައްކާލަން އަންނާނަމޭ" ބުނި ކަމަށް އަނީސާ ވިދާޅުވި އެވެ.

އަނީސާ އެ ވާހަކަ ވިދާޅުނުވި ނަމަވެސް އޭރު އިންޑިޔާގެ ދައުވަތަކަށް އެ އަހަރުގެ ނޮވެމްބަރު 1 ގައި ރައީސް މައުމޫން އެ ގައުމަށް ވަޑައިގަތުމަށް އޮތީ ރާވައިފަ އެވެ.

ނަމަވެސް ފުރަން އެއް ދުވަހަށް ވެފައި އޮއްވާ އެ ދަތުރު ކެންސަލް ކުރެއްވުމަށް މައުމޫން ނިންމެވި ގޮތް ވެސް އަނީސާ ވިދާޅުވި އެވެ.

ކުއްލިއަކަށް ފޯނެއް އައިސް، ވީހާ ވެސް އަވަހަކަށް ރައީސް އޮފީހަށް ވަޑައިގަތުމަށް މައުމޫން އެދިވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ވަގުތު ހުރީ ރައީސް އޮފީހަށް ވަދެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށް ވިދާޅުވުމުން ވެސް ކާރެއްގައި ވިޔަސް އޭނާ ވަޑައިގަތުމަށް ރައީސް އެދިވަޑައިގަތް ކަމަށް އަނީސާ ވިދާޅުވި އެވެ.

ރައީސް އޮފީހަށް ވަޑައިގަތުމުން އިންޑިޔާގެ ޕްރައިމް މިނިސްޓަރު ރަޖީވް ގާންދީ އަށް ގުޅައިދެއްވުމަށް ރައީސް ވިދާޅުވި ކަމަށް އަނީސާ ވިދާޅުވި އެވެ. އަދި އެ ފޯން ކޯލުގައި މައުމޫން ވަރަށް ގިނަ އިރު ވަންދެން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފޯނު ބޭއްވީމަ ވިދާޅުވަނީ ތިމަންމަނިކުފާނު ފުރައިވަޑައިގަންނަވަން އޮތް ދަތުރު މި ކެންސަލް ކުރެއްވީއޭ ކުޑަކޮށް އާލާސްކަންފުޅާ އުޅުއްވާތީ."

އަނީސާ ވިދާޅުވީ އެ ހުރިހާ ކަމަކުން ވެސް އެނގެނީ މައުމޫނަށް ހަމަލާ ދިނުމަށް ދުރާލާ ތައްޔާރުވަމުން އައި ގޮތާއި ވަރަށް މަދު ބަޔަކަށް ނޫނީ ނޭނގޭނެ ކަހަލަ އެމަނިކުފާނުގެ ހުރިހާ ހަރަކާތްތަކެއް ލުތުފީ މެން ކައިރިން ބަލަމުން އައި ވަރު ކަމަށެވެ.

"އެ މީހުންގެ ރޭވުމަކަށްވީ ރައީސް މައުމޫން ރާއްޖެއިން ބޭރުގައި [އިންޑިޔާގައި] ހުންނަވަނިކޮށް އެ މީހުން އައިސް ކުރަން ބޭނުންވި ކަމެއް ކުރަން،" އޭނާ ވިދާޅުވި އެވެ.