31 އޯގަސްޓް 2024
މީގެ 34 އަހަރު ކުރީގެ ރެއެއްގެ މެންދަމުގެ ވަގުތެވެ. މައްޗަންގޮޅީ ދިލްކުޝާ ގޯޅިގަނޑުގެ ތެރޭގައި ހުރި ބިންކޮޅުގޭގެ ޓީވީގެ ގޮބުތައް އެގޭ މުހައްމަދު ޝަރީފް (ވިންޓަ ޝަރީފް) އަނބުރަމުން ދިޔަ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ، ރޫޅާލާފައި އޮތް ޓްރާންސްފޯމަރެއްގެ ނަރުތަކެއް ބޭނުންކޮށްގެން ހަދާފައިވާ އެންޓަނާއެއް ގުޅާފައިވާ އެ ޓީވީ އަށް އިންޑިއާގެ ސެޓެލައިޓް ޗެނަލެއް ޓިއުން ވޭތޯ އެވެ. އަމިއްލަ އަށް ހެދި އެ އެންޓެނާ އަށް ގިނައިން އަރަނީ ހިސާބުގަނޑު ގޭގޭތަކުގެ ވީސީއާރުގެ ސިގުނަލްތަކެވެ. އެހެންވެ، ދުވާލު ގަޑީގައި ޓީވީ ޓިއުން ކުރަނިކޮށް ގޭގައި އުޅޭ ކުޑަކުއްޖަކަށް ގޯސް މަންޒަރެއް ފެނިދާނެތީވެ، އޭނާ އެ މަސައްކަތް ކުރަނީ ވީހާ ވެސް ދަންކޮށްފަ އެވެ.
މީގެ 34 އަހަރު ކުރީގެ ރެއެއްގެ މެންދަމުގެ ވަގުތެވެ. މައްޗަންގޮޅީ ދިލްކުޝާ ގޯޅިގަނޑުގެ ތެރޭގައި ހުރި ބިންކޮޅުގޭގެ ޓީވީގެ ގޮބުތައް އެގޭ މުހައްމަދު ޝަރީފް (ވިންޓަ ޝަރީފް) އަނބުރަމުން ދިޔަ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ، ރޫޅާލާފައި އޮތް ޓްރާންސްފޯމަރެއްގެ ނަރުތަކެއް ބޭނުންކޮށްގެން ހަދާފައިވާ އެންޓަނާއެއް ގުޅާފައިވާ އެ ޓީވީ އަށް އިންޑިއާގެ ސެޓެލައިޓް ޗެނަލެއް ޓިއުން ވޭތޯ އެވެ. އަމިއްލަ އަށް ހެދި އެ އެންޓެނާ އަށް ގިނައިން އަރަނީ ހިސާބުގަނޑު ގޭގޭތަކުގެ ވީސީއާރުގެ ސިގުނަލްތަކެވެ. އެހެންވެ، ދުވާލު ގަޑީގައި ޓީވީ ޓިއުން ކުރަނިކޮށް ގޭގައި އުޅޭ ކުޑަކުއްޖަކަށް ގޯސް މަންޒަރެއް ފެނިދާނެތީވެ، އޭނާ އެ މަސައްކަތް ކުރަނީ ވީހާ ވެސް ދަންކޮށްފަ އެވެ.
އެރޭ ގޮބުތައް އަނބުރަނިކޮށް ކުއްލިއަކަށް ޓީވީން އިވެން ފެށީ ދެ މީހަކު ދިވެހި ބަހުން ވާހަކަ ދައްކާ އަޑެވެ. ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަން ވެސް އޭރު ނިމިފައިވާތީވެ، ކުއްލިއަކަށް ދިވެހިން ބަޔަކު ވާހަކަ ދައްކާ އަޑު ޓީވީ އަށް އެރުމުން ޝަރީފަށް ލިބުނީ ބޮޑު ސިހުމެކެވެ.
ޝަރީފް ބޭނުންކުރި ޓަޓުން މަރުކާގެ ޓީވީއެއް.
ކުޑަކޮށް ވިސްނާލުމުން ވާހަކަ ދައްކަމުން ދިޔަ ދެ މީހުންގެ އަޑު ސިކުނޑި އަށް ނަގައިގަނެވުނެވެ. އެ ހިސާބުން ލިބުނީ ކުރިއަށް ވުރެ ބޮޑު ސިހުމެކެވެ. އެއީ އާދައިގެ ދެ މީހެއްގެ އަޑެއް ނޫނެވެ.
އެއް ބޭފުޅަކީ އޭރުގެ ޑިފެންސް މިނިސްޓަރުގެ މިނިސްޓަރުގެ ނާއިބު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް އިބްރާހީމެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އަދި އެ ދުވަސްވަރު އެންމެ ނުފޫޒު ފަދަ އެއް ވަޒީރެވެ. އަނެއްކޮޅުން އިވެނީ، އެސްޓީއޯގައި އޭރު އިލްޔާސްގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދެވި އަބްދުއްސައްތާރު އަލީ (މާކުން ސަޓޯ) ގެ އަޑެވެ. އޭރު ސަޓޯ ހުރީ، އެސްޓީއޯގެ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ފައިސާތަކެއްގައި ޖެހުނު ކަމުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފަ އެވެ.
ސަޓޯ ބަންދު ކޮށްފައިވަނީ އޭނާގެ ކުއްލި ތަނަވަސްކަމާ ގުޅޭގޮތުން ރައީސް މައުމޫނަށް ތަފާތު އަޑުތަކެއް އިވިވަޑައިގަތުމުން، އެކަން ބެއްލެވުމަށް އެ މަނިކުފާނު ސީދާ އޮޑިޓް އޮފީހުގައި އެދިވަޑައިގަތުމުން ހިންގި ތަހުގީގަކަށެެވެ.
ސަޓޯ ބަންދުގައި ހުއްޓާ އޭނާއާ ވާހަކަތަކެއް ދެއްކެވުމަށް އިލްޔާސް ބޭނުންވެވަޑައިގެން ސިއްރިއްޔާތުގައި ދޫނިދު އަށް ކޯޑުލެސް ސެޓެލައިޓް ފޯނެއް ވެއްދީ އެވެ. އެ ފޯނުގެ ބޭސް ޔުނިޓް ހުންނަނީ މއ. ކިނބިގަސްދޮށުގޭގަ އެވެ. އިލްޔާސް ފޯނު ކުރައްވަނީ މ. އަލިވާގޭގައި ހުންނަވައިގެންނެވެ. ވިންޓަ ޝަރީފު ދިރިއުޅޭ ގެ ހުންނަނީ އެ ދެމެދުގައި ކަމަށް ވާތީ އޭނާގެ ޓީވީ އެންޓެނާ އަށް އެ ކޯލުގެ ސިގްނަލް އަރާގޮތްވީ އެވެ.
ސެޓެލައިޓް ކޯޑްލެސް ފޯނާއި އޭގެ ބޭސް ޔުނިޓް: އިލްޔާސް ބޭނުންކުރެއްވީ މި ޒާތުގެ ފޯނެއް.
އިލްޔާހާއި ސަޓޯ ފޯނުން ދެއްކެވި ވާހަކަ އެރޭ ޝަރީފަށް އިވުނީ ކޯލު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެހެންވެ އެ ވާހަކައިގެ މާބޮޑު ތަފްސީލެއް ނޭނގުނެވެ. އެކަމަކު، އެފްއައިޕީޑީގެ ކޮރަޕްޝަނުގެ މައްސަލަ އޮއްބާލަން ދެ ބޭފުޅުން ރޭވުންތަކެއް ރާއްވަވާކަން ޝަރީފަށް ޔަގީންވި އެވެ. އެހެންވެ، ޖެހިގެން އަންނަ ރޭ ވެސް ފޯނުކުރާނެ ކަމަށް އިލްޔާސް ވިދާޅުވެފައިވާތީވެ، ޝަރީފް އެ ގަޑި އަށް ޓީވީ ހުޅުވައި ކޯލް ޓޭޕަށް ރެކޯޑް ކުރި އެވެ. ކޯޑު ނަމްބަރުތަކެއް ބޭނުން ކުރައްވައިގެން ދެ ބޭފުޅުން ދައްކަމުން ގެންދެވީ، ޝަރީފް ބުނި ގޮތުގައި ލިޔެކިޔުންތައް ބަދަލުކޮށް ސަލާމަތްވެވިދާނެ ގޮތްތަކުގެ ވާހަކަ އެވެ.
އޭރު ވިންޓަ ޝަރީފް މުޅި ރާއްޖެ އަށް މަޝްހޫރުވެފައި އޮތީ ކުޅިވަރު ތަރިއެއްގެ ގޮތުގަ އެވެ. އެންމެ ފުރަތަމަ ރާއްޖޭން ބޭރު މުބާރާތެއްގައި ވާދަކުރި ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކީ އޭނާ އެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ވިކްޓަރީ އާއި ނިއު ރޭޑިއަންޓުގެ ވޮލީ ޓީމާއި ފުޓްބޯޅަ ޓީމަށް ތަށި ހޯދައިދީފައިވެ އެވެ.
އެކަމަކު ޝަރީފުގެ ހިތުގައި އޭރު ހިނގަމުން ދިޔައީ މުޅިން އެހެން ކަހަލަ ރޫހެކެވެ. ކުޅުން ހުއްޓާލައި ލޭތުކުރުމުގެ މަސައްކަތުގައި އޭރު އުޅެމުން ދިޔަ ޝަރީފް ބޭނުންވެފައި ހުރީ ކަންކަން އިސްލާހު ކުރުމަށެވެ. ހާއްސަކޮށް ރާއްޖޭގައި ކުށްކުރުން އާއްމުވަމުންދާތީވެ، އެ ކަންކަން ހުއްޓުވުމަށް ރައީސް މައުމޫން އާއްމުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައިވާތީވެ ޝަރީފް ހުރީ އެކަމުގެ ޖޯޝުގަ އެވެ. އެއްރޭ ކާން އިނދެފައި އަންހެން ގާތު ވަނީ، މިހާރު ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން އާއްމުވަމުން ދާތީވެ އެކަމާ ދެކޮޅަށް ނުކުންނަ ވާހަކަ ބުނެފަ އެވެ.
"އަހަރެން އަންހެނުން ގާތު ބުނިން މި ކަހަލަ ކަންކަމުގައި ނުކުންނަ މީހާ ވަރަށް ގިނަ ދުވަހު ޖަލުގައި އޮންނަން ޖެހިދާނެޔޭ. އަހަރެން ޖަލަށް ލައިފިއްޔާ ކަލޭ ވާނެޔޭ ވަރަށް ހިތްވަރުކުރަން،" ޝަރީފު ބުންޏެވެ.
ވިންޓަ ޝަރީފް (6 ނަމްބަރު ޖާޒީގައި) ވިކްޓްރީގެ ވޮލީބޯޅަ ޓީމާ އެކު.
ނަމަވެސް އެ ވާހަކަތައް އޭނާގެ އަންހެނުން މާ ސީރިއަސްކޮށް ނުނަގަ އެވެ. ޝަރީފަށް ވެސް، އޭނާ އެފަދަ ކަމެއްގެ ތެރެއަށް ވަންނަން ޖެހިދާނެޔެކޭ، އެހެން ބުންޏަކަސް ހިތަކަށް ނާރަ އެވެ. އިލްޔާހާއި ސަޓޯގެ ފޯން ކޯލުގެ އަޑު ޝަރީފަށް އިވުނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އެހެންވެ، ސަރުކާރުން ތަހުގީގު ކުރަމުންދާ މައްސަލައަކުން ރެކެން ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން ރެކޯޑްކޮށް، ކަމާބެހޭ ފަރާތަށް ހުށަހަޅަން ޝަރީފް ނިންމީ އެވެ.
"އަޅުގަނޑަށް އޮތް އިލްޔާހަށް އެ ޓޭޕު ވިއްކާލެވެން ވެސް. އެކަމަކު ބޭނުންވީ އެ ހިޔާނާތް ފަޅާއަރުވައިލަން،" އޭނާ ބުންޏެވެ.
އޭރު އައްޑު އަތޮޅުގެ އެއް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ އެފްއައިޕީޑީގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އަދި އެ މައްސަލަ ތަހުގީކުރާ ރިޔާސީ ކޮމިޝަނުގައި މެމްބަރުން ހިމެނެއްވުމަށް ހުށަހަޅުއްވައިފަ އެވެ.
އެހެންވެ، ވިންޓަ ޝަރީފް ނިންމީ، އެ ކޯލުގެ ރެކޯޑިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާށެވެ. އޭރު "މިނިވަން" މެމްބަރެއްގެ ގޮތުގައި ހުންނެވި، އަދި ފަހުން ރައީސްކަން ވެސް ކުރެއްވި މާލޭގެ އެއް މެމްބަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މެދުވެރިކޮށް، އެ ރެކޯޑިން އިއްވުމަށްޓަކައި ޝަރީފް ކެސެޓު ހަވާލުކުރީ ޑރ. ވަހީދުގެ ޅިޔަން ބޭފުޅެއް ކަމަށްވާ އިބްރާހީމް ރަޝީދު ހުސައިން (ހަންދު) އާ އެވެ. އެކަމަކު ހަންދުމެން އެ ކެސެޓުގެ ކޮޕީތަކެއް ހަދައި މާލެ ތެރެއަށް ބަހާލީ އެވެ. އެހެން، ހެދުމުން ޝަރީފުގެ މަގުސަދު ހާސިލުވާ ގޮތެއް ނުވި އެވެ. އެއީ އެ ރެކޯޑިން އަކީ އަސްލެއް ނޫން ކަމަށް ދައްކަން ވެގެން، އިލްޔާސްގެ ސަޕޯޓަރުންތަކެއް އެހެން ދެ މީހަކު ލައްވައި ވާހަކަ ދައްކުވައި، އޭގެ ރެކޯޑިންއެއް މާލެތެރޭގައި ދައުރުކުރަން ފެށުމުންނެވެ. އެހެންވެ ޝަރީފް ނިންމީ، އެއީ އަސްލެއްކަން ސާބިތުކޮށްދިނުމަށްޓަކައި އަމިއްލަ އަށް ސިފައިންނާ ހަވާލުވާށެވެ.
އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން، މާލޭގައި ތިނަރު ޓައްޕެއް ގޮއްވާލި މައްސަލައިގައި ހަންދު އާއި ބޮޑު ގްރޫޕެއް ހައްޔަރުކުރިކުރުމުގެ ތެރޭގައި، ރެކޯޑިންއާ ޝަރީފާ ގުޅުން އޮތްކަން ސިފައިންނަށް އެނގި އޭނާ ހައްޔަރުކުރަން ނުކުތެވެ. ޑިސެމްބަރު 8، 1990 ވަނަ ދުވަހުގެ އިރުއޮއްސުނީއްސުރެ ސިފައިން ފެށި އޮޕަރޭޝަނުގައި އެރޭ 8:30 ގައި ޝަރީފް ހައްޔަރުކޮށް، އޭނާގެ މައިފުނަގެ ކަމަށްވާ ގ. ވިންޓަ ހައުސް އާއި ދިރިއުޅޭ މއ. ބިންކޮޅު ބަލައި ފާސްކުރި އެވެ. ދެން ގެންދިޔައީ ދޫނިދު އަށެވެ.
ވިންޓަ ޝަރީފް (ކ) ސްކޫލް ދުވަސްވަރު ކެޑޭޓް ޔުނިފޯމުގައި.
ދިޔައިރު އެ ތަނުގައި ތިން މޭޒު ޖައްސައި ފޮތިގަނޑެއް އަޅައި މަރުހަބާގެ މާބޮނޑިތަކެެއްހެން އަތުރާލާފައި އޮތީ އެ ތަނުގައި އަދަބު ދޭން ބޭނުންކުރާ އާލާތްތަކެވެ. ބަޑިތަކާއި ބިޑިތަކާއި އަދަގޮނޑިތަކާއި ޗޭނު ފަތިތަކެވެ. ނަމަވެސް އޭގެ ބޭނުންކުރާކަށް ނުޖެހުނެވެ. ޝަރީފް ވަގުތުން އެއްބަސްވި އެވެ. އެކަމަކު އެ ހިސާބުން ސިފައިންނަށް ޝައްކުތަކެއްވި އެވެ. އެއީ އެ މީހުން ގަބޫލުުކުރީ ކޯލު ރެކޯޑިން ހެދީ ޝަރީފް ނަމަ އޭނާ އެހާ ފަސޭހައިން އެއްބަސްނުވާނެ ކަމަށެވެ.
"އެ މީހުން ބެލީ އަހަންނަކީ އެކަން ކުރި ބަޔަކު، އެކަމުގެ ޒިންމާ އަޅުވަން ފޮނުވާފައި ހުރި މީހެއް ކަމަށް. ނުވަތަ އެ ފޯނު ޖަލަށް ވައްދަނިކޮށް ފެނިގެން، ފޯނުގެ ސިގްނަލް ހޯދައި ކޯޑްކުރަން ބަޔަކު ރާވައި، ފައިސާ ދީގެން އެކަންކުރުވި މީހާ ކަމަށް،" ޝަރީފް ބުންޏެވެ.
އެއީ އިތުރު މީހެއްގެ ބައިވެރިވުމެއް ނެތި ޝަރީފް ކުރި ކަމެއް ކަމަށް ސިފައިން ގަބޫލުކުރީ އޭނާ، އެ އޮފިސަރުންގެ ކުރިމަތީގައި ނަރުން އެންޓެނާއެއް ހަދައި ޓީވީއާ ގުޅައި، ކޯޑުލެސް ފޯނެއްގެ ސިގްނަލް ހޯދުމުންނެވެ. އެ ހިސާބުން ޝަރީފް ހީކުރީ އޭނާ ގޭބަންދަށް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު ދެން ދިނީ ބޮޑެތި އަނިޔާތަކެވެ. ފުރަތަމަ އެޅުވީ އާދައިގެ ބިޑިއެެކެވެ. ދެ ވަނަ ދުވަހު އެއްހުޅު ބިޑިއެއް އެޅުވި އެވެ. އޭގައި 10 ދުވަހު ބޭއްވި އެވެ. ދެން އެޅުވީ އަވަސް ބިޑިއެކެވެ. އެއީ އޭގެ ޒާތުގައި އަމިއްލަ އަށް ބާރުވެ ދެއަތުގެ މުލައްދަނޑި އެއްކޮށް ބަނދެލާ ބިޑިއެކެވެ. ކަނީ ވެސް، ފާހަނާކުރަނީ ވެސް، ނަމާދުކުރަނީ ވެސް އެ ހާލަތުގަ އެވެ. އެ ބިޑީގައި 19 ދުވަސްވީއިރު ޝަރީފުގެ އަތުގެ ހަންގަނޑު ނޮޅި، ފާރުހެދި، ދެ އަތް އޮތީ އައްސިވެފަ އެވެ. އެ އަނިޔާގެ އަސަރު އަދިވެސް ނުފިލަ އެވެ.
"މިހާރު ވެސް ދެ އަތް ދަމާލީމާ ކޮނޑުހުޅުން ފެށިގެން މުލައްދަނޑިއާ ހަމައަށް ވާންވެ، ރިހުން ހުރޭ،" ޝަރީފު ބުންޏެވެ.
އޭރު އޮޑިޓް އޮފީހުން ވަނީ އެފްއައިޕީޑީގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވޭނީ އިލްޔާސްއާ ސުވާލު ކޮށްގެން ކަމަށް މައުމޫނަށް އަންގައިފަ އެވެ. އެހެންވެ، އިލްޔާސް ހާޒިރުކުރައްވައި މައުމޫން ވިދާޅުވީ، ތަހުގީގަށްޓަކައި، މިނިސްޓަ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީގެ މަގާމުންނާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި މިނިސްޓަ އޮފް ސްޓޭޓް ފޯ ނޭޝަނަލް ސެކިއުރިޓީކަމުގެ މަގާމުންނާއި ސިފައިންގެ ވެރިޔާގެ ނާއިބުކަމުން ވަކިކުރަން ނިންމަވާފައިވާ ކަމަށެވެ. އިލްޔާސް ޖަވާބުގައި ދެންނެވީ ތަހުގީގާ ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށާއި އެ މަގާމުތަކުން އިސްތިއުފާ ދެއްވައި ސިޓީ ފޮނުއްވާނެ ކަމަށެވެ.
އެކަމަކު ޖެހިގެން އައި ދުވަހު މައުމޫނަށް އެންގެވުމެއް ނެތި، އެއާ މޯލްޑިވްސްގެ ބޯޓެއް ޗާޓަރު ކުރައްވައިގެން އިލްޔާސް ފިއްލެވި އެވެ. އެކަމާ ގުޅިގެން މައުމޫން ވަގުތުން ވަގުތަށް އިލްޔާސް ސަރުކާރުން ވަކިކުރެއްވި އެވެ.
އިލްޔާސް (ކ) އަށް މައުމޫން 1987 ގައި ގައުމީ އިނާމު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެހެންވެ އިލްޔާސްގެ ކޯލެއް ރެކޯޑް ކޮށްގެން ޝަރީފަށް އެ ވަރުގެ އަދަބެއް ދިނުމުން ސުވާލު އުފެދުނެވެ. ޝަރީފް ގަބޫލުކުރި ގޮތުގައި އެހާތަނަށް ވެސް އިލްޔާސް މިނިވަންކޮށް، ބަހައްޓައި ހަމައެކަނި ސަޓޯ ބަންދުކުރުމުން، ސަރުކާރުގެ ވިސްނުމުގައި ހުރީ ހުރިހާ ކަމެއްގައި ސަޓޯ ޒިންމާކުރުންކަން އެނގޭ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުގެ ޓޭޕްގެ ސަބަބުން އިލްޔާސް އެކަމުގައި ވަރަށް ބޮޑަށް ޒިންމާވާން ޖެހޭކަން އެނގިގެން ދިޔައީ. އެހެންވެ އަޅުގަނޑަށް އަދަބު އެ ދެއްވީ،" ޝަރީފު ބުންޏެވެ.
އޭގެ ހެއްކަކަށް ޝަރީފް ދެއްކެވީ، ދުވަސްތަކެއް ފަހުން އިލްޔާހަށް މައާފު ދެއްވައި، އަލުން ސަރުކާރުގެ ބޮޑެތި މަގާމުތަކެއް ދެއްވުމެވެ. ނަމަވެސް ޝަރީފް ހަތަރު އަހަރެއްހާ ދުވަހު ޖަލުގައި ގެންގުޅުނެވެ. އޭގެ ތެރޭގައި ކުޑަގޮޅީގައި ބޭއްވި 400 ދުވަހާއި ފަސް ފަރާތުގައި ދަގަނޑު ޓިނުޖެހި ފަސް ފޫޓު 7.5 ފޫޓުގެ ގޮޅިއެއްގައި ބޭއްވި 99 ދުވަސް ހިމެނެ އެވެ. ޝަރީފް ބުނި ގޮތުގައި ސިފައިން ބޭނުންވީ އޭނާ އަދަގޮނޑީގައި ބާއްވާށެވެ. ނަމަވެސް ކޯލެއް ރެކޯޑްކުރުމަކީ އެފަދަ އަދަބެއް ދެވޭނެ ކަމަކަށް ނުވާތީ، އިތުރު ކަމެއް އޭނާގެ ބޮޅުގައި އެޅުވީ ކަމަށް އޭނާ ބުންޏެވެ.
އެއީ ތިނަރު ޓައްޕު ގޮއްވާލި މައްސަލައިގައި މައުލޫމާތު އެނގި ހުރެ ނުދިނުމުގެ ތުހުމަތެވެ. ނަމަވެސް ޝަރީފް އެކަމަށް އިންކާރުކުރެ އެވެ. އޭނާ ބުނީ، ތިނަރު ޓައްޕު ގޮއްވާލި މީހުންގެ ތެރެއިން މީހަކު އޭނާ މަސައްކަތްކުރި ވޯކްޝޮޕަށް އައިސް ބޮމެއް ހަދައިދޭން އެދުނު ކަމަށާއި ނަމަވެސް އެއީ ސީރިއަސް ވާހަކައެއް ކަމެއް ނޭނގޭ ކަމަށާއި އެކަމުގެ ބައިވެރިނުވާ ކަމަށެވެ.
"އަޅުގަނޑު ސަމާސާ ރާގެެއްގައި ޖަވާބު ދިނިން އަޅުގަނޑަކީ ބޮން ހަދާ މީހެއް ނޫނޭ. ދެން އެ މީހުން އެެދުނީ ދަގަނޑު ހޮޅިއެއްގެ ދެކޮޅުގައި ލޯވަޅު އަޅައިދޭން. އަޅުގަނޑު ބުނިން ދަގަނޑު ގެނެސްފިއްޔާ ކޮށްދީފާނަމޭ. އެކަމަކު އެ މީހުންގެ ހަބަރެއް ފަހުން ނުވޭ. އޭރު ހިތަކަށް ވެސް ނާރާ އެއީ އަސްލުކޮށް ބޮމެއް ގޮއްވަން އުޅުނު އުޅެމެކޭ. އަޅުގަނޑަށް އެނގުނު ނަމަ ޔަގީނުން ވެސް އެ މައްސަލަ ވެސް ރިޕޯޓް ކުރީސް،" ޝަރީފް ބުންޏެވެ.
ނަމަވެސް އެނގިހުރެ ސިއްރުކުރި ކަމުގެ ތުހުމަތުގައި އަދަގޮނޑި ޖެހުމުގެ އިތުރުން ޝަރީފް ނަފުސާނީ ގޮތުން ބަލިކޮށްލައިގެން އޭނާ ލައްވާ ގޯސްތަކެއް ހައްދުވަން ސިފައިން އުޅުނު ކަމަށް ވެސް އޭނާ ތުހުމަތު ކުރެ އެވެ. ކުރާ ކޮންމެ ސުވާލަކާ އެކު، މޭޒުމަތީގައި އޮންނަ ބަރު މަޅާލައި، ޖެހިޖެހީލުން ދަތްޕިލަ ދުއްވާލާނެ ކަމުގެ އިންޒާރު ދިނެވެ.
"ނަމަވެސް އަޅުގަނޑު ހިނިތުންވެ ހުރެ ބުނަނީ އެއްގޮތަކަށް ވެސް އެހެން ނަހައްދަވައްޗޭ،" ޝަރީފް ބުންޏެވެ. "އަޅުގަނޑު ކެނޑިނޭޅި ދުއާކުރަމުން ދިޔައީ އެ މީހުން ދޭ އަދަބަށް ކެތްކުރުމުގެ ހިތްވަރު ދެއްވުމަށް އެދި."
އަވަސް ބިޑީގައި ޝަރީފުގެ އަތް ވަރަށް ބޮޑަށް ހަލާކުވުމުން އެކަމުގެ ބަދަލެއްގެ ގޮތުން ޝަރީފަށް ދީފައި އޮތް އިމްތިޔާޒަކީ ޖަލަށް ފޮތް ފަންސޫރު ފަދަ ތަކެތި ވެއްވުމުގެ ހުއްދަ އެވެ. އޭގެ ފައިދާ ނަގައި ޝަރީފް ކުރި އެއް ކަމަކީ ގާނޫނުއަސާސީ ގެނެސް، ގާނޫނު ކިޔެވީ އެވެ. އަނެއް ކަމަކީ މާލެ އަށް ސިޓީ ފޮނުވުމެވެ. އެ ސިޓީ ގެއަށް ފޮނުވުމުގެ ކުރިން ޑިފެންސް މިނިސްޓްރީގެ އިސްވެރިން ވިދާޅުވާނެކަން އެނގޭތީވެ، ޝަރީފް ހަދާ ގޮތަކީ ދަތިވާ ކަންކަމުގެ ވާހަކަ ލިޔަނީ އެވެ. ފުރަތަމަ އޭނާ ސިޓީގައި އެދުނީ، އެންމެން ފެންވަރަށް ދަނޑިބިނދިފައި އޮތް އެންމެ ދާންޏެއް އޮންނާތީ 10 މިނެޓުގެ ތެރޭގައި އެންމެންނަށް ފެންވަރަން ދަތިވާތީވެ، މާލެއިން ދާނިކޮޅެއް ފޮނުވައިދިނުމަށެވެ.
"އަނެއް ދުވަހު ހީވީ ދާނި އައިނަކާ ލައްވާލީހެން. ސަރުދާރު އައީ 10 ދާނި ހިފައިގެން،" އޭރު ޖަލުގައި އޮތް މީހަކު ބުންޏެވެ.
ޝަރީފް ހިނިތުންވެފައި ހުއްޓަސް އަދިވެސް އޭރުގެ ވޭން ނުފިލާ.
އެއް ފަހަރަކު ޝަރީފް ހުން އައިސްގެން ޕެނެޑޯލް ގުޅައެއް ދޭން އެދުމުން، ޖަލުން ބުނީ އެ މަހުގެ ބަޖެޓް ހުސްވެފައިވާތީ އަނެއް މަސް ފެށެންދެން މަޑުކުރުމަށެވެ. ޝަރީފް ވަގުތުން މާލެ އަށް ސިޓީއެއް ފޮނުވި އެވެ. ޕެނެޑޯލާއި އެސްޕިރިން ފޮނުވައިދޭން އެދި އެވެ. އަނެއް ދުވަހު ޑިފެންސް މިނިސްޓްރީން ބޭހުގެ ސްޓޮކެއް ފޮނުވި އެވެ.
"އެއް ގޮތަކީ ޑިފެންސަށް ނޭނގެނީ ޖަލުގެ ހާލަތު. އަނެއް ގޮތަކީ، އޭގެން ސިޓީއެއް މާލެ ތެރެއަށް ދޫވެދާނެތީވެ ކަންބޮޑުވަނީ. އެނގޭ ކަމަކީ އާއިލާ އަށް ކަމަކަށް އެދި ސިޓީއެއް ލާއިރަށް އަނެއް ދުވަހު ޑިފެންސުން އެކަން ހައްލު ކޮށްދޭކަން،"
ނަމަވެސް ޝަރީފުގެ ޖަލު އަދަބަށް ލުޔެއް ލިބޭ ގޮތެއް ހަމަ ނުވި އެވެ. ޝަރީއަތަށް ގެންދިއުމުން އޭނާ ގާނޫނުއަސާސީއާ ހަވާލާދީ ބުނަނީ ދެ މީހަކު ދައްކާ ވާހަކަ އަޑުއަހައި ރެކޯޑް ކުރުމަކީ ވަކި ހާލަތެއްގައި މެނުވީ މަނާކަމެއް ކަމަށެވެ. ދެ މީހަކު ދައްކަނީ ގައުމެއް ފޭރިގަނެ، އެކަމުން ސަލާމަތް ވާނެ ގޮތުގެ ވާހަކަ ކަމަށްވާ ނަމަ ގާނޫނުއަސާސީގައި ބުނާ ހާލަތަށް ފެތި އަޑުއަހައި ރެކޯޑް ކުރުމުގެ ހުއްދަ އޮންނާނެ ކަމަށް ޝަރީފް ވަކާލާތުކުރި އެވެ. އެކަމަކު ފަނޑިޔާރު ވިދާޅުވީ، ގާނޫނުގައި ވަކި ހާލަތެއް ބަޔާންކޮށްފައި ނެތުމުން، ކޮންމެ ހާލަތެއްގައި ކޯލެއް އަޑުއެހިޔަސް ކުށްވެރިވާނެ ކަމަށެވެ.
އެ މައްސަލަ އާއި ދޮގު ހެދި ކަމުގެ މައްސަލައެއްގައި އެ ފަހަރު ޝަރީފް ޖަލަށް ލުމަށާއި އަރުވާލަން ހުކުމްކުރި އެވެ. ހަތަރު އަހަރު ފަހުން އަފޫއާމެއްގައި އޭނާ މިނިވަންވި އެވެ. އެކަމަކު އޭގެ ފަހުން ވެސް މާލެ ތެރޭގައި ސިޔާސީ ކަމެއް ހިނގައިފި ނަމަ އެންމެ ފުރަތަމަ ހައްޔަރުކުރާ އެކަކީ ޝަރީފެވެ.
އެއް ފަހަރު މާލޭ މަގުމަތިން ފެނުނު ލިޔުމެއްގެ އިބާރާތްތަކެއް، ޝަރީފްގެ ލިޔުންތަކާ ވައްތަރުވެގެން ވެސް ހައްޔަރުކުރި އެވެ. އިންތިހާބެއް ލަސްކޮށްދޭން ސިޓީއެއް ފޮނުވުމުން ވެސް ކުށްވެރިވެފައިވެ އެވެ. އެ ހުރިހާ ކަމަކާ އެކު އޭރު ޝަރީފް މަޝްހޫރުވެފައި އޮތީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގަ އެވެ. އަދި 1998 އާއި 2003 ގައި ރައީސް ކަމަށް ކުރިމަތިލެއްވުމުން އިތުރު މަޝްހޫރު ކަމެއް ލިބުނެވެ. އެއް ބަޔަކު ޖޯކެއްގެ ގޮތުގައި ވެސް އެކަން ނެގި އެވެ.
ނަމަވެސް، އެއިން އެއްވެސް ކަމަކީ ޝަރީފަށް ސަމާސާއެއް ނޫނެވެ. އޭނާ ބުނީ އެ ހުރިހާ ކަމަކީ ގައުމު އިސްލާހުކުރަން ކުރި ކަންތައް ކަމަށެވެ. ނަމަވެސް ބަދަލުގައި އޭނާ އަށާއި އާއިލާ އަށް ލިބުނު އަނިޔާ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.
ފެނަކައިގެ ދިފާއުގައި ސަރުކާރު މެމްބަރުން ގޯސްކުރީ ސަޕްލަޔަރުން
ކޯލްޓަންގެ އެ އިންޓަވިއު އަދި ބަގާވާތުގެ ހިޔަނި
"ކޮރަޕްޝަން ހިންގި މީހުންނަށް ފިޔަވަޅެއް ނޭޅޭ"
"ޝިމާޒާ މެދު ގޮތް ނިންމަން ވާނީ ތަހުގީގަށްފަހު"
ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: ނަޝީދު
ޕިކްނިކް ދަތުރުގައި ގޮސް ވަދެވުނީ މާޒީގެ ތެރެއަށް!
މާލެ ފެނަށް ޖެހުން، އޭގެ ފަހުން އެމްޑަބްލިޔުއެސްސީ
ޝިމާޒަށް ކުރާ ތުހުމަތުގެ ތަފްސީލް ރިޕޯޓް މައުމޫނަށް
ޝިމާޒް މައްސަލައިގެ ތަފްސީލަށް މައުމޫން އެދިވަޑައިގެންފި
ކޮރަޕްޝަނަށް މަގުފަހިވުން ބަލައެއް ނުގަނެވޭނެ: މައުމޫން