Roadha Mihaaru
ފެނަކައިގެ ދިފާއުގައި ސަރުކާރު މެމްބަރުން ގޯސްކުރީ ސަޕްލަޔަރުން

ފެނަކައިގެ ދިފާއުގައި ސަރުކާރު މެމްބަރުން ގޯސްކުރީ ސަޕްލަޔަރުން

18 އޮކްޓޯބަރ 2023

ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތްތައް އެތައް ގުނައެއް ބޮޑު އަގުގައި ކުރުވައި، ކޮރަޕްޝަން ހިންގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ސަޕްލަޔަރުން ގޯސްކޮށް، އެކަމުގައި ސަޕްލަޔަރުންގެ އޮތް ބައިވެރިވުން ވެސް ތަހުގީގު ކުރަން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތްތައް އެތައް ގުނައެއް ބޮޑު އަގުގައި ކުރުވައި، ކޮރަޕްޝަން ހިންގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ސަޕްލަޔަރުން ގޯސްކޮށް، އެކަމުގައި ސަޕްލަޔަރުންގެ އޮތް ބައިވެރިވުން ވެސް ތަހުގީގު ކުރަން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.

އެ މެމްބަރުން އެ ކަމަށް ގޮވައިލެއްވިއިރު، ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަން މިދިޔަ އޭޕްރީލް މަހު ވެސް އޮތީ އެނގިފަ އެވެ. މިހާރު އެ އަދަދު އެ އަށް ވުރެ ވެސް ބޮޑަށްވަނީ އިތުރުވެފައި ކަމަށް ވެ އެވެ.

ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވަނީ ހާއްސަކޮށް ފެނަކަ އަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ފެނަކައިގެ އެކި މަސައްކަތްތައް ކުރުވައި އެތައް މިލިއަން ރުފިޔާއެއް ކުންފުނިތަކަށް ނުދެއްކުމުގެ އިތުރުން، އެ ކުންފުންޏާ ގުޅޭ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފު ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ފެނަކައިން ހިންގާފައިވާ ބައެއް ޕްރޮޖެކްޓުތަކަށް މާކެޓަށް ވުރެ ބޮޑު އަގުގައި ފައިސާ ދީފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

"...ބަލަންޖެހޭ އަސްލު އަގުގައި ތޯ ޕްރޮޖެކްޓުތަކަށް ބިލް ކޮށްފައި ހުރީ،" އިލްޔާސް ވިދާޅުވި އެވެ.

އެ ކަންކަން އޮޑިޓާ ޖެނެރަލާއި ތަހުގީގީ އިދާރާތަކުން ބަލަން އޭނާ ގޮވައިލެއްވި އެވެ.

ފެނަކައިގެ ދިފާއުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، އެ ބިލްތަކަށް ފައިސާ ނުލިބިގެން ކުންފުނީގެ އާމްދަނީ އަށް ވެސް އަސަރު ކޮށްފައިވާ ކަމަށެވެ.

މިނިމަމް ވޭޖު ތައާރަފު ކުރުމުން ފެނަކައިގެ މުވައްޒަފުންގެ މުސާރަ އަށް ކުރާ ހޭދަ ވެސް އެތައް ގުނައެއް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެމްޑީޕީ ވެރިކަމާ ހަވާލުވި އިރު، ފެނަކައިގެ ދަރަނީގެ ގޮތުގައި 1.183 ބިލިއަން ރުފިޔާ އޮތް ކަން އޮޑިޓް ރިޕޯޓުން އެނގެން އޮތް ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ފެނަކައިގެ ދަރަނި 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ބުނާ އިރު، އެއީ ކޮން ގޮތަކަށް ހޯދި އަދަދެއް ތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑުމެން ފެނަކައިގެ ދަރަނީގެ ވާހަކަ ދައްކާ އިރު، ފެނަކައިން އިތުރު ކުރި އެސެޓުގެ ވާހަކައެއް އަޅުގަނޑުމެނެއް ނުދައްކާ. އެ ދަރަންޏާ ނުބައްދަލަށް ފެނަކަ އިން މި ވަނީ ރައުސުލްމާލު އިތުރު ކޮށްފައި،" އެތައް ސަތޭކަ ޖަނަރޭޓަރު ކޭބަލް ނެޓްވާކު ފެނަކަ އިން ގާއިމުކޮށްދީފައިވާ ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވިދާޅުވީ އުސޫލުން ބޭރުން ފެނަކައިން އެތައް ސަތޭކަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ އިރު، އޭގެ ތެރެއިން ގިނަ ވަޒީފާތައް ނިސްބަތްވަނީ އަތޮޅު ތެރެއަށް ކަމަށެވެ.

"އަޅުގަނޑު ހަމަ ސެލިއުޓުކުރަން ސައީދު [ފެނަކަ އެމްޑީ] އަށް އެކަމަށްޓަކައި. އެއީ ރަށްރަށަށް މި ކަހަލަ ފުރުސަތުތަކެއް ލިބިގެން ދިޔައީމާ،" ފެނަކައިގެ ވެރިންނަށް އެކަނި ތުހުމަތުތައް އަމާޒުކުރުން ކުށްވެރި ކުރައްވައި އޭނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ދައުލަތުގެ އެއްވެސް ކުންފުންޏެއް އަދި އިދާރާއެއްގެ ތެރޭގައި ވެސް ސަޕްލަޔަރުން ނޫނީ ކޮންޓްރެކްޓަރުންގެ ހިއްސާ އެއް ނެތި ކޮރަޕްޝަން ނުހިންގޭނެ ކަމަށެވެ.

"ދެހާސް އަށްސަތޭކަ މިލިއަން ރުފިޔާ ސަޕްލަޔަރުންނަށް ދޭންޖެހޭ ކަމަށް ވަންޏާ، މަތި މައްޗަށް އެއްޗެއްހި ސަޕްލައި ކުރަމުން އެ ފަރާތްތަކުން ދިޔައީ ކިހިނެއްތޯ އޮޑިޓު ކުރަން އެބަ ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ސަޕްލަޔަރުން މުދަލާއި ހިދުމަތްތައް ފޯރުކޮށްދީފައި އޮތީ ހަމަ އަގުގައި ތޯ ބަލައި، އެކަމުގައި ގޯހެއް އުޅޭ ނަމަ އެ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅައި ދައުވާ ކުރަން އޭނާ ގޮވާލެއްވި އެވެ.