Roadha Mihaaru
ފަހު ވަގުތު ޖެހި ގޯލުން ޔުވެންޓަސް އެއް ވަނަ އަށް

ރޮނާލްޑޯ ފަހު ވަގުތު ޖެހި ގޯލުން ޔުވެންޓަސް އެއް ވަނަ އަށް

31 އޮކްޓޯބަރ 2019

ޓިއުރިން (އޮކްޓޫބަރު 31) - މެޗުގެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ޕެނަލްޓީން 2-1 އިން ޖެނޯއާ ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނަ އަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އިން ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (އޮކްޓޫބަރު 31) - މެޗުގެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ޕެނަލްޓީން 2-1 އިން ޖެނޯއާ ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނަ އަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އިން ޖެހިލައިފި އެވެ.

ރޭގެ މެޗަށް ޔުވެންޓަސް ނުކުތްއިރު އެއް ވަނައިގައި އޮތީ އިންޓަ މިލާނެވެ. އެކަމަކު ޔުވެންޓަސް އިން ރޭގެ މޮޅާ އެކު އަލުން އެއް ވަނަ އަށް އެރީ 10 މެޗުން 26 ޕޮއިންޓް ހަަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 10 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. އެކަމަކު މާގިނަ އިރު ވަންދެން ޔުވެންޓަސް އަށް ލީޑު ހިފަހައްޓައެއް ނުލެވުނެވެ. މެޗުގެ 40 ވަނަ މިނިޓްގައި ޖެނޯއާ އަށް އެއްވަރުކޮށްދިނީ ކްރިސްޓިއަން ކޯމޭ އެވެ. އޭނާ އަށް އެންމެ ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނު ނަމަވެސް ޔުވެންޓަސް ގޯލުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ނުހިފެހެއްޓުނެވެ.

ތިއާގޯ މޮޓާގެ ކޯޗުކަމުގައި ކުޅޭ ޖެނޯއާ އިން މެޗުގެ ދެ ވަަނަ ހާފްގެ ބޮޑުބައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ދެ ވަނަ ހާފްގެ ހަ ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ފްރެންޗެސްކޯ ކަސާޓާ އަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ 87 ވަނަ މިނިޓްގައި ޔުވެންޓަސްގެ އޭޑްރިއަން ރަބިއޯ އަށް ވެސް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ވަނީ ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ޔުވެންޓަސް އަށް ފައިދާ ނުނެގުނު ނަމަވެސް ރަބިއޯގެ ރަތް ކާޑުގެ ފަހު ޔުވެންޓަސް އިން ކުރިއަށް ޖެހިގެން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ. ޕެނަލްޓީ ހޯދުމަށް ފަހު ރޮނާލްޑޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗަށް ފަހު ރޮނާލްޑޯ ބުނީ ޖެނޯއާގެ ފަރާތުން ފެނުނީ ވަރަށް އޮގަނައިޒް ކުޅުމެއް ކަމަށާއި އެކަމަކު ޔުވެންޓަސް އަށް ލިބުނީ ހައްގު މޮޅެއް ކަމުގައި ދެކޭ ކަަމަށެވެ.

"އަހަރެމެންނަށް ވަރަށް ހާލުގައި މަސައްކަތްކުރަން ޖެހުނު މެޗެއް މިއީ. ވަރަށް ވަރުގަދަ އަށް ރާވައިގެން ނުކުތް ޓީމެއް އިދިކޮޅުގައި އޮތީ. މިއީ ކުރި މަސައްކަތަށް ބަލާއިރު ލިބުނު ހައްގު މޮޅެއް،" ރޮނާލްޑޯ ބުންޏެވެ.