Roadha Mihaaru
ޕީޖީ ބިޝާމަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީ އަށް!

ޕީޖީ ބިޝާމަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީ އަށް!

28 އޮކްޓޯބަރ 2019

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިން ކަމުގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިން ކަމުގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އަމިއްލަ މީހަކު ހުށަހެޅި އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި "މިނިވަން 50" ގެ ކޮރަޕްޝަން މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ހުށަހެޅުމުން، ދައުވާ ނުކުރަން ނިންމަވައި ޕީޖީ އަނބުރާ ފޮނުވައިލެއްވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެންނެވެ.

ބިޝާމަށް އަށް ތުހުމަތުކުރާ މައްސަލައެއް ހުށަހަޅާފައިވާ ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ. އެކަމަކު، އެ މައްސަލަ ތަހުގީގު ކުރުމާ މެދު ކޮމިޝަނުން އަދި ވަނި ގޮތެއް ނުނިންމަ އެވެ.

އޭސީސީ އަށް ފޮނުވި ސިޓީގައި، ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅިގެން، އޭރުގެ ރައީސް އަބްދުﷲ ޔާމީން ދެއްވެވި ޖާފަތް، ތައްޔާރުކުރަން ނިއު ޕޯޓްއާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އެ ކޮމިޝަނުން ބެލި މައްސަލައިގައި ނިންމާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމީ އެކަށީގެންވާ ހެކި ނެތް ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގައި ދައުވާ ނުކުރުމަށް ބިޝާމް ނިންމެވި އިރު އޭނާ އަކީ ރަސްމީ ޖާފަތް ތައްޔާރު ކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިއު ޕޯޓާ ހަވާލުކުރުމަށް ނިންމި ކޮމިޓީގައި މުންދުއާ އެކު އެ ނިންމުން ނިންމެވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށް ވެސް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވެ އެވެ.

އެއީ ބިޝާމަށް ތުހުމަތު ކުރެވޭ ގޮތަށް އޮތް މައްސަލައަކަށްވާ އިރު، އެކަމުގައި ދައުވާ ނުކުރަން އޭނާ ނިންމެވި ނިންމެވުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމުގެ އަމަލެއް ކަމަށް މައްސަލައިގެ ލިޔުމުގައި ވެ އެވެ.