29 އޮކްޓޯބަރ 2019
"މިއީ މާ މުހިއްމު ކަމެއް ނޫން، ދައުލަތުން ރައްޔިތުންނަށް ކުރިމަތި ކުރާ ބޮޑު ތަކްލީފެއް،" މިއީ ޕެންޝަން ފަންޑާ މެދު ސުވާލުކޮށްލުމުން އާއްމު ރައްޔިތެއްގެ ހިޔާލެވެ. މި ފަންޑަށް ރާއްޖޭގެ އެތައް ބަޔަކު ފައިސާ ޖަމާ ކުރާ އިރު ފަންޑުގެ ބޭނުމަކީ ކޮބައިކަން އަދިވެސް ގިނަ ބަޔަކަށް ސާފެއް ނުވެ އެވެ.
"މިއީ މާ މުހިއްމު ކަމެއް ނޫން، ދައުލަތުން ރައްޔިތުންނަށް ކުރިމަތި ކުރާ ބޮޑު ތަކްލީފެއް،" މިއީ ޕެންޝަން ފަންޑާ މެދު ސުވާލުކޮށްލުމުން އާއްމު ރައްޔިތެއްގެ ހިޔާލެވެ. މި ފަންޑަށް ރާއްޖޭގެ އެތައް ބަޔަކު ފައިސާ ޖަމާ ކުރާ އިރު ފަންޑުގެ ބޭނުމަކީ ކޮބައިކަން އަދިވެސް ގިނަ ބަޔަކަށް ސާފެއް ނުވެ އެވެ.
އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ޕެންޝަންގެ ގޮތުގައި 5،000 ރުފިޔާ ދޭއިރު މި ފައިސާ ހޭދަކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. ރިޓަޔަމެންޓް ޕެންޝަނަށް ފައިސާ ޖަމާކުރި ނަމަވެސް، ދައުލަތުން ޕެންޝަނަށް ކުރަންޖެހޭ ވަރު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން ކޮށްފައިވާ ދިރާސާއިން ސާފުވާ ގޮތުގައި މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ބޭރުން ޕެންޝަންތަކެއް ދެމުންދާ ނަމަ މިހާރު ހޭދަކުރާ ވަރު ކަމުގައިވާ 200 މިލިއަން ރުފިޔާ އިން 3.8 ބިލިއަން ރުފިޔާ އަށް 2058 ވަނަ އަހަރަށް އަރާނެ އެވެ.
މިހާ ބޮޑު ހޭދައެއް ޕެންޝަނަށް ކުރަންޖެހުމުން އެންމެ ބޮޑަށް ހުރަސް އެޅެނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. ރާއްޖޭގެ ކޮންމެ ސްކޫލަކުން ދޭ ތައުލީމީ ފެންވަރާއި ދައުލަތުން ދޭ ސިއްހީ ހިދުމަތް ފެންވަރުގެ އިތުރުން ދިވެހި ގައުމުގެ އިޖްތިމާއީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ފައިސާ ލިބުމަށް މިކަމުގެ ސަބަބުން ހުރަސް އެޅެއެވެ. ދިވެހިރާއްޖެ އަށް ބޭނުންވާ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި ފެންނާނެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަދުވާ އެއް ސަބަބަކީ ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދުތައް އިތުރުވުމެވެ.
ގައުމެއް ތަރައްގީ ވާނީ އެ ގައުމެއްގައި ތިބި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށްވާއިރު އެ ހިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ޓެކްސްގެ އިތުރުން ޕެންޝަނުން ލިބޭ ނަފާ އިތުރުވުމަކީ ވެސް މުހިއްމު ކަމެކެވެ. މީގެ އިތުރުން ޒުވާން އުމުރުގައި ކުރާ މަސައްކަތުން ޕެންޝަންގެ ގޮތުގައި ރަނގަޅު އަދަދެއް ޖަމާ ކުރެވޭ ނަމަ، ދައުލަތުން ޕެންޝަނަށް މިހާރު ކުރާ ހަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ އެވެ. ތަރައްގީ އަށް ހޭދަކުރުމުގެ އިތުރުން ޕެންޝަން ފައިސާ އިންވެސްޓް ކުރުމުން އިގްތިސާދުގައި ފައިސާ ދައުރުވެ ބޭނުންވާ ކަންތައްތަކަށް ހުންނަ ފައިސާ އިތުރުވެ އެވެ. ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތައް އިގްތިސާދުގައި އިތުރުވުމުން، ގައުމުގެ ތަރައްގީގެ މަސައްކަތްތަކުގައި ބޭންކަށް ބަރޯސާވުން ކުޑަވެ އެވެ. އަދި ބޭންކުތަކުން އާންމު ފަރުދުންނަށް ލޯނުގެ ގޮތުގައި ދެވޭނެ ފައިސާ އިތުރުވާނެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ދާއިރާ ކަމުގައިވާ ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް މި ފައިސާ އިގްތިސާދީ ނިޒާމުގެ ތެރޭގައި ދައުރުވުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން މިއީ ހަމައެކަނި ރައްކާކޮށްފައި ބަހައްޓަންޖެހޭ ފައިސާއެއް ނޫނެވެ. ޕެންޝަން ފަންޑުގެ މައިގަނޑު އަސާސަކީ ކޮންމެ މީހަކު ވެސް ވަޒީފާއިން ރިޓަޔަކުރުމަށް ފަހުގައި ވެސް އާމްދަނީ ލިބޭނެ ގޮތެއް ފަހިކޮށްދީ، ދިރިއުޅުން ކުރިއަށް ގެންގޮސްފިނުމެވެ. މިކަން މިހެން އޮތް ނަމަވެސް، ގައުމުގެ ތަރައްގީގެ މުހިއްމު ކަންކަން ކުރުމުގައި ނުވަތަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ޕެންޝަން ފައިސާ މުހިއްމު ދައުރެއް އަދާ ކުރެ އެވެ.
ޕެންޝަން އޮފީހުން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް-- ފޮޓޯ: ޕެންޝަން އޮފީސް
ރާއްޖޭގެ ޕެންޝަން އޮފީހަށް 10 އަހަރުވެފައިވާ އިރު މިދިޔަ ދުވަސްތަކުގައި އެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދިނީ ޕެންޝަން ސްކީމު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމާއި އިދާރީ ގޮތުން ކަންކަން ހަރުދަނާ ކުރުމަށެވެ. މިދިޔަ ދުވަސްތަކުގައި ޕެންޝަންގެ ނިޒާމު ފުޅާ ކުރުމާއި އާންމުންގެ ބައިވެރިވުން އިތުރު ކުރުމުގައި އެ އޮފީހުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވެ އެވެ. އެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ޕެންޝަންގެ ފައިސާ އެންމެ ފުރިހަމަ ގޮތެއްގައި އިންވެސްޓްކޮށް، އޭގެ ނަފާ އިތުރު ކުރުމެވެ.
މީގެ އިތުރުން ޕެންޝަން ފަންޑަށް ޖަމާ ކުރާ ފައިސާގެ އިތުރު ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ އިންވެސްޓްކޮށްގެން އެ އައަދު ދެ ގުނަ ބޮޑު ކުރެ އެވެ. މިއާ އެކީ ހަމައެކަނި އިތުރުވަނީ ދައުލަތަށް ލިބޭ ފައިދާއެއް ނޫނެވެ. އާންމު ރައްޔިތުންގެ ޕެންޝަން ވެސް ބޮޑުވުމުގެ ފުރުސަތު އޮންނާނެ އެވެ. ޕެންސަން އެކައުންޓެއް ހުޅުވައިފައިވާ ކޮންމެ ދިވެހި ފަރުދަކަށް މިހާރު ވެސް މި ފަންޑުން އިންވެސްޓުކޮށްގެން ލިބެމުންދާ ފައިދާ ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޕެންޝަން ނިޒާމުތަކުގައި އާންމު ފަރުދަކު ރިޓަޔަވުމުން އަބުރުވެރި ރަނގަޅު ދިރިއުޅުމެއް އުޅެވޭވަރުގެ ޕެންޝަނެއް ލިބުމުގެ ފުރުސަތު އޮވެ އެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ އިދާރާ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިހާރު ވެސް އަންނަނީ ޕެންޝަން ފައިސާ އިންވެސްޓް ކުރަމުންނެވެ. މިގޮތަށް އާންމުގޮތެއްގައި އިންވެސްޓް ކުރާނީ ރިސްކު ކުޑަ ތަންތަނުގަ އެވެ. މީގެ ސަބަބުން ރައްޔިތުންގެ ފައިސާ އަށް ގެއްލުމެއް ނުވެ، އެ ފައިސާ އަނބުރާ ލިބުމުގެ ޔަގީންކަން އޮންނާނެ އެވެ. އެގޮތުން، ޕެންޝަން އޮފީހުން ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ކަންކަން ދިރާސާކޮށް އެ އޮފީހުން ވަނީ ޕެންޝަންގެ ބައިވެރިންނަށް އެންމެ ފައިދާވާނެ ކަންކަން ކަނޑައަޅާފަ އެވެ.
ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުންނަ ފުރުސަތުތައް މަދުވި ނަމަވެސް ކުރިއަށްއޮތް ތާނގައި ފޮރިން އިންވެސްޓްމަންޓަށް ވެސް ފުރުސަތު އެބައޮތެވެ. ނަމަވެސް މި ފުރުސަތު ލިބޭނީ ފަންޑަށް ފައިސާ ޖަމާކޮށް އެ ފައިސާ އަވަހަށް ނުނަގާ ބެހެއްޓުމުންނެވެ. އެގޮތުން ބަލާއިރު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޕެންޝަން ފަންޑު ބޭނުންކުރަމުން ތަފާތު އެކި ދާއިތާތަކަށް އިންވެސްޓް ކުރަމުންނެވެ.
މިކަންކަމުން ވެސް އެނގެނީ ޕެންޝަން ފައިސާއަކީ ރައްކާ ކުރުން މުހިއްމު އެއްޗެއް ކަމެވެ. ޕެންޝަނާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން ވެސް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހު ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އިން އިސްނަގައިގެން ބާއްވާ ކެޕިޓަލް މާކެޓް ފޯރަމްގައި ޕެންޝަން ފަންޑުގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ކަންތައްތަކާ ބޭހޭ ގޮތުން މަޝްވަރާކުރެވޭނެ އެވެ. އަދި ޕެންޝަން ފައިސާ އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް އިތުރަށް ހާމަވެގެންދާނެ އެވެ.
ޕެންޝަން ސްކީމް: 17.5 ބިލިއަންގެ ބޮޑު ފަންޑެއް
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް
ޕެންޝަނަށް ފައިސާ ރައްކާކުރުމުގައި ފަރުދުންގެ ދައުރު
ހަސަންބެގެ ހިޔާލަށް ތާއީދު ކުރަންތަ؟
ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބޭނުން އެނގޭތަ؟
ޕެންޝަންގެ ބާގަނޑު ބައްދަން ބޭނުންވަނީ ހިތްވަރެއް
"ޕެންޝަނުން އިންވެސްޓުކުރަން ޑޮލަރު ހޯދަން އުނދަގޫ"
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ރާއްޖޭގައި ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގު