Roadha Mihaaru
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް

ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް

09 ޖެނުއަރީ 2020

ދޮށީ އުމުރުގެ މީހުންނަށް މާލީ މިނިވަންކަން ކަށަރަވަރުކޮށްދިނުމަށްޓަކައި ހަރުދަނާ ޕެންޝަން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިތާ 10 އަހަރު ފުރުފައިވާއިރު މި ރޮނގުން ހޯދިފައިވާ ކާމިޔާބީތައް ގިނަ އެވެ.

ދޮށީ އުމުރުގެ މީހުންނަށް މާލީ މިނިވަންކަން ކަށަރަވަރުކޮށްދިނުމަށްޓަކައި ހަރުދަނާ ޕެންޝަން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިތާ 10 އަހަރު ފުރުފައިވާއިރު މި ރޮނގުން ހޯދިފައިވާ ކާމިޔާބީތައް ގިނަ އެވެ.

މޯލްޑިވްސް ރިޓަޔަރަމަންޓް ޕެންޝަން ސްކީމުގައި ރާއްޖޭގެ މަސައްކަތް ކުރާ އާބާދީގެ 80 ޕަސެންޓާ ގާތަށް މީހުން ރަޖިސްޓްރީވެ އެސްކީމު މެދުވެރިކޮށް ފަހަށް ފައިސާ ރައްކާކޮށް ރިޓަޔަމަންޓަށް ތައްޔާރުވުމުގެ މަސައްކައްކުރަމުން އަންނައިރު، ދޮށީ އުމުރުގެ ކޮންމެ ރައްޔިތަކަށް ޕެންޝަންގެ ގޮތުގައި ލިބެން ޖެހޭ އެންމެ މަދު މިންވަރަކީ 5000ރ. ކަމަށް ކަނޑައަޅާ އެ އަދަދު ޕެންޝަން ގާނޫނުގެ ތެރެއިން ފޯރުކޮށްދެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ އާބާދީ އަށް އަންނަމުންދާ ބަދަލުތަކަށް ބަލައި މުސްކުޅިވާ އާބާދީއަށް ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ދުރާލައި ރާއްކާކުރަން އިސްކަންދީގެން ކުރިޔަށް ގެންދާ މި ނިޒާމުގެ ތެރެއިން ހިންގާ ޕެންޝަން ފަންޑަށް 13 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އެއްކުރެވި ރާއްޖޭގެ އެންމެ ބޮޑު ސޭވިން ފަންޑަށް ރިޓަޔަމަންޓް ޕެންޝަން ސްކީމް ވަނީ ވެފަ އެވެ.

މި ފައިސާ އިންވެސްޓްކޮށް ރިޓަޔަކުރާ މީހުނަށް އެކަށޭނަ ޕެންޝަނެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުން ވެސް އެކަށީގެންވާ ކާމިޔާބީތަކެއް ހާސިލްކުރެމުން އާދެ އެވެ. މިގޮތުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭނުންކޮށް އިންވެސްޓްކޮށް މިހާތަނަށް އަހަރަކަށް ފަސް ޕަސެންޓް ޖެހޭ ވަރުގެ ފައިދާއެއް ސްކީމުގެ ބައިވެރިންނަށް ވަނީ ހޯދައިދެވިފަ އެވެ. މީގެ އިތުރުން މި މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ދިރާސާތައް ވޯލްޑް ބޭންކުގެ ރޭމްޕް ޕްރޮގްރާމުގައި ބައިވެރިވެ ޕެންޝަން އޮފީހުން އަންނަނީ ކުރަމުންނެވެ.

ޕެންޝަން ފަންޑަށް ލިބިފައިވާ ކުރިއެރުންތަކުގެ އިތުރުން، ޕެންޝަން ފޯރުކޮށްދިނުމާއި ޕެންޝަނަށް ފައިސާ ރައްކާކުރަން ކުރެވޭ މަސައްކަތްތައް ހަލުވިކޮށް އަވަސް، ފުރިހަމަ، ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕެންޝަން އޮފީހުން ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އޮންލައިން ގިނަ ޚިދުމަތްތަކަކާ އެކު ޕެންޝަން އޮފީހުގެ ހިދުމަތް ހޯދާ މީހުން ކިއުގައި ނުޖެހި އެ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން ޕެންޝަން އެކައުންޓަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރެވި ޕެންޝަން ސްކީމުގެ ބައިވެރިންނަށް އެ މައުލޫމާތު ކޮންމެ ވަގުތަކު ވެސް ބެލޭނެ ގޮތް ވެސް ވަނީ ފަހިކޮށްދީފަ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ހޯދިފައިވާ މި ކުރިއެރުންތަކާ އެކު ޕެންޝަން އޮފީހުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖޭގެ ޕެންޝަން ނިޒާމު އިތުރަށް ތަރައްގީކޮށް ކުރިއަރުވައި ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާގެ މިންވަރު އިތުރު ކުރުމަށާއި، ފަންޑުގެ ކަވަރޭޖް ނުވަތަ ބައިވެރިވުން އިތުރު ކުރުމާއި، ފަންޑު މެދުވެރިކޮށް ލިބިދެވޭ އިނާޔަތްތައް އިތުރުކުރުމަށެވެ.