27 ފެބުރުއަރީ 2022
ރާއްޖޭގައި ޒަމާނީ ޕެންޝަން ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީ ސިފައެއްގައި ފަށާފައި ވަނީ، މޭ 13، 2009 ގައި ޕެންޝަނާ ބެހޭ ގާނޫނު ތަސްދީގުކޮށް، އާ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމާ ހަމައިންނެވެ.
ރާއްޖޭގައި ޒަމާނީ ޕެންޝަން ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީ ސިފައެއްގައި ފަށާފައި ވަނީ، މޭ 13، 2009 ގައި ޕެންޝަނާ ބެހޭ ގާނޫނު ތަސްދީގުކޮށް، އާ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމާ ހަމައިންނެވެ.
މި ނިޒާމުގެ މަގްސަދަކީ ދޮށީ އުމުރުގެ ހުރިހާ ދިވެހިންނަށް ޕެންޝަންގެ ހައްގު ކަށަވަރުކޮށްދިނުމާ އެކު، ޕެންޝަން ފޯރުކޮށްދިނުމުގައި ދައުލަތަށް އޮންނަ މާލީ ބުރަ ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ފޯރުކޮށްދިނުމާއި، ރިޓަޔާކުރާ އެންމެހާ މަސައްކަތްތެރިންނަށް ރިޓަޔާކުރުމުގެ ކުރިން ދިރިއުޅެމުންދިޔަ ފެންވަރާ ދާދި އެއްވަރެއްގައި ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓޭވަރުގެ ޕެންޝަނެއް ލިބޭނެ ފުރުސަތު ހޯދައިދިނުމެވެ.
މި ސްކީމް އުފެދުނުތާ 12 އަހަރު ފުރުނުއިރު ރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ 80 ޕަސެންޓް މީހުން އަންނަނީ ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ، ޕެންޝަނަށް ފައިސާ ރައްކާ ކުރަމުންނެވެ. އެ ފަރާތްތަކުން ޕެންޝަން ސްކީމަށް ޖަމާކޮށްފައިވާ ފައިސާ އާއި އިންވެސްޓްމަންޓްތަކުން ލިބިފައިވާ ފައިދާ ހިމަނައިގެން ޕެންޝަން ފަންޑަށް ވަނީ 17.5 ބިލިއަން ރުފިޔާ ޖަމާ ވެފަ އެވެ. އެ އަދަދާ އެކު މި ފަންޑަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސޭވިންގްސް ފަންޑެވެ.
- ޕެންޝަން ސްކީމަށް 12 އަހަރު
- ވަޒީފާ އަދާކުރާ މީހުންގެ 80 ޕަސެންޓް ބައިވެރިވޭ
- ފަންޑަށް މިހާތަނަށް 17.5 ބިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
- ގެދޮރުގަތުމަށް 371 މީހުންނަށް 67 މިލިއަން ރުފިޔާ ދޫކުރި
- ހައްޖަށް ދާން 13 މީހަކަށް 400،000ރ. ދޫކުރި
މި ފަންޑު މެދުވެރިކޮށް 1،459 މީހުންނަށް ޕެންޝަން ލިބެމުންދާއިރު 371 މެންބަރުން ގެދޮރު ގަތުމަށް 67 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކޮލެޓަރަލައިޒް ކޮށްފަ އެވެ. އަދި 13 މީހުންނަށް މިހާތަނަށް ފަރުޟު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހަތަރު ލައްކަ ރުފިޔާ ދޫކޮށް، އިތުރު 183 މީހުންނަށް 10 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ރިޒާވް ކުރެވިފަ އެވެ.
ޕެންޝަން ސްކީމްތަކާ ގުޅޭ މައުލޫމާތު ދެނީ. --ފައިލް ފޮޓޯ
ވޯލްޑް ބޭންކްގެ އެހީގައި އެކުލަވާލެވިފައިވާ ރާއްޖޭގެ ޕެންޝަން ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް އެކުލަވާލާފައިވާ މަލްޓި-ޕިލާ ޕެންޝަން ނިޒާމެކެވެ. މި ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ދެ ޕެންޝަން ސްކީމެއްގެ މައްޗަށެވެ.
މި ނިޒާމުގައި ހިމެނޭ އަސާސީ ޕެންޝަން ސްކީމުގެ ބޭނުމަކީ ޕެންޝަން ސްކީމެއް މެދުވެރިކޮށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު ނުލިބޭ މީހުންނާއި ޕެންޝަނަށް ރައްކާ ކުރި ފައިސާއިން އެކަށީގެންވާ އަދަދެއް ޕެންޝަންގެ ގޮތުގައި ނުލިބޭ މީހުންނަށް ޒަރޫރީ ބޭނުންތަކަށް ފުދޭ ވަރުގެ ޕެންޝަނެއް ފޯރުކޮށް ދިނުމެވެ. މިއީ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ދެމުން އަންނަ ޕެންޝަނެކެވެ.
ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ބޭނުމަކީ ވަޒީފާ އަދާކުރާ މުއްދަތުގައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ބައިވެރިވުމާ އެކު ޕެންޝަނަށް ފައިސާ ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން އެއްކުރެވޭ ފައިސާއިން އެ މީހަކު ރިޓަޔަ ކުރުމަށްފަހު ޕެންޝަން ފޯރުކޮށްދެވޭނެ މަގު ތަނަވަސް ކުރުމެވެ. މިގޮތުން ވަޒީފާ ދޭ ފަރާތްތަކުންނާއި ވަޒީފާއަދާކުރާ ފަރާތްތަކުން ސްކީމަށް ކޮންޓްރިބިއުޝަން ދެއްކުން ގާނޫނީގޮތުން މަޖުބުރު ކުރެވިފައިވާއިރު، އަމިއްލަ މަސައްކަތްކުރާ މީހުންނާއި މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން ޕެންޝަނަށް ޖަމާކުރެވޭ ފައިސާ އިތުރުކުރުމަށް ބޭނުންވާ މީހުންނަށް އަމިއްލާ އިހުތިޔާރުގައި ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު މި ސްކީމުގެ ތެރެއިން ވަނީ ފަހިކޮށްދީފަ އެވެ.
ޕެންޝަން ފަންޑުން އިންވެސްޓް ކުރަނީ ޕެންޝަނާ ބެހޭ ގާނޫނުން ހުއްދަކުރާ އިންވެސްޓްމަންޓްތަކުގަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހުއްދަ ލިބިގެން ހިންގާ ބޭންކުތަކުގެ ފިކްސްޑް ޑިޕޮޒިޓާއި، ސަރުކާރުން އިޝޫ ކުރާ ސެކިއުރިޓީޒް އާއި، ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ ހިއްސާ އާއި، ދިވެހިރާއްޖޭގައި ހުއްދަ ލިބިގެން ހިންގާ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑު ހިމެނެއެވެ. ފަންޑުން އިންވެސްޓް ކުރަނީ އިންވެސްޓްމަންޓްތަކުގެ ރައްކާތެރިކަމަށް ބަލައި އެންމެ ރަނގަޅު ފައިދާއެއް ނެރެވޭނެ ކަމަށް ބެލެވޭ އިންވެސްޓްމަންޓްތަކުގަ އެވެ.
ޕެންޝަން ފައިސާ ކުރި އިންވެސްޓްމެންޓްތަކުގެ ތަފްސީލު
ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ޝާހިދު ވިދާޅުވީ ޕެންޝަން ފަންޑު އުފެދުނީއްސުރެ މިހާތަނަށް ފަންޑުގެ އިންވެސްޓްމަންޓްތަކުން އަހަރަކަށް އެވްރެޖްކޮށް 5.7 ޕަސެންޓުގެ ފައިދާއެއް ލިބެމުން އަންނަ ކަމަށެވެ. މިއީ، ފަންޑުގެ އިންވެސްޓްމަންޓްތަކަށް މި ވަގުތު ހުރި ފުރުސަތުތަކަށް ބަލާއިރު ރަނގަޅު ފައިދާއެއް ކަމަށާއި، ކުރިމަގުގައި ފަންޑުގެ ފައިދާގެ ނިސްބަތް މިއަށްވުރެ ވެސް އިތުރު ކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު މަންފާ އަކީ 65 އަހަރުވުމުން ސަރުކާރުން ދޭ އަސާސީ ޕެންޝަން ކަމަށްވާ 5،000ރ. އިތުރަށް ފައިސާ ހޯދުމުގެ ފުރުސަތު އޮތުމެވެ. މިސާލަކަށް އުމުރުން 65 އަހަރުވީ އިރު މީހެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 840،000ރ. ހުރި ނަމަ އޭނާއަށް ކޮންމެ މަހަކު ރިޓަޔަމެންޓް ސޭވިން އެކައުންޓުގައި ހުރި ފައިސާ 14 އަހަރަށް ބަހާލުމުން ޖުމްލަ އަދަދެއްގެ ގޮތުގައި މަހެއްގެ މައްޗަށް ޖުމްލަ 7،500ރ. ލިބޭނެ އެވެ.
މީގެ އިތުރުން ރެގިއުލޭޓް ކުރެވިގެން ހިންގާ ރައްކާތެރި ނިޒާމެއްގެ ތެރެއިން ފަހަށް ފައިސާ ރައްކާކޮށް އިންވެސްޓް ކުރުމުގެ ފުރުސަތު ލިބުމާއި، ވަކިވަކި ފަރުދުންނަށް އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކަށް ވުރެ ގިނަ އިންވެސްޓްމަންޓުން ފުރުސަތު ލިބި ރަނގަޅު ފައިދާ ލިބުމާއި، އިންވެސްޓް ކުރުމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ ބައެއްގެ ބެލުމުގެ ދަށުން އިންވެސްޓް ކުރުމުގެ ފުރުސަތު ލިބުމާއި، ކުދި އަދަދުތަކުން ފައިސާ ރައްކާކޮށް ދިގުމުއްދަތުގައި އިންވެސްޓްކޮށް ފައިސާ އިތުރުކުރުމުގެ ފުރުސަތު ލިބުމާއި، ވަޒީފާދޭ ފަރާތުގެ ކޮންޓްރިބިއުޝަންގެ ސަބަބުން ޕެންޝަނަށް ރައްކާ ކުރެވޭ ފައިސާ ދެގުނަ އިތުރު ވުމީ މި ނިޒާމުގެ ތެރެއިން ލިބޭ ފައިދާތަކެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ވަނީ ބައިވެރި ވެފަ އެވެ. އެއީ ގާތްގަނޑަކަށް 160،000 މީހުންނެވެ. މި ސްކީމުގެ ކަންކަން ހިނގަމުންދާގޮތް ބެލުމުގައި ސީއެމްޑީއޭ އިން ވެސް މުހިއްމު ދައުރެއް އަދާ ކުރެއެވެ.
އެ އޮތޯރިޓީގެ ޕެންޝަން ސުޕަވިޝަން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޒަކަރިއްޔާ ވިދާޅުވީ، ފަންޑު މެނޭޖް ކުރުމުގެ ކަންކަން ސީއެމްޑީއޭ އިން ވަރަށް ކައިރިން ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި ކޮންމެ އަހަރަކު އެއް ފަހަރު ޕެންޝަން ފަންޑުގެ ހާއްސަ އިންސްޕެކްޝަނެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
ޕެންޝަން ފަންޑަށް ކޮންމެ އަހަރު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އިތުރުވަމުން އަންނައިރު، އެ ފަންޑުގެ ފައިސާ އިންވެސްޓް ކުރަން ލިބޭ ފުރުސަތުތައް މަދެވެ. ބޭނުންވަނީ އެ ފަންޑުގެ އިންވެސްޓްމަންޓްތައް ފުޅާކުރެވި މެންބަރުންނަށް ލިބޭ ނަފާ ދުވަހެއް ދުވަހަކަށް އިތުރު ކުރުމެވެ. މިކަން ހާސިލު ކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓްމެންޓްގެ ފުރުސަތުތައް ފުޅާކޮށް، ގިނަކުރުން ވަރަށް މުހިއްމެވެ. އެއީ، އެތައް ހާސް މެންބަރުންނެއްގެ ހައްގުގަ އެވެ. އަދި އެ މީހުން ކުރިމަގަށް ކުރާ އުއްމީދަށް ޓަކައެވެ.
އެޑިޓަރުގެ ނޯޓް: މިއީ ސީއެމްޑީއޭގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް
ޕެންޝަންގެ ބާގަނޑު ބައްދަން ބޭނުންވަނީ ހިތްވަރެއް
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ގިނަ ބައެއްގެ ޕެންޝަން ބެލެންސްގައި ހުރީ މަދު އަދަދެއް
ޕެންޝަން ފަންޑާ ކުޅެން ނޫޅޭ! އެއީ ފަހަށް ރައްކާކުރުން
ޕެންޝަން ފަންޑު:އާންމުންގެ ފުދުންތެރިކަމާ ގުޅޭ ބޮޅެއް
ޕެންޝަނަށް ފައިސާ ރައްކާކުރުމުގައި ފަރުދުންގެ ދައުރު
ޕެންޝަން ސްކީމް، ފަހަށް ރައްކާކުރަން ފަހި ފުރުސަތެއް
ހަސަންބެގެ ހިޔާލަށް ތާއީދު ކުރަންތަ؟