Roadha Mihaaru
ފޮނިރަހަ ދޭ އީ-ސިނގިރެޓަށް މާބޮޑަށް ދެވިހިފާ

ފޮނިރަހަ ދޭ އީ-ސިނގިރެޓަށް މާބޮޑަށް ދެވިހިފާ

29 އޮކްޓޯބަރ 2019

އީ-ސިނގިރެޓުން އެތައް ބައެއްގެ ފުރާނަ ގެއްލި ކަންބޮވުން އިތުރުވެފައި ވަނިކޮށް އާ ދިރާސާއަކުން މި ކަންބޮޑުވުން މައްޗަށް ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އީ-ސިނގިރެޓުން އެތައް ބައެއްގެ ފުރާނަ ގެއްލި ކަންބޮވުން އިތުރުވެފައި ވަނިކޮށް އާ ދިރާސާއަކުން މި ކަންބޮޑުވުން މައްޗަށް ހިނގައްޖެ އެވެ.

އެކި ރަހަތަކުގެ އީ-ސިގިރެޓުން ކުރާ އަސަރުތައް ދެނެގަތުމާ ގުޅޭ ގޮތުން އެމެރިކާގެ ސަދަން ކެލިފޯނިއާ ޔުނިވަސިޓީ (ޔޫއެސްސީ) އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ވޭޕްކުރާ ފުރާވަރު ކުދިންގެ ތެރެއިން ފޮނި ރަހަދޭ އެކި ބާވަތުގެ އީ-ސިނގިރެޓް ބޭނުންކުރާ ކުދިން އެ އާދައާ ދުރަށް ދިއުމުގެ ފުރުސަތު ކުޑަ އެވެ.

މި ދިރާސާ އަށް ޔޫއެސްސީން ވަނީ ވޭޕިން އަށް އާދަވެފައިވާ 500 އެއްހާ ކުދިންނަށް އޭގެ ސަބަބުން އަންނަ ބަދަލުތައް ދެ އަހަރުގެ މުއްދަތަކަށް މޮނިޓަކޮށްފަ އެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު ކަމަކީ މޭވާގެ ރަހަ ނުވަތަ އެ ނޫން ވެސް ފޮނި ރަހަތައް ދޭ އީ-ސިނގިރެޓް ބޭނުންކުރާ ކުދިން ވޭޕިން އަށް އިތުރަށް ދެވިހިފާކަމެވެ. އަދި ކޮންމެ 10 ކުއްޖެއްގެ ތެރެއިން ނުވަ ކުދިންނަކީ އާންމު ރަހަތަކާ ހިލާފަށް ފޮނި ނުވަތަ މޭވާގެ ރަހަތައް ދޭ އީ-ސިނގިރެޓަށް ގަޔާވާ ބައެއް ކަމަށް ބުންޏެވެ.

"މީގެ މާނަ އަކީ ސްވީޓް ފްލެވާތައް ބޭނުންކުރާ ކުދިން އީ-ސިނގިރެޓް ބޭނުންކުރާ މިންވަރު ވެސް އެ ނޫން ކުދިންނާ އަޅާބަލާ އިރު މައްޗޭ،"

ދިރާސާގައި ބުނީ މި ބާވަތުގެ އީ-ސިނގިރެޓް ބޭނުންކުރާ ބައެއް ކުދިން ދޭތެރެއަކުން އެ ބޭނުން ކުރުން މެދުކަނޑާލި ނަމަވެސް އަނެއްކާ ވެސް މަދުވެގެން ހައެއް މަސްތެރޭގައި އަލުން އެ އާދަ އަށް ރުޖޫއަވާ ކަމަށެވެ. އަދި ދިރާސާގައި ހިއްސާވި ކުދިންގެ ނިސްބަތަށް ބަލާއިރު އެއީ 64.3 ޕަސެންޓެވެ.

ނަމަވެސް ފުރާވަރުގެ ކުދިންގެ ތެރެއިން މެންތޯލް އާާއި ދުންފަތުގެ އެހެން އާންމު ރަހަތަކުގެ އީ-ސިނގިރެޓް ބޭނުންކުރި ކުދިން އަލުން އެ އެއްޗިއްސަށް އަނބުރާ ދިއުމުގެ ފުރުސަތު އޮތީ 42.9 ޕަސެންޓްގައި ކަމަށް ދިރާސާގައި ބުންޏެވެ.

"މީގެ މާނަ އަކީ ސްވީޓް ފްލެވާތައް ބޭނުންކުރާ ކުދިން އީ-ސިނގިރެޓް ބޭނުންކުރާ މިންވަރު ވެސް އެ ނޫން ކުދިންނާ އަޅާބަލާ އިރު މައްޗޭ،" ދިރާސާ ޓީމްގައި ހިމެނޭ ޔޫއެސްސީގެ އިންސްޓިޓިއުޓް ފޮ އެޑިކްޝަން ސައިންސްގެ ޕްރޮފެސަރު އެޑަމް ލެވެންތަލް ވިދާޅުވި އެވެ. "މިއިން ދައްކުވައިދޭ އަނެއް ކަމަކީ ވޭޕްކުރާ ނިސްބަތުން އެއީ ދިގު މުއްދަތަކަށް އެކަމުގައި ދެމިތިބޭ ބައެއްކަން ވެސް ހާމަކޮށް ދިނުން. މީގެ ނަތީޖާ އަކީ ނިކޮޓިންގެ ވިހަތަކަށް މީހާ އެޑިކްޓްވެ، ސިއްހީ މައްސަލަތަކަށް ހުށަހެޅުން."

ވޭޕިންގެ ވަބާވައި ޖެހި އެތައް ބައެއްގެ ސިއްހަތު ނުރައްކަލަށް ހުށަހެޅެމުންދާތީ ސިއްހީ ތަޖުރިބާކާރުން އަންނަނީ ދިޔާ އެއްޗެހި އަޅައިގެން ބޭނުންކުރާ އީ-ސިނގިރެޓާ ދުރުވުމަށް ގޮވައިލަމުންނެވެ. އަދި މިކަމާ ގުޅިގެން، މިފަދަ ތަކެތި ތައްޔާރުކުރާ ބައެއް ކުންފުނިތަކުން ވެސް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.