06 އޮކްޓޯބަރ 2022
ކޮންމެ ދުވަހަކުހެން ކުއްލި މަރުތަކުގެ ޚަބަރެވެ. ފެންނަ ފެނުމަށް، ސިއްހަތު ރަނގަޅު އަދި ހަރަކާތްތެރި ޒުވާނުން ހަމަ ކުއްލިއަކަށް މަރުވަނީ އެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ އަހަރެމެންގެ ތެރެއިން އެތައް ބަޔަކީ ފުރާނައަށް ނުރައްކާވާ ހާލަތަށް ސިއްހީ ކަންކަން ގޯސްވެ އެކަމަކު އެކަން ނޭނގި ތިބި މީހުން ކަމެވެ.
ކޮންމެ ދުވަހަކުހެން ކުއްލި މަރުތަކުގެ ޚަބަރެވެ. ފެންނަ ފެނުމަށް، ސިއްހަތު ރަނގަޅު އަދި ހަރަކާތްތެރި ޒުވާނުން ހަމަ ކުއްލިއަކަށް މަރުވަނީ އެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ އަހަރެމެންގެ ތެރެއިން އެތައް ބަޔަކީ ފުރާނައަށް ނުރައްކާވާ ހާލަތަށް ސިއްހީ ކަންކަން ގޯސްވެ އެކަމަކު އެކަން ނޭނގި ތިބި މީހުން ކަމެވެ.
ރާއްޖޭގައި މިހާރު މި އޮތް ކަންބޮޑުވުމާ އެކު މީގެ ދެތިން އަހަރު ކުރިން އެމެރިކާގައި ދިމާވި ކަންކަމުގެ ހަނދާން އާކޮށްލަން ރަނގަޅެވެ.
ނޭވާލާން އުނދަގޫވެފައި ނުވަތަ ހިތް ހުއްޓިގެން ކުއްލިއަކަށް މަރުވާ މީހުން ކުއްލިއަކަށް ގިނަވީ އެވެ. ހާލު ބޮޑުވެގެން ފަރުވާ ދީ ސަލާމަތްކުރެވޭ މީހުންގެ ހުންނަނީ ފުއްޕާމޭ ހަލާކުވެފަ އެވެ. މީގެ ތެރޭގައި ޒުވާނުން ގިނަ އެވެ.
ސިއްހީ މާހިރުންނާއި ސައިންސްވެރިން މިކަމުގެ ސަބަބު ދެނެގަތުމަށް ކުރި މަސައްކަތުން ސަބަބެއް ކަމަށް ފެނުނީ އެމެރިކާގައި ވެސް ބާރުމިނުގައި ފެތުރިގަތް ވޭޕްކުރުމާއި އީ-ސިނގިރެޓް ބުއިމުގެ ފޯރި އެވެ. އެކަމަކު ސިނގިރެޓް ބުއިމަށް ވުރެ ސިއްހަތަށް ރައްކާތެރި އެއްޗެއްގެ ގޮތުގައި ބުނަމުން އައި ވޭޕިންގެ ސަބަބުން ފުއްޕާމޭ ހަލާކުވުމާއި ކުއްލިއަކަށް ހިތް ހުއްޓި މަރުވުމާ ހުރީ ކޮން ގުޅުމެއްތޯ ބަލަން މަސައްކަތްކުރި އެވެ.
އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޓް ޕްރިވެންޝަން (ސީޑީސީ) ނޮވެމްބަރު 8، 2019 ގައި އެ އިދާރާގެ ހޯދުމެއްގެ ނަތީޖާ ހާމަކުރި އިރު އޭގައި ވަނީ ވޭޕިންގެ ސަބަބުން ބަލިވި 29 މީހެއްގެ ފުއްޕާމެއިން ސާމްޕަލް ނެގިއިރު ވިޓަމިން އީ އެސެޓޭޓް ނުވަތަ ވިޓަމީން އީ ތެޔޮ ހުރި ކަމަށް ބުނެފަ އެވެ. އެހެންވެ މި ތެލަކީ ވޭޕިންގެ ސަބަބުން ފުއްޕާމޭ ހަލާކުކޮށްލާ މާއްދާއަށް ވެދާނެ ކަމަށް ބެލެވުނެވެ.
ވޭޕްކުރަން ބޭނުންކުރާ ދެ ޑިވައިސް ދައްކާލަނީ. -- ފޮޓޯ: ޕެކްސެލް
އީ-ސިނގިރެޓަކީ އުފެއްދިތާ އެތައް އަހަރެއް ވެފައިވާ އެއްޗެކެވެ. އެކަމަކު މީގެ ސިނގިރޭޓާއި ހަމަ އެއާ އެއްގޮތަށް މަސައްކަތްކުރާ ވޭޕިންގެ ސަބަބުން ފުއްޕާމޭ ހަލާކުވެ އެތައް ބަޔަކު މަރުވެ އަދި އަނެއް ބަޔަކު ދާއިމީކޮށް ފަރުވާ ހޯދަން ޖެހޭ މައްސަލަ އެމެރިކާގައި ބޮޑުވާން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ސީޑީސީން ބުނެފައިވާ ގޮތުގައި ވޭޕިންގެ ސަބަބުން ބަލިވި ގިނަ މީހުންގެ އާންމު އަލާމާތްތަކަކީ ކެއްސުން، މޭގައި ރިއްސުން އަދި ނޭވާ ކުރުވުމެވެ. އެކަމަކު އެހެން ބައެއް މީހުންނަށް ބޯ އެނބުރުމާއި ހޮޑުލެވުމާއި ބޭރަށްހިންގުމާއި ވަރުބަލިވުމާއި ހުން އައުމާއި ބަރުދަން ލުއިވުގެ މައްސަލަ ވެސް ތަޖުރިބާކުރަން ޖެހުނެވެ.
ވޭޕިންގެ ސަބަބުން ބަލިވި މީހުންނަށް ދިމާވި މައްސަލައަކީ ސީޑީސީން ބުނި ގޮތުގައި "އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް" އެވެ. މިއީ ފުއްޕާމޭ ތެރޭގައި ފްލުއިޑް ގިނަވެ، ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލޭގެ ތެރެއަށް ފޮނުވައިދިމަށް ހުރަސްއެޅޭ މައްސަލައެކެވެ. މިއީ ފުރާނައަށް ނުރައްކާވާ ކަމެކެވެ.
ސީޑީސީން އޭރު ބުނެފައިވާ ގޮތުގައި ވޭޕިންގެ ސިއްހީ މައްސަލަތައް ދިމާވި މީހުންގެ 80 ޕަސެންޓަކީ އުމުރުން 35 އަހަރުން ދަށުގެ މީހުންނެވެ. މީޑިއަން އުމުރަކީ 24 އެވެ.
އެމެރިކާގެ އެކި ސްޓޭޓްތަކުގައި 2019 ވަނަ އަހަރުން ފެށިގެން، "ސަބަބަކާ ނުލައި" ފުއްޕާމޭ ހަލާކުވާ މައްސަލަތައް ގިނަވެގެން ހޯދި ހޯދުންތަކަށް ފަހު އޭރު ބޮޑަށް ބުރަވެފައިވަނީ މަސްތުވާ ކެނަބިސްގެ އުފެއްދުމެއް ކަމަށްވާ ޓީސީއެޗް ވޭޕްކުރުމެވެ. ސަބަބަކީ މީގެ ވޭޕްގައި ވިޓަމިން އީ އޮއިލް ގިނައިން ހުރުމެވެ.
"މުޅި ގައުމު ހިމެނޭ ގޮތަށް އަދި ވަކި ސްޓޭޓްތަކުން އެއްކުރި މައުލޫމާތު ލަފާކުރެވެނީ. ޓީސީއެޗް ހުންނަ ވޭޕް ބޭނުންކުރުން ކަމަށް ސަބަބަކީ. އަދި ހާއްސަކޮށް މީގެ ތެރެއިން ވެސް ވަގަށް މި ތަކެތި ވިއްކާ މީހުންގެ އަތުން ގަނެގެން ބޭނުންކުރާ ނަމަ ނުރައްކާ އަދި މާބޮޑުވާނެ،" ސީޑީސީން ބުނެފައިވެ އެވެ.
ދިރާސާގައި ބައިވެރިކުރި 1،184 މީހުންގެ ތެރެއިން 83 ޕަސެންޓް މީހުން ވަނީ، އެ މީހުން ބަލިވުމުގެ ތިން މަސް ކުރިން ޓީއެޗްސީ ބޭނުންކުރި ކަމަށް ބުނެފަ އެވެ. ހަމައެކަނި ނިކޮޓިން ވޭޕްކުރި ކަމަށް ބުނީ އެންމެ 13 ޕަސެންޓް މީހުންނެވެ. އެކަމަކު މިއީ ވޭޕިންގެ ސަބަބުން ބަލިވާ ސަބަބު ކަމަށް ނިންމައިފައެއް ނުވެ އެވެ.
ދެން ބެލީ ވިޓަމިން އީ ތެލުން އެހެން ވެދާނެތޯ އެވެ. ކެނަބިސް ނުވަތަ ޓީސީއެޗް ވޭޕްކުރި ހަމަ އެންމެންގެ ހެން ވެސް ފުއްޕާމޭގައި ވިޓަމިން އީ ތެޔޮ ހުއްޓެވެ.
ވިޓަމިން އީ އަކީ ކާނާގެ ތެރޭގައި ބޭނުންކުރުމަށާއި ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުންކުރުން ވެސް ރަނގަޅު އަދި މުހިންމު ވިޓަމިނެކެވެ. އެކަމަކު މި ތެލުން ހަށިގަނޑަށް ނުރައްކާވަނީ ނޭވާއާ އެކު އެތެރެއަށް އާވީގެ ގޮތުގައި ދިއުމުންނެވެ.
ޒުވާނަކު ވޭޕްކުރަނީ: އަހަރުތަކެއް ކުރިން އެމެރިކާގައި ވަނީ ވޭޕާ ގުޅުން ހުރި މަރުތައް ގިނަވެފައި. -- ފޮޓޯ: ޕެކްސެލް
ވޭޕިން ޑިވައިސްތަކުގެ ކާޓްރިޖްގައި ވިޓަމިން އީ ތެޔޮ ބޭނުންކުރަނީ ކާޓްރިޖްގައި ހުންނަ ލިކުއިޑް/ކެމިކަލް އޮލަކުރުމަށް "ތިކެނިން އެޖެންޓެއް"ގެ ގޮތުގަ އެވެ. ތިކެނިން އެޖެންޓަކީ ދިޔާ އެއްޗެއްގެ އަސްލަށް ބަދަލެއް ނާންނަ ގޮތަށް އެ އެއްޗެއް އޮލަކުރުމަށް ބޭނުންކުރާ އެއްޗެކެވެ.
ސީޑީސީގެ ޕްރިންސިޕަލް ޑެޕިއުޓީ ޑިރެކްޓަރު އޭން ޝުޝާތު ވިދާޅުވެފައިވާ ގޮތުގައި ބަލިވި 29 މީހެއްގެ ފުއްޕާމޭގައި ހަލާކުވި ތަންތަނުން ވިޓަމިން އީ އެސެޓޭޓް ފެނުނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަބަބާ ހުރެ، ވިޓަމިން އީ ތެލަކީ ފުއްޕާމޭ ހަލާކުކުރާ މާއްދާ ކަމަށް ބެލެވިދާނެ އެވެ.
މި ހޯދުމުގެ ތެރެއިން އެނގުނު ގޮތުގައި ކާޓްރިޖްގައި ޓީއެޗްސީ އެންމެ ގިނައިން ހުންނަނީ ކެނަބިހުގެ އެއްޗެހި ވިއްކާއިރު އެވެ. އެކަމަކު ކެނަބިސް ނުވަތަ ޓީއެޗްސީ ނުހުންނަ ބައެއް ކާޓްރިޖްތަކުގައި ވެސް ވިޓަމިން އީ އޮއިލް ހުރެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމެރިކާގައި އެންމެ ފުރަތަމަ އެންމެ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކުރީ އިލިނޯއީ އާއި ވިސްކޮންސިންގަ އެވެ. ބަލިވި 86 މީހަކާ ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކައިގެން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި އޭގެ ތެރެއިން ގިނަ މީހުންނަކީ ޓީއެޗްސީ އަޅާފައި ހުންނަ ކާޓްރިޖް، ކަޅު ބާޒާރުން ގަނެގެން ބޭނުންކުރާ މީހުންނެވެ. އެކަމަކު މިއީ ވެސް ބަލިވުމުގެ ސަބަބު ކަމަކަށް ނުނިންމަ އެވެ. ނަމަވެސް މިއީ ތަޖުރިބާކާރުން ގަބޫލުކުރެއްވި ގޮތުގައި އެ ހިސާބަށް ލިބުނު ވަރުގަދަ ހެއްކެކެވެ.
އެމެރިކާގައި ސެޕްޓެމްބަރު 2019 ގައި އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނެފައިވަނީ އެ ދުވަސްވަރު ގޮތް ނޭނގި ކުއްލިއަކަށް ބަލިވި އަދި މަރުވި މީހުންގެ ފުއްޕާމެއިން ފެނުނު ވިޓަމިން އީގެ ސާމްޕަލް ހުރިހާ އެންމެންގެ ވެސް އެއްގޮތް ކަމަށެވެ.
ގައުމުގެ އެކި ހިސާބުން ހޯދިން ސާމްޕަލްތަކުން ވެސް ވިޓަމިން އޭ ފެނުނެވެ. އަދި އެފްޑީއޭގެ ހޯދުންތަކުން އެނގުނު ގޮތުގައި ބަލިވި މީހުންގެ ތެރެއިން 70 ޕަސެންޓް މީހުންގެ ސާމްޕަލްތަކުގައި ޓީއެޗްސީ ހުއްޓެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބައި ސާމްޕަލްގައި ވިޓަމިން އީ ހުއްޓެވެ. އަދި ވިޓަމިން އީގެ މިންވަރު އެ ސާމްޕަލްތަކުގައި ވަރަށް ގަދަޔަށް ހުރި ކަމަށާއި ބައެއް އެއްޗެހީގައި 88 ޕަސެންޓާ ހަމަޔަށް ވިޓަމިން އީ އެސެޓޭޓް ހުރި ކަމަށް ބުނެފައިވެ އެވެ.
މި ސަބަބާ ހުރެ ސީޑީސީން އޭރު ބުނެފައިވަނީ ވޭޕިންގެ ސަބަބުން ކުއްލިއަކަށް ބަލިވެ ހާލު ބޮޑުވުމާއި މަރުވުމާ، ވިޓަމިން އީ ތެލާ ގުޅުން ހުރި ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު ވޭޕިން ކާޓްރިޖްތަކުގައި ހުންނަ އެހެން މާއްދާތަކެއްގެ ސަބަބުން ވެސް މިހެން މެދުވެރިވެދާނެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ. އެކަމަކު ކާޓްރިޖްތަކުގެ މާއްދާތައް ޓެސްޓުކޮށްގެން ވިޓަމިން އީގެ މާއްދާ ނޫނީ މިހެން ވެދާނެ ކަމަށް ގަބޫލުކުރެވޭ އެއްޗެއް ފާހަގައެއް ނުވި އެވެ.
އެފްޑީއޭ އިން ޔަގީންކަމާ އެކު ބުނި ގޮތުގައި ވިޔަފާރީގެ ފައިދާ ބޮޑުކުރުމަށް ބައެއް މީހުން ވޭޕިން ކާޓްރިޖްތައް ގަޑުބަޑުކޮށް ނުރައްކާ މާއްދާތައް އަޅައިގެން ހަދަނީ އެވެ.
ވޭޕިންއާ ގުޅުން ހުރި ބަލި މީހުންގެ އަދަދު 2019 ވަނަ އަހަރު އިތުރުވެ އެ ބަލިތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް ސީޑީސީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އޭގެ ފަހުން މި މައްސަލަ ދިމާވާ މީހުންގެ އަދަދު މަދުވާން ފެށި ކަމަށާއި ސަބަބަކީ އާންމުންގެ ހޭލުންތެރިކަމަށް މި މައްސަލަ އަށް އިތުރުވުމާއި ކާޓްރިޖްތަކަށް އަޅާ މާއްދާތަކުގެ ތެރޭގައި ވިޓަމިން އީ ހިމެނުން މަދުކުރުމާއި ތަންފީޒީ އިދާރާތަކުން އެމެރިކާގައި އެޅި ފިޔަވަޅުތަކަށް ވެދާނެ ކަމަށް ސީޑީސީން ބުނެފައިވެ އެވެ.
ބޮސްޓަން ޔުނިވަސިޓީ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޑިޕާޓްމަންޓް އޮފް ކޮމިއުނިޓީ ހެލްތު ސައިންސަސްގެ ޕްރޮފެސަރު ޑރ. މައިކަލް ސީގެލް، ލައިވްސައިންސް ވެބްސައިޓަށް މިކަމާ ބެހޭ ގޮތުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ފުއްޕާމެޔަށް ވޭޕް ނުރައްކާވާ ދެ ސަބަބެއް އޮތް ކަމަށް ބެލެވެ އެވެ.
ފުރަތަމަ ސަބަބަކީ އޭނާ ވެސް ވިދާޅުވި ގޮތުގައި ވޭޕްގައި ހުންނަ އޮލަ ތެޔޮގަނޑެވެ. އެއީ ސީޑީސީން ވެސް ފާހަގަކުރި ގޮތަށް، ކާޓްރިޖްތަކުގައި ހުންނަ ލިކުއިޑް އޮލަކުރުމަށް ބޭނުންކޮށްފައި ހުންނަ މާއްދާ އެވެ. ކެނަބިސް ވޭޕްކުރުމަށް ހަދާފައި ހުންނަ ކާޓްރިޖްގައި މި މާއްދާ ގިނަ ކަމަށާއި އަދި ބްލެކްމާކެޓުން ވިއްކާ މީގެ އުފެއްދުންތަކުގައި މި މައްސަލަ ވަކިން ބޮޑު ކަމަށް ސީގެލް ވެސް ފާހަގަކުރައްވާފައިވެ އެވެ.
މި ތެލުން ފުއްޕާމޭގައި ތެލުގެ ފަށަލައެއް ލެވޭ ކަމަށާއި ފުއްޕާމެޔަކީ ތެލާ ގުޅޭ ގުނަވަނެއް ނޫން ކަމަށް ސީގެލް ވިދާޅުވި އެވެ. ތެލުގެ މި ފަށަލަ ލެވުމުން ފުއްޕާމޭގައި ހުންނަ އެއާ ސެކްތައް ބަންދުވެ އޮކްސިޖަންގެ ދައުރުވުމަށް ހުރަސްއެޅެ އެވެ. މިހެން ވުމުން ފުއްޕާމޭން ދެން މަސައްކަތްކުރަނީ ތެލުގެ ފަށަލަ ނައްތާލާށެވެ. ނަތީޖާއަކަށް ވަނީ ފުއްޕާމޭ ދުޅަވެ، އޮކްސިޖަން އަށް އިތުރަށް ހުރަސްއެޅުމެވެ.
"ފުއްޕާމެޔަށް ރަނގަޅަށް މަސައްކަތެއް ނުކުރެވޭނެ. ނަތީޖާއަކަށް ވާނީ އެހެން ދިމާވާ މީހާ އަށް ރެސްޕިރޭޓަރީ ފެއިލިއާ [އަމިއްލައަށް ނޭވާލާން ދަތިވުން] ކުރިމަތިވެ މެކޭނިކަލް ވެންޓިލޭޝަން ވެސް ބޭނުންވެދާނެ. މިއީ ވޭޕްގެ ސަބަބުން ބަލިވާ އެއް ސަބަބަށް ވެދާނެ،" ސީގެލް ވިދާޅުވެފައިވެ އެވެ.
ވޭޕްކުރާ ގިނަ މީހުންނަކީ އަބަދު އެ ބޭނުންކޮށްލަކޮށްލާ ތިބޭ މީހުންނެވެ. އެހެންވެ ފުއްޕާމެޔަށް އަބަދު ހުންނާނީ ކެމިކަލްތައް އެތެރެވޭވޭ އެވެ.
ދިމާވެދާނެ އަނެއް ގޮތަކީ، ތެލުގެ ސަބަބުން އެހެން ނުވިޔަސް ވޭޕާ އެކު ފުއްޕާމެޔަށް އެތެރެވޭ ކެމިކަލްތަކުގެ ތެރޭގައި ފުއްޕާމެޔަށް ގެއްލުން ދޭ މާއްދާތަކެއް ހުރުމެވެ. ސީގެލް ވިދާޅުވި ގޮތުގައި ފުއްމާޔަށް ވިހައެއް ކަމަށްވާ މާއްދާތައް ސީދާ ގޮތުގައި އެތެރެކޮށްފި ނަމަ ފުއްޕާމޭ ވަގުތުން ހަލާކުވާން ފެށުމަކީ ވެސް ވެދާނެ ކަމެކެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ މާޔޯ ކްލިނިކްގެ ސާޖިކަލް ޕެތޮލޮޖިސްޓް ޔާސްމީން ބަޓްގެ ހޯއްދެވުންތަކަކާ ހަވާލާ ދެއްވަ އެވެ. އެ ހޯދުމުގައި ބުނެފައިވަނީ ވޭޕުން ފުއްމާޕޭ ހަލާކުވަނީ ތެލުގެ ފަށަލައެއް ލެވޭތީ ނޫން ކަމަށާއި ފުއްޕާމެއިން ފެނުނީ "ކެމިކަލް ނިއުމޮނިޓިސް" ގައި ހުންނަ ފަދަ އިންފްލެމޭޝަން ކަމަށެވެ. ކެމިކަލް ނިއުމޮނިޓިސް އަކީ ފުއްޕާމެޔަށް ގެއްލުން ލިބޭ ކެމިކަލް އެތެރެއަށް ގޮސްގެން ހަލާކުވާ ހަލާކުވުންތަކެވެ.
ވޭޕްކުރާ ގިނަ މީހުންނަކީ އަބަދު އެ ބޭނުންކޮށްލަކޮށްލާ ތިބޭ މީހުންނެވެ. އެހެންވެ ފުއްޕާމެޔަށް އަބަދު ހުންނާނީ ކެމިކަލްތައް އެތެރެވޭވޭ އެވެ.
މާޔޯ ކްލިނިކްގެ ހޯދުމުގައި ވެސް، ކެނަބިސް އިންހޭލްކުރާ މީހުންގެ ފުއްޕާމެއަށް ވެފައި ހުންނަ ބޮޑެތި ގެއްލުންތައް ފާހަގަކޮށްފައިވެ އެވެ. ބައެއް މީހުންގެ ފުއްޕާމޭ "ހިނދި" ނޭވާލުމަށް ވަރަށް ބޮޑަށް ދަތިވެފައި ހުންނަ ކަމަށާއި ދެން ދިމާވާ މައްސަލަތަކާ އެކު މަރުވެފައި ހުންނަ ސެލްތަކާއި ލޭ ގަނޑުވުން ފަދަ އެތައް ކަމެއް މެދުވެރިވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ބުނެފައިވެ އެވެ. މިއިން ކޮންމެ ކަމަކީ ވެސް ފުއްޕާމޭގެ އެއާ ސެކްތައް ބްލޮކްވާ ކަމެކެވެ. މި އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމްގެ ސަބަބުން މަރުވުމަށް އޮންނަ ފުރުސަތު ބޮޑެވެ. އެއީ ފުއްޕާމެޔަކީ "ހަލާކުވުމުން މަރާމާތުކުރެވޭ" އެއްޗަކަށް ނުވާތީ ކަމަށް ބަޓް ވިދާޅުވި އެވެ. އޮންނަ ހައްލަކީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އެހެން ގޮތަކުން ތާ އަބަދު ހޯދުމެވެ.
ރާއްޖޭގައި ވެސް ޒުވާނުންގެ ކުއްލި މަރުތައް ގިނަވެ އެ ވާހަކަ ކަންބޮޑުވުމާ އެކު ދައްކާއިރު މިކަމުގެ ހަގީގީ ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު އެނގޭ ކަމަކީ ކުއްލި މަރުތަކަށް މީހުން ހުށަހެޅޭ އާދަތައް ރާއްޖޭގައި އާންމުވެފައިވާ ކަމެވެ. އަދި ތަފާސް ހިސާބުން ވެސް ފެންނަނީ މި ހަގީގަތެވެ.
އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުން އެނގޭ ގޮތުގައި 2020 ވަނަ އަހަރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހިތުގެ މައްސަލަތަކުގަ އެވެ.
● އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ 35 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލްކުރާ މީހުން.
● އެ އަހަރު 42،088 މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދިން އިރު، ގައިންގަޔަށް ނާރާ ބަލިތަކުގައި 14،731 މީހުންނަށް ފަރުވާ ދިން.
● އުމުރުން 35-64 އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވީ ވެސް ހިތުގެ މައްސަލަތަކުގައި.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން އޮތް މިންވަރު ދައްކައިދޭ ގްރެފިކްސްއެއް
● އުމުރުން 35-44 އަހަރާ ދެމެދުގެ 12 ޕަސެންޓާއި 45-54 އަހަރާ ދެމެދުގެ 18 އަދި 55-64 އަހަރާ ދެމެދުގެ 19 ޕަސެންޓް މީހުން މަރުވެފައި ވަނީ ކާޑިއޯވެސްކިއުލާ ބަލިތަކުގައި.
● އަންހެނުންގެ ތެރޭގައި ވެސް 35-64 އަހަރާ ދެމެދުގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލިތަކުގައި މަރުވި މީހުން.
● އުމުރުން 35-44 އަހަރާ ދެމެދުގެ 18 ޕަސެންޓް މީހުން އިސްކީމިކް ހިތުގެ ބަލީގައި އަދި 45-54 ޕަސެންޓާ ދެމެދުގެ 12 ޕަސެންޓު އަދި 55-64 އަހަރާ ދެމެދުގެ 15 ޕަސެންޓު މީހުން މަރުވީ ކާޑިއޮވެސްކިއުލާ ބަލިތަކުގައި.
● ރާއްޖޭގައި 2020 ވަނަ އަހަރު މަރުވި 1،278 ދިވެހިންގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވި މީހުންގެ އަދަދު 838 އަށް އަރާ.
ރާއްޖޭގެ ހާލަތު މިހެން އޮތް އިރު ސިއްހީ ނުރައްކާ އާދަތައް ގިނަވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ހިތުގެ އެކި މައްސަަލަތައް ހުންނަ މީހުން ރާއްޖޭގައި ގިނަކަން ތަފާސް ހިސާބުން އެނގުނަސް މަދު މީހަކު ނޫނީ އެފަދަ މައްސަލައެއް ހުރިތޯ ޗެކުކޮށް ނުބަލަ އެވެ. މިހެން ތިއްބާ ކުރެވޭ އެހެން ކަމަކުން ކުއްލިއަކަށް ފުރާނަ ގެއްލުމަކީ ކުއްލި މަރެއްގެ ގޮތުގައި ފެނުނަސް ފެންނަން އޮތީ "ހިމޭން މަރަކަށް" ދައުވަތު ދީގެން އާބާދީގެ ބޮޑު ބައެއް ތިބި ތަނެވެ.
ޖެހުނު ކޮންމެ އެއްޗެއް ވޭޕްކުރަނީ އެވެ. މޮޅު ކަމަކަށް ހަދައިގެން ޝިޝާ ބޮނީ އެވެ. މި ކަމުގައި ބައިވެރި ނުވާ މީހާ ވެސް އިންނަންވީ އެ ބޭރުކުރާ ވިހަ ދުންގަނޑުގެ ތެރޭގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި އާބާދީގެ 23 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ.
މިހެން ކިޔަން ކިތަންމެ ކަމެކެވެ. މަރަށް ދައުވަތު ދީގެން ބިތްޖެހިފައި ނުތިބެ ހޭވެރިވެ ހިނގައިގަންނާށެވެ.
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ވޭޕް ކުރުމުން ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިވޭ
އީ-ސިނގިރެޓް ޔޫކޭގައި މެޑިކަލް ޕްރޮޑަކްޓަކަށް ހަދަނީ
"އާ ބަދަލާއެކު ދުންފަތުގެ ކޮންޓްރޯލް ގެއްލިދާނެ"
އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް
ވޭޕިންއާ ގުޅުން ހުރި އެޕްތައް އެޕަލް ސްޓޯރުން ނަގަނީ
އެމެރިކާގައި ސިނގިރެޓް ބޯ މީހުން ރެކޯޑް މިންވަރަކަށް ދަށަށް
އީސިނގިރޭޓް މަނާ ކުރުން: މަޝްވަރާ ކުރާކަށް ނުޖެހޭ!
ފޮނިރަހަ ދޭ އީ-ސިނގިރެޓަށް މާބޮޑަށް ދެވިހިފާ
ރާއްޖޭގައި، އީސިނގިރޭޓާ ދެކޮޅަށް އަޅާނެފިޔަވަޅު ބަލަނީ