Roadha Mihaaru
އަޝްފާގަށް ފުރުސަތު ދިނީ ޖާގަ ހައްގުވީމަ: ސެގާޓް

އުމުރަކަށް ނުބަލަން، އަޝްފާގަށް ފުރުސަތު ދިނީ ހައްގުވީމަ: ސެގާޓް

28 އޮކްޓޯބަރ 2019

ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު އަލީ އަޝްފާގު (ދަގަނޑޭ) އަށް ވެސް ޓީމުން ފުރުސަތު ދިނީ ޓީމުން ޖާގައެއް ހައްގުވީމަ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު އަލީ އަޝްފާގު (ދަގަނޑޭ) އަށް ވެސް ޓީމުން ފުރުސަތު ދިނީ ޓީމުން ޖާގައެއް ހައްގުވީމަ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ދަގަނޑޭ އަލުން ނެގީ މިދިޔަ މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށެވެ. ދަގަނޑޭ ޓީމަށް ނުނެގުމާ ބެހޭގޮތުން އެކި ފަހަރު އެކި ގޮތަށް ސެގާޓް ވަނީ ވާހަކަ ދައްކައިފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ނުދިއުމުން އެންމެ ފުރަތަމަ ދަގަނޑޭ ޓީމުން ބާކީކުރުމަށް ފަހު ފަހުން އެކި ސަބަބުތައް ދެއްކި އެވެ. ބައެއް ފަހަރު ޓީމަށް ދަގަނޑޭ ނަގާ ވަރަށް ވުރެ އުމުރުން ދޮށިކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު އެންމެ ފަހުން ދަގަނޑޭ ޓީމަށް ނެގީ އޭނާ މާފަށް އެދުމުން ކަމަށް ސެގާޓް ބުނި ނަމަވެސް އެކަން ކުރީ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވެފައި އޮއްވަ އެވެ.

ދަގަނޑޭ ގައުމީ ޓީމަށް އެނބުރި އައި މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި އޮގަސްޓް 10 ވަނަ ދުވަހު ޗައިނާ އަތުން މާލޭގައި 5-0 އިން ބަލިވި މެޗުގަ އެވެ. އެ މެޗުގައި ދަގަނޑޭ ފުރަތަމަ އެގާރައިގައި ކުޅުނެވެ. އެކަމަކު މި މަހު 10 ދުވަހު ސީރިއާ އަތުން 2-1 އިން ބަލިވި މެޗުގައި އަރާ މޮޅު ކުޅުމެއް ދައްކައި ދަގަނޑޭ ލަނޑު ޖެހި އެވެ. އެ މެޗަށް ފަހު ސެގާޓް ވަނީ ދަގަނޑޭއާ މެދު އުފާކުރާ ކަމަށް ބުނެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު މާލޭގައި ކުޅޭ ދެ މެޗަށް ނެގި ސްކޮޑު މެލޭޝިއާގެ ޓްރެއިނިން ކޭމްޕަކަށް ފުރުމުގެ ކުރިން ރޭ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން ސެގާޓް ބުނީ ދަގަނޑޭ އަަށް ވެސް ޓީމުން ޖާގަ ދިނީ އެ ވަރަށް އޭނަ މަސައްކަތްކުރުމުން ކަމަށެވެ.

"އަޝްފާގުގެ ވާހަކަ މުޅިން ތަފާތު. އެ ވާހަކަ އަހަރެން އިތުރަށް ދައްކަން ވެސް އަސްލު ބޭނުމެއް ނޫން. އެއް އަހަރާއި ބައި ވަންދެން އަހަރެންގެ ފަރާތުން އޭނަ އަށް ލިބުނު އަދަބަށް ފަހު ގައުމީ ޓީމުން އޭނަ އަށް ޖާގަ ހައްގު. އެއީ ވަރަށް ދިގު މުއްދަތެއް. އަޝްފާގު އަހަންނަށް ވެސް އަދި އެންމެނަށް ވެސް ދެއްކި އޭނާ މަސައްކަތް ކުރާކަން. އެއީ އަހަރެން ވެސް މި ޓީމަށް އެންމެ ގެންނަން ބޭނުންވާ ކަމަކީ. ބުރަކޮށް މަސައްކަތްކުރުން،" މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭއާ ބެހޭގޮތުން ސެގާޓް ބުންޏެވެ.

އިއްޔެ ބޭއްވި ގައުމީ ޓީމުގެ އިވެންޓުގެ ތެރެއިން ދާދު (ކ) ދަގަނޑޭ (މ) އަދި ހަމްޕު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެ ބޭއްވި ގައުމީ ޓީމުގެ އިވެންޓުގެ ތެރެއިން ދާދު (ކ) ދަގަނޑޭ (މ) އަދި ހަމްޕު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް މާފު ދިނުމަށް ފަހު އަލުން ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. ސެގާޓް ބުނީ ކުޅުންތެރިންނަށް ކުރެވުނު ކުށް މީޑިއާގައި ގަބޫލުކުރުމުން އަލުން ފުރުސަތު ދީގެން ވެސް ބޭނުންވަނީ ޓީމު ވަރުގަދަ ކުރުމަށް ކަމަށެވެ.

ދޮށީ އުމުރުގެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދިނުމާ މެދު ތަފާތު ވިސްނުމެއް މީގެ ކުރިން ގެންގުޅެ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާ ސެގާޓް ރޭ ބުނީ "ކޮންމެ އުމުރެއް ވިޔަސް ނުވިސްނާ ކަމަށާއި މަސައްކަތްކޮށް ނަތީޖާނެރެން ހިތްވަރުލާނަމަ" ގައުމީ ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ.

"އަހަރެން ބޭނުންވަނީ ރާއްޖޭގެ އެންމެ މޮޅު ޓީމު. އަހަރެން އައިއިރު ބުނިން ބަދަލުތަކެއް ގެންނަން އެކަން ވެސް އެބަކުރަން. ގުއާމް އަތުން މޮޅުވި މެޗުގައި ޓީމުގެ އެވްރެޖް އުމުރަކީ 20.8. މިއީ ރާއްޖޭން މި ކަހަލަ މެޗަކަށް ނެރުނު އެންމެ ޒުވާން ޓީމު. އެކަން ވެސް ކުރަންވީ. އެކަމަކު މި ވަގުތު ނަތީޖާ އަށް މަސައްކަތްކުރާއިރު ބޭނުންވަނީ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމު. އަހަރެން އުމުރަކަށް ނުބަލަން ބޭނުންވަނީ ނަތީޖާ ނެރެން،" ސެގާޓް ބުންޏެވެ.

ގައުމީ ޓީމުގައި މި ފަހަރު ހިމެނި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އަހުމަދު ނާހިލް އެ ކްލަބުން ރިލީސްދީފައިނުވެ އެވެ. އެއީ ވިކްޓްރީ އެންމެ ފަހުން ކުޅުނު ތިން މެޗަށް ހާޒިރުނުވުމުން މެޗު ދޫކޮށްލަން ޖެހުނުއިރު، ނާހިލް އެ މެޗުތަކަށް ޓީމާ ގުޅިފައިނުވާތީ އެވެ. ސެގާޓް ވަނީ އެ ފަދަ ކަންކަމަކީ އެންމެން ވާހަކަ ދެކެވިގެން ހައްލެއް ހޯދަން ޖެހޭ ކަންތައްތައް ކަމަށެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ވޯލްޑް ކަޕް ކޮލިފައިންގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނުމަކީ ރާއްޖޭގެ އަމާޒެވެ. އެކަން ހާސިލްކުރެވެން އޮތީ އަންނަ މަހު މާލޭގައި ފިލިޕީންސާއި ގުއާމް ބަލިކޮށްގެންނެވެ. ސެގާޓް ބުނީ އެކަން ކުރަން އޭނާ އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.

އަންނަ މަހު 14 ވަނަ ދުވަހު މާލޭގައި ފިލިޕީންސާ ދެކޮޅަށް ކުޅުމަށް ފަހު 19 ވަނަ ދުވަހު މާލޭގައި ނުކުންނާނީ ގުއާމާ ދެކޮޅަށެވެ.