23 ޖެނުއަރީ 2024
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް، ތަޖިކިސްތާންގެ ގައުމީ ޓީމު ގޮވައިގެން އޭއެފްސީ އޭޝިއަން ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް، ތަޖިކިސްތާންގެ ގައުމީ ޓީމު ގޮވައިގެން އޭއެފްސީ އޭޝިއަން ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
މިއީ ތަޖިކިސްތާނުގެ ތާރީހުގައި ވެސް އެޓީމު އޭޝިއަން ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ސެގަޓް ރާއްޖޭގެ ކޯޗުކަން ދޫކޮށްލިތާ ދެ އަހަރު ފަހުން، 2022 ވަނަ އަހަރުން ފެށިގެން އަންނަނީ ތަޖިކިސްތާނަށް އިރުޝާދު ދެމުންނެވެ.
ސެގަޓާ އެކު މުބާރާތަށް ކޮލިފައިވެ، އެ ޓީމުން ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޗައިނާއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރު ކޮށްލައިގެން ޕޮއިންޓެއް ހޯދައިފަ އެވެ. ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު އަދި އެންމެ ފަހުގެ ޗެމްޕިއަން ގަތަރު އަތުން 1-0 އިން ބަލިވި އިރު، ރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވަނީ މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލާ އެކު 2-1 އިން ތަޖިކިސްތާން ބަލިކޮށް ގުރޫޕް އޭގެ ދެ ވަނަ ހޯދައިފަ އެވެ.
ގަދަ 16 ގައި ތަޖިކިސްތާން ވާދަކުރަން ޖެހޭނީ ގުރޫޕް ސީގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. ގުރޫޕް ސީގެ ފަހު މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު އިރާން ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. އަދި ފަލަސްތީނު ނުކުންނާނީ ހޮންގްކޮންގާ ދެކޮޅަށެވެ. ހަ ޕޮއިންޓާ އެކު މިވަގުތު ގުރޫޕްގެ އެއްވަނައިގައި އިރާން އޮތްއިރު، ޔޫއޭއީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ފަލަސްތީނަށް ޕޮއިންޓެއް ލިބިފައި ވާއިރު ހޮންގް ކޮންގަށް ޕޮއިންޓެއް ނުލިބެ އެވެ.
ސެގަޓަކީ އަފްގާނިސްތާން ގައުމީ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ފަހު ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ކޯޗެކެވެ. އޭނާ 2018 ވަނަ އަހަރުގެ މާޗު މަހު ގައުމީ ޓީމާ ހަވާލު ވުމަށް ފަހު އެންމެ ބޮޑު އިސްމަކެއް ދީގެން ކުރި އެއް މަސައްކަތަކީ، ގައުމީ ޓީމުގައި ހިމެނޭ އުމުރުން ދުވަސްވީ ކުޅުންތެރިންނަށް އެއްކޮށް ބަރޯސާ ވުމުގެ ބަދަލުގައި، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން ގައުމީ ޓީމު ބައްޓަން ކުރުމެވެ.
އޭޝިއަން ކަޕްގައި ވާދަކުރާ ތަޖިކިސްތާން ގައުމީ ޓީމުން ވެސް ފެންނަނީ އެ މަންޒަރެވެ. މުބާރާތުގައި ކުޅޭ އެންމެ ޒުވާން ސްކޮޑް އޮތީ ތަޖިކިސްތާނުގަ އެވެ. އެ ޓީމުގެ އެވްރެޖް އުމުރަކީ 24.62 އަހަރެވެ.
ރާއްޖެ ގޮވައިގެން ވެސް ސެގަޓުގެ ފުރަތަމަ މެޗަކަށް ބޫޓާނާ ދެކޮޅަށް ކޮލިފައިން މެޗެއް ކުޅެން ޖެހުނުއިރު، ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު އެ މެޗުން ރާއްޖެ މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވާން ދެކޮޅު ހެދުމާ ގުޅިގެން ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމުން ބޭރުކުރަން ސެގަޓް ނިންމި ނިންމުމާ ގުޅިގެން އޭނާ އާއި ފުޓްބޯޅަ އެސޯސިއޭޝަނަށް ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރީ ވެސް ސްކޮޑުގައި އަޝްފާގު ނުހިމަނަ އެވެ.
އޭރު ވެސް ރާއްޖެ ކުޅެމުން ދިޔައީ މިހާރެކޭ އެއްގޮތަށް ރަހުމަތްތެރިކަމުގެ ރަނގަޅު މެޗުތަކެއް ނުލިބި އެވެ. މިއާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ނަތީޖާގެ ކުރިއެރުން ނުލިބޭތީ ފުޓްބޯޅަ އެސޯސިއޭޝަނަށް އައި ފާޑުކިޔުންތައް ނުހުއްޓުވުމުން އޭނާ މަގާމުން ވަކިކުރި އެވެ. ނަމަވެސް ޑިސެމްބަރު 2019 ގައި ސެގަޓް މަގާމުން ވަކިކުރީ ފުޓްބޯޅައިގެ މައްސަލައެއްގައި ނޫން ކަމަށް، ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.
ސެގަޓް ވަކިކުރުމަށް ފަހު 2020 ގެ ފެބްރުއަރީ މަހު ބައްސާމް ވަނީ އެ އަހަރުގެ އޭޕްރީލް މަހު އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން އިއުލާން ކުރައްވާފަ އެވެ.
ތަޖިކިސްތާނުގެ އެއްބަސްވުން އާ ނުކޮށް ސެގަޓް ވަކިވެއްޖެ
ސެގަޓްގެ ތަޖިކިސްތާނުން ޔޫއޭއީ ބަލިކޮށް ކުއާޓާ އަށް
ތަޖިކިސްތާން ގޮވައިގެން ސެގަޓް އޭޝިއަން ކަޕަށް
ރާއްޖެއާ ދެކޮޅަށް އުޒްބެކިސްތާން، ތައިލެންޑް، ލަންކާ
ރާއްޖޭގެ ކުރީގެ ކޯޗު ސެގަޓް ތަޖިކިސްތާންގެ ޓީމަށް
ސެގާޓް ވަކިކުރީ ރަނގަޅު ވަގުތު: ބައްސާމް
ސެގާޓްގެ ކޮންޓްރެކްޓް ދެފަރާތް އެއްބަސްވެގެން އުވާލައިފި
ސެގާޓުގެ ހިތްހަމަޖެހުމަކީ އަމިއްލަ ބާރު އޮތުން
ޝެޑިއުލް ބަދަލުކުރި މައްސަލައިގައި ސެގާޓް ރަތަށް
އަމާޒަކީ ތާރީހީ ކާމިޔާބެއް ހޯދުން: ސެގާޓް