14 ޖޫން 2022
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޕިޓާ ސެގަޓް، އޭނާގެ މިހާރު ޓީމު ތަޖިކިސްތާން، ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައިކޮށް ދީފި އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޕިޓާ ސެގަޓް، އޭނާގެ މިހާރު ޓީމު ތަޖިކިސްތާން، ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައިކޮށް ދީފި އެވެ.
ކޮލިފައިންގެ ގުރޫޕް އެފްގައި ތަޖިކިސްތާން އޮތީ ގުރޫޕް އެއްވަނައިގަ އެވެ. އެ ގުރޫޕްގެ ދެވަނައިގައި އޮތް ކިރިގިސްތާން ވެސް ވަނީ އޭޝިއަން ކަޕަށް ކޮލިފައި ވެފަ އެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ގަދަ ބާރު އިންޑިއާ ވަނީ އަންނަ އަހަރުގެ މުބާރާތުން ވެސް ޖާގަ ކަށަވަރު ވެފަ އެވެ. މިއީ އިންޑިއާ އޭޝިއަން ކަަޕަށް ކޮލިފައިވި ފަސްވަނަ ފަހަރެވެ.
ޖެނުއަރީ މަހު ތަޖިކިސްތާންގެ ކޯޗު ކަމާ ހަވާލުވި ސެގަޓްގެ ބެލުމުގެ ދަށުން އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗުގައި މިޔަންމާ އަދި ސިންގަޕޫރު އަތުން ވެސް ތަޖިކިސްތާން މޮޅުވި އެވެ. ގުރޫޕްގެ ފަހު މެޗުގައި މިރޭ ތަޖިކިސްތާން ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. މި ދެ ޓީމު މާޗް މަހު ކުޅުނު އެކުވެރި ކަމުގެ މެޗުން ތަޖިކިސްތާން މޮޅުވީ 1-0 ންނެވެ.
ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ބަލިކޮށް ރާއްޖެ އަށް އެ މުބާރާތް ހޯދައިން ސެގަޓްގެ ބެލުމުގެ ދަށުން ތަޖިކިސްތާން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އެވެ. އެ ޓީމު ބަލިވީ ޔޫގެންޑާ އަދި ސީރިއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުގަ އެވެ.
ރާއްޖޭގެ ކޯޗުކަމާ މާޗް، 2018 ގައި ހަވާލުވެ އޭނާ ވަނީ ބޮޑެތި ނިންމުންތަކެއް ނިންމައިފަ އެވެ. އެ ނިންމުންތަކުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވެސް އަމާޒުވި އެވެ. އޭރުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޕްރީ މެޗް ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި ކަމަށް ބުނެ އޭނާ ޓީމުން ބާކީ ކުރި އެވެ. އަދި ދަގަނޑޭގެ ބަދަލުގައި ކެޕްޓަންކަން ކުރަން ހުރި، އަސްހަދު އަލީ (އަޑުބަރޭ) އަތުން ޖެހިގެން އައި ދުވަހު ކެޕްޓަން ބޭންޑް ވެސް ނެގި އެވެ. އެކަމާ ހިތްހަމަނުޖެހި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އަސްހަދު އިއުލާން ކުރި އެވެ.
ސެގަޓް ތަޖިކިސްތާން ޕްރެކްޓިހުގައި: ރާއްޖޭގައި އޭނާ މަސައްކަތް ކުރި އިރު އޭނާގެ ބައެއް ނިންމުތަކާ ހެދި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި --- ފޮޓޯ: ތަޖިކިސްތާން އެފްއޭ
ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޭނާ ނިންމި އެ ދެ ނިންމުމުގެ ސަބަބުން ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް ފެންމަތިވި އެވެ. އެ މެޗު ބަލަން ދަނޑަށް ވަނީ ވެސް މަދު އަދަދެއްގެ ބައެކެވެ.
ނަމަވެސް 7-0 އިން ބޫޓާންގެ މައްޗަށް ކުރި ހޯދި އެވެ. ބޫޓާން އަތުން ބޮޑު މޮޅެއް ހޯދައިގެން ސެގަޓްގެ ރަސްމީ ފުރަތަމަ މެޗު ފެށިއަސް، ރާއްޖޭގެ ކޯޗުކަމުން އޭނާ ވަކިކުރަން ނިންމި ނިންމުން ވެސް ގުޅިފައި އޮތީ ބޫޓާން އަތުން ބަލިވުމުގެ މައްޗަށެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ބޫޓާން އަތުން ބަލިވެ އަމިއްލަ ބާރު ގެއްލުނެވެ. މުބާރާތް ހުސްއަތާ ނިންމާލުމުން އެފްއޭއެމުން ނިންމީ އޭނާ ކޯޗް ކަމުން ވަކިކުރުމަށެވެ.
ގައުމީ ޓީމުގައި މަސައްކަތް ކުރި ބިދޭސީ ކޯޗުންގެ ތެރެއިން، ދިވެހި ކޯޗުންގެ ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒުވި ކޯޗަކީ ވެސް ސެގަޓް އެވެ. ސީނިއާ ކޯޗުންގެ ތެރެއިން ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭނާއި ޓީސީގެ ކޯޗު މުހައްމަދު ނިޒާމުގެ ވަނީ އޭރު ސެގަޓަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އޭނާގެ ނިންމުންތަކުގައި "ގޮތްދޫ ނުކުރުމުގެ ސިފަ" ގެންގުޅޭ ކަމަށް މަޝްހޫރު ވެފައިވާ، ސެގަޓްގެ ބައެއް ނިންމުންތަކާ މެދު ސީނިއާ ބައެއް ކުޅުންތެރިން ވެސް ވަނީ ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ. ގައުމީ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒުވާން (ރިޒޭ) ގައުމީ ޓިމަށް ނަގާފައި ވަނިކޮށް ޓީމާއެކު ދަތުރު ނުކުރީ ވެސް ސެގަޓް އާމެދު ނުޖެހިގެން ކަމަށް އޭރު އަޑު ފެތުރުނެވެ. ފަހުން އެ ދެ ކުޅުންތެރިން މާފަށް އެދުމުން ޓީމަށް ނެގި އެވެ. އަދި އަޝްފާގް އަށް ވެސް ފުރުސަތު ދިނީ ޕްރެސް އަށް ހާޒިރުނުވި މައްސަލައިގައި މާފަށް އެދުމުން ކަމަށް ސެގަޓް އޭރު ބުނެފައި ވެއެވެ.
އަފްގާނިސްތާން ގައުމީ ޓީމަށް ވެސް ކޯޗު ކޮށްދިން ސެގަޓްގެ އެސިސްޓެންޓުންގެ ގޮތުގައި ރާއްޖޭގައި ވެސް އޭނާ އާއެކު މަސައްކަތް ކުރި ދެ ކޯޗުން ކަމަށްވާ ޖޯޖިއާގެ ގެލާ ޝެކިލާޒީ އާއި ފިޓްނަސް ކޯޗު މޮންޓަނީގްރޯގެ ވަލްޑަމީރް ކުރްނިޗް ވެސް ތަޖިކިސްތާންގެ ގައުމީ ޓީމުގައި މަސައްކަތް ކުރެ އެވެ.
ސެގަޓްގެ ތަޖިކިސްތާނުން ޔޫއޭއީ ބަލިކޮށް ކުއާޓާ އަށް
ތަޖިކިސްތާނުގެ އެއްބަސްވުން އާ ނުކޮށް ސެގަޓް ވަކިވެއްޖެ
ސެގަޓް، ތަޖިކިސްތާނާ އެކު އޭޝިއަން ކަޕްގެ ދެވަނަބުރަށް
ރާއްޖެއާ ދެކޮޅަށް އުޒްބެކިސްތާން، ތައިލެންޑް، ލަންކާ
ރާއްޖޭގެ ކުރީގެ ކޯޗު ސެގަޓް ތަޖިކިސްތާންގެ ޓީމަށް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ތަޖިކިސްތާނުން ދިވެހިންނަށް އޮންއެރައިވަލް ވިސާ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ލަންކާ ގޮވައިގެން ސުޖަން އޭޝިއަން ކަޕް ކޮލިފައިން އަށް
ތަޖިކިސްތާން ބަލިކޮށް ރާއްޖެ ފައިނަލަށް