Roadha Mihaaru
ޖަމިއްޔާތަކާ ބެހޭ އާ ގާނޫނެއްގެ ބިލް ރައީސް އޮފީހަށް

ޖަމިއްޔާތަކާ ބެހޭ އާ ގާނޫނެއްގެ ބިލް އެކުުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި

27 އޮކްޓޯބަރ 2019

ޖަމިއްޔާތަކާ ބެހޭ އާ ގާނޫނެއްގެ ބިލް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަމިއްޔާތަކާ ބެހޭ އާ ގާނޫނެއްގެ ބިލް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބިލްގެ މަގްސަދަކީ، ގާނޫނުއަސާސީން ލިބިދޭ ޖަމިއްޔާތައް އުފެއްދުމުގެ ހައްގު ފުރިހަމަ އަށް ދިނުމަށާއި އެކަމާ ގުޅޭ އުސޫލުތައް ހިންގުމާއި ޖަމިއްޔާތަކަށް ފައިސާ ހޯދުމާއި ދަރަންޏަށް ޒިންމާ ކުރުވުމުގެ އުސޫލުތައް ބަޔާން ކުރުމުގެ އިތުރުން އެ ތަންތަން ހިނގަމުންދާ ގޮތް ބަލައި، ޒިންމާދާރު ކުރުވުމާއި އުވައިލުމުގެ އުސޫލުތައް ބަޔާން ކުރުމަށް ކަމަށެވެ.

ބަޔާނުގައިވާ ގޮތުން ޖަމިއްޔާތައް ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ އުސޫލުތައް މިހާރަށް ވުރެ ހަރުުދަނާ ކުރުމަށްޓަކައި އާ ބަދަލުތަކެއް ބިލުގައި ހިމެނޭނެ އެވެ. އެގޮތުން، އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީ ކުރާ ޖަމިއްޔާތަޢް ވެސް އެ ބިލް، ގާނޫނަށް ވުމާ އެކު، އެ ގާނޫނުގެ ދަށަށް ބަދަލުވުމާއި އެހެން ގާނޫނުތަކުގެ ދަށުން އުފެދޭ ޖަމިއްޔާތައް އެ ގާނޫނެއްގެ ދަށުން ހިންގާ ގޮތަށް ކަނޑައެޅުމާއި ދެ ޖަމިއްޔާއެއް އެއްކޮށްލުމުގެ އުސޫލުތައް ބިލުގައި ހިމެނޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.

މީގެ އިތުރުން، ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާތަކުން ރާއްޖޭގައި ހަރަކާތްތައް ހިންގުމުގެ އުސޫލުތަކާއި ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާގެ ޒިންމާތައް ބަޔާން ކުރުމުގެ އިތުރުން ރަޖިސްޓްރާ އަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުން ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް ބަޔާނުގައިވެ އެވެ.

ޖަމިއްޔާތަކުން ކުރާ ގާނޫނާ ޚިލާފް ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ އުސޫލުތަކާއި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް،، ޖަމިއްޔާ އިން ކުރާ ގާނޫނާ ޚިލާފް ކަންކަން ހުއްޓުވުމުގެ ބާރު ވެސް ރަޖިސްޓްރާއަށް ދިނުން އެ ބިލުގައި ހިމެނޭނެ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

މިހާރު އަމަލު ކުރަނީ 2003 ވަނަ އަހަރު އަމަލުކުރަން ފެށި ޖަމިއްޔާތަކާ ގާނޫނަށެވެ. ސަރުކާރުން އަލަށް އެކުލަވާލި ބިލް ފާސްވުމާ އެކު، ކުރީގެ ގާނޫނު އުވޭނެ އެވެ.