Roadha Mihaaru

ޒުވާން މަސްވެރިޔާގެ މަރުން މީދު އަށް ސިހުން!

ދ. މީދޫ ޒުވާން މަސްވެރިޔަކު މަރުވުމާ އެކު އެ ރަށު ރައްޔިތުންނަށް ބޮޑު ސިހުމެއް ލިބިއްޖެ އެވެ.

ޒުވާން މަސްވެރިޔާގެ މަރުން މީދު އަށް ސިހުން!
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

26 އޮކްޓޯބަރ 2019

ދ. މީދޫ ޒުވާން މަސްވެރިޔަކު މަރުވުމާ އެކު އެ ރަށު ރައްޔިތުންނަށް ބޮޑު ސިހުމެއް ލިބިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މީދޫ، ވެލިފަރު، މުހައްމަދު އިސްމާއިލް (މޯޑު) 30، މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާ މަރުވެފައި ވަނީ ކެންސަރު ބަލީގައި މާލެ އައިސް، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކެންސަރާ ހަނގުރާމަ ކުރުމަށް ފަހު އެވެ.

މީދޫ މަސްވެރިންގެ ފޭސްބުކް ޕޭޖްގައި ބުނި ގޮތުގައި މުހައްމަދަކީ ޒުވާން ހީވާގި މަސްވެރިއެކެވެ. އޭނާއަކީ އެންމެންނާ ވެސް ގުޅޭ އެންމެންގެ އެކުވެރިއެއް ކަމަށް އެ ޕޭޖްގައި ލިޔެފައިވެ އެވެ.

އެއީ މަޑުމައިތިރި، އަހުލާގު ރަނގަޅު ޒުވާނެއް ކަމަށް ވެސް ޕޭޖްގައިވެ އެވެ.

"ދުއާ އަކީ މޯޑަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވުން،" މުހައްމަދުގެ ފޮޓޯއާ އެކު އާންމު ކުރި ފޭސްބުކް ޕޯސްޓްގައި ބުނެފައިވެ އެވެ.

މުހައްމަދަކީ މީދޫ މަސްވެރިންގެ ޕޭޖްގެ އެޑްމިނެއް ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.

މީދޫގެ ބައެއް މީހުން ކިޔައިދިން ގޮތުގައި އެ ރަށުގައި ތިބި ކުޅަދާނަ މަސްވެރިންގެ ތެރެއިން އެކަކީ ވެސް މުހައްމަދެވެ. އަދި މުހައްމަދު ފާހަގަ ކުރަނީ ނަމޫނާ ޒުވާނެއްގެ ގޮތުގައި ކަމަށް އެ މީހުން ބުންޏެވެ.

"ގެއްލިގެން ދިޔައީ ވަރަށް އަގު ހުރި ދަރިއެއް. މީދޫ ފަހުރުވެރިވާ ދަރިއެއް،" އެކަކު ކިޔައިދިނެވެ.

މުހަންމަދު މަރުވި އިރު އަންބަކާއި ކުއްޖަކު ހުރެ އެވެ.

އޭނާގެ ކަށު ނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށް ފަހު އާސަރަހާ މިސްކިތުގަ އެވެ.