27 އޮކްޓޯބަރ 2019
ސަރުކާރުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގަދަ ދުވަސްވަރު، ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ނަންގަވައި ވަކިވަކި ފުލުހުންތަކެއް ލައްވައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަން "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަކުން ކަށަވަރުވެއްޖެ އެވެ.
ސަރުކާރުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގަދަ ދުވަސްވަރު، ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ނަންގަވައި ވަކިވަކި ފުލުހުންތަކެއް ލައްވައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަން "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަކުން ކަށަވަރުވެއްޖެ އެވެ.
އޭގެ ތެރޭގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ސައިކަލްގައި ރޯކޮށްލުމާއި ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒްގެ އޮފީހުގައި ރޯކޮށްލަން އުޅުމާއި އެކި ތުހުމަތު އަޅުވައި ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކުރުމުގެ ރޭވުންތައް ހިންގުން ހިމެނެ އެވެ.
މި ޖަރީމާތައް ހިންގި ކަމުގެ ތުހުމަތު ކުރަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މަންފާ ލިބުނު އޮފިސަރުންނާއި ފުލުހުންނެވެ. މަންފާ ލިބުނު ފުލުހުންގެ ތެރޭގައި، ފުލުހުން މިހާތަނަށް ނަން ހާމަކޮށްފައި ނުވި ނަމަވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޚިޔާނާތާ ގުޅޭ މައުލޫމާތަކެއް "މިހާރު" އަށް ލިބިފައިވާ އިރު އޭގެތެރޭގައި، އަދީބު ފުލުހުންގެ މުއައްސަސާ ކޮންޓްރޯލް ކުރެއްވި ގޮތް ހިމެނެ އެވެ. ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ގާނޫނާ ޚިލާފު އަމަލުތަކަށް މަގުދެއްކެވި އެއް ބޭފުޅަކީ، އެ މައުލޫމާތުތަކުގައިވާ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. އެކަމަކު މި ތުހުމަތު "މިހާރު" އިން ގުޅުމުން އޭނާ މިއަދު ދޮގު ކުރެއްވި އެވެ.
ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ޖެހޭ މުއައްސަސާގެ ހާލަތު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ގޯސްކޮށެވެ. ސިޔާސީ ނުފޫޒު ފޯރާފައިވާ ތަހުގީގުތަކާއި މީހުން ހައްޔަރުކުރުން ފަދަ ކަންކަން އެއީ ހިނގި ކަންކަމެވެ. އަދީބާއި ހުސެއިން ވަހީދުގެ މުއާމަލާތުތަކެއް "މިހާރު" އަށް ލިބިފައިވާ އިރު، ދެ ބޭފުޅުން ވެސް ވިސްނުން ގެންގުޅުއްވި ގޮތް އޮތީ ފެންނާށެވެ!
އަދީބާއި ހުސެއިން ވަހީދުގެ އެންމެ މުހިއްމު އަމާޒަކީ، ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމެވެ. ނަތީޖާއަކަށް ވީ، ގާނޫނާ ޚިލާފު އަމަލުތަކަށް ފުލުހުން ލައްވައި އަރައިގަތުމެވެ.
ފުލުހުންގެ އިންޓެލިޖެންސް ހުރިހާ މައުލޫމާތެއް ހުސެއިން ވަހީދު، އަދީބަށް ފޯރުކޮށްދެއްވި އެވެ. ބައެއް ކަންކަން ރައީސް ޔާމީނަށް އަންގަވަންވީތޯ ވެސް އައްސަވައި އަދީބުގެ އަރިހުން ލަފާ ހޯއްދަވާފައިވާ ކަން ދެ ބޭފުޅުންގެ މުއާމަލާތްތަކުން އެނގެ އެވެ. އަދި ބައެއް ކަންކަން ހިނގީ ޔާމީނަށް ވެސް އެނގިވަޑައިގެންނެވެ.
އިދިކޮޅު ސިޔާސީ ބޭފުުޅުންގެ ބައްދަލުވުންތައް ބާއްވާ ތަނާއި ބައެއް ފަހަރަށް ދެއްކެވީ ކޮން ވާހަކަތަކެއް ކަން ވެސް ހޯއްދަވައި އަދީބަށް ފޯރުކޮށްދެއްވަ އެވެ. ހުސެއިން ވަހީދަށް އެނގިވަޑައިގެން، އަދީބު ފުލުސް އޮފީހުގެ ކޮންޓްރޯލް ނެންގެވުމާ އެކު ކިތަންމެ ކުޑަ ކަމެއް ވެސް ފުލުހުންގެ ތެރޭގައި ހިންގީ އޭނާގެ ހުއްދައާ އެކުގަ އެވެ. ސިޔާސީ ބައެއް ބޭފުޅުންނަށް ކުރިމަތިވި ނުރައްކާތަކާ ގުޅިގެން ސިކިއުރިޓީ އަށް އެދުމުން ވެސް އެކަން ފުރަތަމަ ހިއްސާކުރަނީ އަދީބަށެވެ.
ގެއްލިގެން ހޯދަމުން ދިޔަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދައިދޭން އާއިލާ އާއި ރަހުމަތްތެރިން މަސައްކަތް ކުރަމުން ދިޔައިރު ވެސް ހުސެއިން ވަހީދު ވަނީ އަދީބު ރުއްސަން، ސިޔާސީ ގޮތުން ފައިދާ ނެގިދާނެ ޚިޔާލުތައް ހުށަހަޅުއްވައިފަ އެވެ. ރިލްވާނާ އެންމެ ފަހުން، ފެރީން ބައްދަލުވީ ދީން ގަބޫލުނުކުރާ މީހެއް ކަމަށާއި އެ ވާހަކަ އާއްމު ކުރުމަކީ އެ ވަގުތުގައި ސަރުކާރަށް މުހިއްމު "ޕޮލިޓިކަލް ސްޓަންޓަކަށް" ވާނެ ކަމަށް ވެސް ހުސެއިން ވަހީދު އަދީބަށް މެސެޖްކޮށްފައިވެ އެވެ.
ރޯކުރުމާއި ބިރު ދެއްކުންތަކެވެ. މީހުންނަށް އިންޒާރު ދިނުމެވެ. ބަދުނާމު އަޅުވައި ހައްޔަރު ކުރުމެވެ. މި ޖަރީމާތައް ހިންގީ މުޅި މުއައްސަސާ ޝާމިލްވެގެން ނޫނެވެ. އަދީބަށް 100 ޕަސެންޓް އިތުބާރު އޮންނަ މަދު އޮފިސަރުންތަކެއް ލައްވަ އެވެ. ފުލުހުންގެ އިންޓެލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ އިތުރުން ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް)ގައި ވެސް އަދީބުގެ އަމުރު ތަންފީޒުކުރާ ބަޔަކު ތިބެ އެވެ.
އެ އޮފިސަރުންނަކީ އަދީބާ ދެކޮޅަށް އަމިއްލަ އެޖެންޑާއެއް ކުރިއަށް ނުނެރޭނެ ކަމުގެ ޔަގީންކަން އޮންނަ މީހުންނެވެ. އަދީބާ ގާތް ގުޅުމެއް އޮތް، އެސްއޯގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް (ޑީޑީ) އާއި ސްވޮޓްގެ ކޮމާންޑަރު، ހުސެއިން ސައިފު ވަނީ ތުހުމަތުތަކަކާ އެކު މަގާމުން ވަކިކޮށްފަ އެވެ.
އަދީބުގެ އޯޑަރު ތަންފީޒުކުރުމުގައި އިސްކޮށް އުޅުނީ މި ދެ ފުލުހުންނެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ސައިކަލްގައި ރޯކޮށް ގެއްލުން ދިނީ ވެސް އަދީބަށް އެނގިވަޑައިގެންނެވެ.
ރިޔާޒަށް ހަމަލާ އަމާޒުކުރީ، ފުލުހުން ހިންގާ ކަންކަމާ ބެހިވަޑައިނުގެން ދުރުގައި ހުންނެވުމުގެ އިންޒާރެއްގެ ގޮތުގަ އެވެ. އޭނާ އަށް ފުލުހުންގެ ތެރޭގައި ހިނގައިދިޔަ ޖަރީމާތަކުގެ މައުލޫމާތު އެނގިވަޑައިގަތުމަކީ، އަދީބުގެ ޓީމަށް ކުރިމަތިވި ބިރެކެވެ. ސައިކަލްގައި ރޯކޮށްލުމަށް ފަހު، އެކަން އަދީބަށް އަންގަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގާ ކަން އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ނިޔާޒަށް އެނގިވަޑައިގަތުން ވީ އަދީބަށް ނުރައްކާ ބޮޑުވި ކަމަކަށެވެ. އެ ރުޅިގަނޑުގައި އޮޑިޓް އޮފީސް ރޯކޮށްލަން ވެސް އަދީބު މެސެޖް ކުރައްވާފައި ވެ އެވެ. އަދީބުގެ އެންގުމަށް ފުލުހުން ނިޔާޒަށް ފާރަލައި ހެދި އެވެ.
ފުލުހުން ހިންގި ޖަރީމާތައް ރޭކާލާ ފުލުހަކު ހުރި ނަމަ އެ މީހަކަށް ވެސް ފާރަލަ އެވެ. ކޮފީ ބައްދަލުވުންތަކާއި ކެއުންތަކުގައި އެއް އޮފިސަރަކު އަނެއް އޮފިސަރަކާ މަޖަލަށް ދައްކާ ވާހަކަތައް ވެސް އަދީބުގެ ކަންފަތާ ހަމައަށް ދެ އެވެ.
ގާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅު ހައްދަވާ އޮފިސަރަކު ހުރި ނަމަ އެ މީހެއްގެ ބާރުކަނޑުވާލައި އެކަހެރި ކުރުމުގެ ވިސްނުން ވެސް ގެންގުޅުނު ކަން މެސެޖްތަކުން އޮތީ ފެންނާށެވެ.
ގާނޫނާ ޚިލާފު މި އަމަލުތަކާ ހެދި ސަރުކާރަށް ޕްރެޝަރު ބޮޑުވުމަކީ ހުސެއިން ވަހީދަށް ވެސް ޕްރެޝަރު ބޮޑުވި ކަމެކެވެ. ސަރުކާރާ ދެކޮޅަށް ރިޕޯޓް ނެރޭތީ، ރާއްޖެ ޓީވީ އަށް ކޮންމެވެސް ފިޔަވަޅެއް އަޅަން ހުސެއިން ވަހީދު އެދިވަޑައިގަނެ އެވެ. އަަނެއްކާވެސް ރޯކޮށްލަން ވީއޭ އަދީބު ވިދާޅުވުމުން، ހުސެއިން ވަހީދު އެކަމަށް އެއްބަސްވެވަޑައެއް ނުގަތެވެ. އޭނާ އެދިވަޑައިގަތީ ބައެއް ކުންފުނިތަކުން ދޭ ސްޕޮންސާތައް ހުއްޓާލަން ބާރުއެޅުމަށެވެ.
އެގޮތަށް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަދީބު ދެއްވަ އެވެ.
ގާނޫނީ އިމުން ބޭރުވެ، ވަކިވަކި ފުލުހުން ލައްވައި ހިންގަމުން ދިޔަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރައްވަން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އުޅުއްވި އެވެ. އަދީބަކީ "ގޭންގް ލީޑަރެއް" ކަމުގެ ތުހުމަތުތަކަކާ އެކު އުމަރުގެ އުނދަގޫ ބޮޑުވި އެވެ.
އަދީބަށް ކުރިމަތިވި ބިރަކީ، ފުލުހުންގެ އޮފިސަރުންތަކެއް ލައްވައި އޭނާ ހިންގެވި ގާނޫނާ ޚިލާފު އަމަލުތައް އުމަރު ތަހުގީގުކޮށްފާނެ ކަމުގެ ބިރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން، އުމަރުގެ "ފިޔަކޮށާލައި" ފުލުހުންނަށް އަމުރު ކުރުމުގެ ބާރު އޭނާގެ އަތުން ނެންގެވީ، އަދީބު އުމަރަށް ދެއްވި އިންޒާރުތަކަކާ އެކުގަ އެވެ.
އުމަރު، ބައެއް ކަންކަން، ތަހުގީގު ކުރައްވަން އުޅުއްވި ކަން ހުސެއިން ވަހީދާ އެކު އަދީބު ދެއްކެވި ވާހަކަތަކުން އެނގެ އެވެ.
އަދީބު، އުމަރަށް ގުޅުއްވައި އިންޒާރު ދެއްވި ކަން ހުސެއިން ވަހީދުގެ ސަމާލުކަމަށް ގެންނެވުމުން އޭނާ އެކަން ހިއްސާކުރެއްވީ އަދީބަށެވެ. އަދީބުގެ އިންޒާރުގެ ކުރިން ވެސް ފުލުހުން މުއައްސަސާ ތެރެއިން އަދީބަށް ހުރަސްތަކެއް ހުރުމުން، އެކަމާ ހިތްހަމަޖެހިވަޑައިނުގެން އަދީބު ހުސެއިން ވަހީދަށް ޝަކުވާ ކުރެއްވި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު.---ފޮޓޯ: ރައީސް އޮފީސް
އުމަރު އެކަހެރިކުރުމާ އެކު، އެސްއޯ އާއި ސްވޮޓް މެދުވެރިކޮށް ގާނޫނާ ޚިލާފު އޮޕަރޭޝަންސްތައް ހިންގަން އަދީބަށް ޖާގަ ލިބުނެވެ. ކޮމާންޑަރެއްގެ ގޮތުގައި އަދީބު ހުންނަވައި ފުލުފުލުގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގެވި އެވެ.
ވަކި ހިސާބަކުން ހުސެއިން ވަހީދަށް ވުރެ ވެސް ސްވޮޓާއި އެސްއޯ ޓީމުގެ ބާރު ގަދަވި އެވެ. އެ ޓީމުތައް ލައްވައި އަދީބު ހިންގެވި ބައެއް އޮޕަރޭޝަންތަކުގެ މައުލޫމާތު ހުސެއިން ވަހީދަށް އެނގިވަޑައިނުގަންނަވާ ކަން ވެސް ބައެއް މެސެޖްތަކުން އެނގެ އެވެ. ހުސެއިން ވަހީދުގެ "ފިނޑިކަމުން" ހިތްހަމަނުޖެހި އަދީބަށް އޭނާގެ ލޯޔަލް އޮފިސަރުން ޝަކުވާ ވެސް ކޮށްފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނީ، އަދީބު ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ނަންގަވާފައި ވަނިކޮށެވެ. އެއީ އަދީބުގެ ހަމަލާއެއް ކަމުގެ ތުހުމަތާ އެކު އޭނާ ހައްޔަރުކޮށް، ހުސެއިން ވަހީދު ވެސް މަގާމުން އެކަހެރިކުރީ އެވެ.
އޭނާ އަށް ތުހުމަތު ކުރެވުނު ކަންކަމުގެ ތަހުގީގެއް ހިންގުމެއް ނެތި، ބަދަލުކުރީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ޖަރީމާތަކުން ނަން ކިލަނބުވި މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ގެއްލުނު އިތުބާރު އަނބުރާ ހޯދުމަކީ، ގޮންޖެހުން ބޮޑުވާނެ ކަމެކެވެ.
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ޔާމީނަށް 1.4 ބިލިއަނުގެ މަނީލޯންޑަރިން ތުހުމަތު
ދައުލަތާ އެކު ވީ އެއްބަސްވުމާ އަދީބު ޚިލާފުވެއްޖެ!
އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ނުނެރެދިން!
ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ
އަދީބާއި ޒިޔަތު މިނިވަންކޮށްފި
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
ފުއްގިރި ޑީލްގެ މަޝްވަރާގައި ބޮންޑޭ ބައިވެރިވި: އަދީބު
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި