Roadha Mihaaru
އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ނުނެރެދިން!

އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ސުޕްރީމް ކޯޓުން ނުނެރެދިން!

04 އޯގަސްޓް 2019

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި އޮއްވައި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި އޮއްވައި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ބިޝާމް "މިހާރު" އަށް ވިދާޅުވީ އަދީބުގެ ޚިޔާނާތުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރިއިރު ދެ އަމުރެއް ނެރެދޭން މިދިޔަ ޖޫން ދެ ވަނަ ދުވަހު އެދިވަޑައިގަތް ކަމަށެވެ. އެއީ، އަދީބު ފިއްލެއްވުމުގެ ފުރުސަތު އޮތުމުން ބަންދުގެ އަމުރަކާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކަަމަށް ވިދާޅުވި އެވެ.

މީގެެ ތެރެއިން ސުޕްރީމް ކޯޓުން ނެރެދީފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެވެ. ބަންދުގެ އަމުރާ މެދު މިހާތަނަށް ވެސް ގޮތެއް ނުނިންމަ އެވެ.

"ބަންދުގެ އަމުރު [ސުޕްރީމް ކޯޓުން] ނެރެދެއްވާފައި ނުވާ ސަބަބެއް ވެސް އަންގަވައި ދެއްވައިފައެއް ނުވޭ،" ބިޝާމް ވިދާޅުވި އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އިއްވި 15 އަހަރުގެ ޖަލު ޖަލު ހުކުމާއި ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އިއްވި އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކުރި އަމުރެވެ. އަދީބު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ އެ މައްސަލައިގެ ޝަރީއަތުގެ ތެރޭގަ އެވެ.

ޚިޔާނާތާއި އެ ނޫން ވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ އަދީބަށް ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ. އެކަމަކު މި ހުރިހާ ހުކުމްތަކެއް ކުއްލި ގޮތަކަށް ބާތިލްކުރުމާ އެކު އެމަނިކުފާނު ވަނީ މިނިވަންވެފަ އެވެ.

އެކަމަކު ދައުލަތުގެ ފައިސާ އެކުވެރިންގެ ކުންފުންޏަށް ޖަމާކޮށް މަނީ ލޯންޑަރިން ހިންގެވި މައްސަލަ ފުލުހުން އައީ ތަހުގީގު ކުރަމުންނެވެ. އަދީބު މިދިޔަ ހޮނިހިރު ދުވަހު ފިއްލެވީ މި ތަހުގީގުތަކަށް އެއްބާރުލުން ދެއްވަމުން ގެންދެވުމަށް ފަހު އެވެ.

އަދީބު ތަހުގީގު ކުރިއަށް ގެންދަން އެންމެ ފަހުން ޝެޑިއުލްކޮށްފައި އޮތީ މިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހާ ހަމައަށް އަދީބު މާލޭގައި ހުންނެވި ކަން ސާބިތުކޮށްދޭން އެމަނިކުފާނުގެ ފޯނުން ބައެއް މީހުންނާ މުއާމަލާތްކޮށްފައިވެ އެވެ. އެކަމަކު އެއީ ސީދާ އެމަނިކުފާނު ކަމެއް ނުވަތަ ފިއްލެވުމުގެ ބައިވެރިވި ކަމަށް ތުހުމަތުކުރާ މީހުން ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ފުލުހުން އެމަނިކުފާނު ހޯދަން ފެށީ، ތަހުގީގަށް ހާޒިރުވެވަޑައިނުގަތުމުންނެވެ.

އަދީބު އަތުލައިގަތީ ފަޅުވެރިއަކަށް ވެވަޑައިގެން، ޓަގު ބޯޓުގައި ދަތުރު ކުރައްވަނިކޮށް ކަނޑުމަތިން އިންޑިއާގެ ސިފައިންނެވެ.

ރާއްޖެއިން ބޭރަށް އެމަނިކުފާނު ދަތުރު ކުރެއްވީ ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ "ވާގޯ" ކިޔާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާގެ ފަޅުވެރިޔާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

އެމަނިކުފާނު ޕްލޭން ކުރައްވާފައި އޮތީ، އެއް ބަޔަކު ލަފާ ކުރައްވާ ގޮތުގައި، އިންޑިއާ އަށް ވަޑައިގަތުމަކަށް ނޫނެވެ. ކަނޑުގެ ވަކި ހިސާބަކުން ސްރީ ލަންކާގެ އުޅަނދަކަށް ނަގައިގެން އޭނާ ލަންކާ އަށް ގެންގޮސް، އެ ގައުމުން ޔޫރަޕްގެ ކޮންމެވެސް ހިސާބަކަށް ވަޑައިގަތުމަކީ އަސްލު ރޭވުން ކަމަށް، އެއް ބަޔަކު ބުނެ އެވެ. އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ލަންކާގެ އެ ބޯޓަށް "ވާގޯ 9" އޮތް ހިސާބަށް ދެވޭ ގޮތެއް ނުވީ ކަމަށް ވާހަކަ ދެކެވެ އެވެ.