Roadha Mihaaru
ލޯންޗެއްގައި ހުއްޓާ އިރުފާނު ހައްޔަރުކޮށްފި

ހާލުގައި ޖެހުނު ލޯންޗެއްގައި ހުއްޓާ އިރުފާނު ހައްޔަރުކޮށްފި

26 އޮކްޓޯބަރ 2019

މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރާލި އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދުގެ މަރުގެ މައްސަލައިގައި ހޯދަން އިއުލާން ކުރި އިރުފާން ރުޝްދީ ރޭ ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރާލި އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދުގެ މަރުގެ މައްސަލައިގައި ހޯދަން އިއުލާން ކުރި އިރުފާން ރުޝްދީ ރޭ ހައްޔަރުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިރުފާން ހައްޔަރު ކުރީ އޭނާ އާއި އިތުރު ތިން މީހަކު ގދ. ތިނަދޫން ފުރައިގެން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެންނެވެ. "ބްލޫ ވޭލް" ނަމަކަށް ކިޔާ 36 ފޫޓުގެ ލޯންޗު ގދ. ކާޑެއްދޫގެ 12 މޭލު ބޭރުގައި އޮއްވައި ތެޔޮ ހުސްވުމާ ގުޅިގެން އިންޖީނު ހުއްޓިފައިވެ އެވެ. އެކަން ރޭ ދަންވަރު އެކެއް ޖަހަނިކޮށް އެންމެ ފުރަތަމަ އެންގީ އެމްއެންޑީއެފް ކޯސްޓްގާޑަށެވެ.

އިރުފާން ލޯންޗު ތެރޭގައި އިން ކަން ފުލުހުންނަށް އެނގުނީ އޭގައި ތިބި މީހުންގެ ނަންތަކުގެ ލިސްޓު ލިބުމުންނެވެ. އެއާ އެކު، އެމްއެންޑީއެފުން ވަނީ އިރުފާން ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ ލޯންޗުގައި ތިބި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިރުފާން ހޯދުމަށް ޖޫން، 2016 ގައި ފުލުހުން ވެސް އިއުލާން ކުރި އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އޭނާ ނުފެނެ އެވެ.

ފާތިރު މަރާލުމުގެ އެއް އަހަރު ކުރިން އިރުފާން 2015 ގައި ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް 2016 ވަނަ އަހަރު މާރާމާރީ ހިންގި އިރު، އޭނާ އެތަނުގައި އުޅޭ ތަން ސީސީޓީވީ ފޓޭޖުން ފެންނަ ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.

ޖޫން 2016 ގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ، މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.

ފާތިރު މަރާލީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުންނެވެ. ފުލުހުން އޭރު ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ.