Roadha Mihaaru
އިރުފާންގެ މައްސަލަ: އިމިގްރޭޝަނާއި ފުލުހުން ކޮބާ؟

އިރުފާންގެ މައްސަލަ: އިމިގްރޭޝަނާއި ފުލުހުން ކޮބާ؟

28 އޮކްޓޯބަރ 2019

އިރުފާން ރުޝްދީގެ މައްޗަށް ކުރެވޭ ތުހުމަތު ނުރައްކަލެވެ. އެކަމަކު އުމުރުން 25 އަހަރުގެ މި ޒުވާނާ ނުފެނި، އަތުލެނުލެވި އުޅޭތާ އަހަރުތަކެއް ވެ، އޭނާ ވީ ތަނަކާ މެދު ކަމާ ބެހޭ އިދާރާތަކުގައި ވެސް އޮތީ ސުވާލު މާކެއް ޖެހިފަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ، އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް ސަލާމަތްކުރި ލޯންޗެއްގެ ތެރެއިންނެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިރުފާން ރުޝްދީގެ މައްޗަށް ކުރެވޭ ތުހުމަތު ނުރައްކަލެވެ. އެކަމަކު އުމުރުން 25 އަހަރުގެ މި ޒުވާނާ ނުފެނި، އަތުލެނުލެވި އުޅޭތާ އަހަރުތަކެއް ވެ، އޭނާ ވީ ތަނަކާ މެދު ކަމާ ބެހޭ އިދާރާތަކުގައި ވެސް އޮތީ ސުވާލު މާކެއް ޖެހިފަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ، އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް ސަލާމަތްކުރި ލޯންޗެއްގެ ތެރެއިންނެވެ.

އިރުފާން ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އެކަމަކު އެއީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ބެހޭ ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނަށް ލިބުނު ހަމަޖެހުމެއް ކަމަށް ބަލައިގެން ތިބެވިދާނެތޯ ސުވާލު އުފެދެ އެވެ: ފާތިރު މުހައްމަދު ،14، މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިރުފާން ހޯދަން ކޮމިޝަނުން އިއުލާންކުރި އިރު، އޭނާ ރާއްޖޭގައި ނެތްކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދެއްކުމަކީ ނުރައްކަލެކެވެ.

ގޭންގް ހަމަނުޖެހުންތަކެއްގެ ތެރެއިން ފާތިރު މަރާލުމުގެ ތުހުމަތު އެޅިފައި ހުރި މީހަކު، ރާއްޖޭގައި އުޅެނިކޮށް އޭނާ ރާއްޖެއިން ބޭރުގައި ވީ ކަމަށް އިމިގްރޭޝަންގެ ރެކޯޑްތަކުން ދެއްކުން މައްސަލައަކަށް ވުމުގެ އިތުރުން ކަމާ ބެހޭ އެހެން މުއައްސަސާތަކުގެ އަޅާލުން ކުޑަކަން ނުވަތަ ގަސްދުގައި އަޅާނުލުމުގެ ނުބައިކަން ވެސް ފެންނަން އެބަ އޮތެވެ. މިސާލަކަށް، އޭނާ ހޯދަން ފުލުހުން އިއުލާންކުރި ފަހުން ދ. މީދޫގައި ކައިވެންޏެއްކުރުމާއި އެހެން ރަށެއްގައި މި އޮތްހާ ދުވަހު ދިރިއުޅެވުނީ، ފުލުހުންގެ ވެސް ފަރުވާކުޑަވެގެންނެވެ.

ފިލައިގެން ތިން އަހަރު!

ރާނބާ ރެސްޓޯރަންޓް ކައިރިން މަޖީދީ މަގުގައި ހިންގި މާރާމަރީއެއްގައި ޖޫން 4، 2016 ގައި ފާތިރު މަރާލި އެވެ. އެ ގަތުލާ ގުޅިގެން އިރުފާންގެ އިތުރުން އިބާދަތު ލަތީފު، 15، ހޯދަން ފުލުހުން އިއުލާންކުރި އެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނަކަށް ފަހު، އިބާދަތު ހައްޔަރުކުރީ 20 ދުވަސް ފަހުންނެވެ. އިރުފާނުގެ ހަބަރެއް ނުވި އެވެ! އެކަމަކު ރިޔާސީ ކޮމިޝަނުން އޭނާ ހޯދަން އިއުލާންކުރިތާ ދުވަސްކޮޅެއް ފަހުން ކަނޑުމަތިން އިރުފާން ފެނުމުގެ ކުރިން، އޭނާ އެ އުޅުނީ ރާއްޖޭގެ އެކި ރަށްރަށުގައި ފިލައިގެން ކަމަށް ބެލެވެ އެވެ.

މިދިއަ ހުކުރުދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާ އިރު ލިބުނު އެހީއަކަށް އެދޭ ކޯލަކާ ގުޅިގެން، ކޯސްޓް ގާޑުގެ ސިފައިން ގޮސް، ކާޑެއްދުއާ 12 މޭލު ދުރުގައި އޮތް ލޯންޗެއް ސަލާމަތްކުރި އެވެ. "ބްލޫ ވޭލް" ނަމަކަށް ކިޔާ ލޯންޗުން ތެޔޮ ހުސްވެގެން ހާލުގައި ޖެހުނީ، ގދ. ތިނަދޫން މަސްވެރިކަމަށް ފުރައިގެން އުޅެނިކޮށް ކަމަށް ވެ އެވެ. އޭގައި ތިބީ ހަތަރު މީހެކެވެ.

ލޯންޗު ތިނަދުއަށް ގެންދިއުމާ އެކު ފުލުހުން އެއަށް އަރާ ޗެކްކުރި އެވެ. އެކަމަކު ހަތަރު މީހުންގެ ތެރޭގައި އިރުފާން އިންކަން އެނގުނީ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ޗެކްކުރުމުން ކަމަށް، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މީގައި ނޭނގޭ ކަމަކީ ހަގީގަތުގައި ވެސް ލޯންޗު ނުކުތީ މަސްވެރިކަމަށްތޯ އެވެ؟ ނުވަތަ އެއީ އިރުފާން ފިލުވުމުގެ ދަތުރެއް ހެއްޔެވެ؟ މި ސުވާލުތަކަށް ފުލުހުން އަދި ޖަވާބެއް ނުދެ އެވެ. އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ހާމައެއްނުކުރެ އެވެ.

އިރުފާން ހޯދަން ރިޔާސީ ކޮމިޝަނުން ބޭނުންވެގެން އިމިގްރޭޝަނުން ލިބުނު މައުލޫމާތުތަކުން އެނގުނީ، ފާތިރު މަރާލުމުގެ ކުރިން، 2015 ގައި ރާއްޖެ އިން ބޭރަށް އޭނާ ދިޔަ ފަހުން އެނބުރި ރާއްޖެ އައިސްފައި ނުވާ ކަމެވެ. އެކަމަކު ރިޔާސީ ކޮމިޝަނުން ބުނަނީ ފާތިރު މަރާލުމުގެ ހަމަލާ ދިން ތަނުގައި އިރުފާން ހުރިކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ އިރުފާން ހަގީގަތުގައި ވެސް ބޭރަށް ދިޔަ ހެއްޔެވެ؟ ނުވަތަ އޭނާ ބޭރަށް ދިޔަކަން ދައްކަން އިމިގްރޭޝަންގެ އެތެރެއިން ބަޔަކު ސިސްޓަމާ ކުޅުނީ ހެއްޔެވެ؟ ނުވަތަ އޭނާ ބޭރަށް ގޮސް، އިމިގްރޭޝަންގެ ރެކޯޑްތަކަށް ނާރާ ގޮތަށް ރާއްޖެ އައީ ހެއްޔެވެ؟ ނުވަތަ އެ މައުލޫމާތު ފޮހެލީ ހެއްޔެވެ؟

މި ސުވާލުތަކަށް އިމިގްރޭޝަނުން އަދި ޖަވާބެއް ނުދެ އެވެ. އެކަމަކު އިމިގްރޭޝަން ކަހަލަ ގައުމީ ސަލާމަތާ ވަރަށް ބޮޑަށް ގުޅިފައިވާ އިދާރާތަކުގެ އެތެރޭގައި އަބަދުވެސް ކޮންމެވެސް ބަޔަކު ގާނޫނު ހިލާފު ކަންކަންކުރާ ކަމުގެ ތުހުމަތު އޮންނަނީ އެޅިފަ އެވެ. ގައުމުގެ ހާލަތާ މެދު ކަންބޮޑުވާ އާންމު ރައްޔިތުންގެ ނުރުހުން އަމާޒުވެ އެވެ.

"މިއީ ހަމަ ކަނޑައެޅިގެން އިމިގްރޭޝަނާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއް. އިމިގްރޭޝަންގެ އޭރުގެ އިސް ފަރާތްތަކާ ސުވާލު ކުރެވެން ޖެހޭ،" އިރުފާން ހައްޔަރުކުރި ހަބަރަށް ކޮމެންޓްކުރި ކިއުންތެރިޔަކު ލިއުނެވެ.

އިމިގްރޭޝަން، ފުލުހުން ކޮބާ؟

ތަޖުރިބާކާރު ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި އިމިގްރޭޝަންގެ ތެރެއިން މީހެއްގެ މައުލޫމާތު އެގޮތަށް އޮޅުވާލާފައި އޮތް ނަމަ އެއީ ބޮޑު މައްސަލައެކެވެ. ބޮޑެތި ތަހުގީގުތަކަށް ބޭނުންވާ މީހުން ފިލުވުމުގައި އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ ދައުރު އޮތްކަން، ސެޕްޓެމްބަރު 29، 2007 ގައި، ސަލްޓަން ޕާކް ބޮމުގެ ހަމަލާއަށް ފަހު ވެސް އެނގުނެވެ. އެ ޓެރަރިސްޓް ހަމަލާގައި ތުހުމަތުކުރެވޭ ބަޔަކު ރާއްޖެ އިން ބޭރަށް ފުރުވާލީ އިމިގްރޭޝަންގެ މުވައްޒަފެކެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.

އިރުފާން ހޯދަން ފުލުހުން އިއުލާންކޮށް، ތިން އަހަރު ވީ އިރު ވެސް އޭނާއާ ބެހޭ މައުލޫމާތެއް ފުލުހުން ހާމަނުކުރުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، އަނެއް މައްސަލަ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވާއިރު ފިލައިގެން އުޅޭ މީހުން ހޯދަން ފުލުހުންނަށް ވެސް ފަސޭހަވާނެ ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސަށް، އެފަދަ ނުރައްކާތެރި ކުށްވެރިންނާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[މިސާލަކަށް ބޭރަށް ގޮސް] އިރުފާން މާލެ އައިސް އުޅޭ ކަން ފުލުހުންނަށް އެނގޭނެ ގޮތްތަކެއް ހުންނާނެ. އޭނާ ދަންނަ މީހުން ވަރަށް ގިނަވާނެ. އެހެންވީމަ ކާކު ކަން ނޭނގޭ ގޮތަށް އައިޑެންޓިޓީ ބަދަލުކޮށްގެން އުޅެފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އެ ވަކީލް ވިދާޅުވި އެވެ

"އިމިގްރޭޝަންގެ އިހުމާލުން މިކަން ދިމާވި ނަމަ، އެ އެނގެނީ އެތަނުގެ ތެރޭގައި ކޮރަޕްޝަން އޮތްވަރު. މިއީ ގައުމީ ސަލާމަތަށް ކިހާ ބޮޑު ނުރައްކަލެއް ކަން އެނގެނީ. މިއުޅެނީ މުޖުތަމައު އަށް ނުރައްކާތެރި މީހެއްގެ ރިކޯޑްސްތައް ނުބެލެހެއްޓިގެން. މިއީ ފަރުވާ ކުޑަކުރުމުގެ ނަތީޖާ."

އިރުފާންގެ މައްސަލައަކީ، ކަންކަން ވަމުން ދިޔަ ގޮތަށް ބަލާއިރު ގައުމީ ބޮޑު މައްސަލައަކަށް މި އޮތީ ވެފަ އެވެ. އެކަމަކު ދައުލަތުގެ މުއައްސަސާތަކުން އެކަމާ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނެ އެވެ. އިމިގްރޭޝަނާއި ފުލުހުން، އިސްނަގައިގެން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.