Roadha Mihaaru

ރާއްޖެ އަމާންތަނަކަށް ހަދައިދޭނަން: އިބޫ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު އަނެއްކާވެސް މާރާމާރީތައް އާއްމުވެފައިވާއިރު، ކުރިމަގުގައި ރާއްޖެ އަކީ އަމާން ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަމާންތަނަކަށް ހަދައިދޭނަން: އިބޫ
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

11 އޮކްޓޯބަރ 2018

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު އަނެއްކާވެސް މާރާމާރީތައް އާއްމުވެފައިވާއިރު، ކުރިމަގުގައި ރާއްޖެ އަކީ އަމާން ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައި ވަނީ މަރާލައިފަ އެވެ. އަދި އިއްޔެ މެންދުރު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު، މިދިޔަ ހަފުތާގައި މާލެ އާއި އައްޑޫގައި ވެސް ވަނީ މާރާމާރީތަކެއް ހިންގައި، ދެ ޒުވާނަކަށް ހަމަލާދީފަ އެވެ.

އަދި މިދިޔަ މަހުގެ ތެރޭގައި ވެސް 18 އަހަރުގެ ޒުވާނަކަށް މާލޭގައި ވަޅިން ހަމަލާދީ މަރާލާފައިވާއިރު، އޭގެ ފަހުން ޏ. ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި، ރ. ދުވާފަރުގައި ޒުވާނެއްގެ ބަނޑަށާއި ބުރަކައްޓަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވެ އެވެ.

އެކަން ފާހަގަ ކުރައްވައި، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަންގެ އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީތައް އާއްމުވެ، ކުޑަކުދިން މާލޭގެ މަގުތަކުގައި މަރައިލުމުން، ކަންކަން ފާލުން ނެއްޓި، ބޮއްސުން ލާފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތް ކޮށް، ރާއްޖެ އަމާންތަނަކަށް ހަދައިދޭނަން،" ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

އިބޫ ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ދުވަސްވަރު ވެސް މި މައުލޫއަށް އެކި ފަހަރު މަތިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. އަދި މާރާމާރީތައް ހުއްޓުވައި، ކުށްވެރިންނަށް އެކަށީގެންވާ އަދަބުދީ، ރާއްޖެ އަމާންތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ.

މިހާރު ހިންގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހުރިހާ މާރާމާރީތަކެއް ވެސް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް، މާރާމާރީ ހިންގާ މީހުން ހޯދައި، މާރާމާރީތައް މަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެތަނުން ބުންޏެވެ.

ފުލުސް އޮފީހުން ބުނީ، މާރާމާރީތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މާލެ އާއި އައްޑޫގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާލެ އާއި އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން މިހާތަނަށް، ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ، އަދި މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.