Roadha Mihaaru
އިއްބެ މަރާލީ މާލެ އައިތަނުން ދިން ހަމަލާގައި!

އިއްބެ މަރާލީ މާލެ އައިތަނުން ދިން ހަމަލާގައި!

02 ސެޕްޓެމްބަރ 2018

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ހަމަލާދީ މިދިޔަ ހުކުރު ދުވަހު މަރާލި އިބްރާހިމް އާގިލް (އިއްބެ)، 18، އަށް ހަމަލާދިނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައި ތަނުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ހަމަލާދީ މިދިޔަ ހުކުރު ދުވަހު މަރާލި އިބްރާހިމް އާގިލް (އިއްބެ)، 18، އަށް ހަމަލާދިނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައި ތަނުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިއްބެގެ އާއިލާއާ ގާތް މީހަކު ބުނީ، މާލެ އަތޮޅުގެ ރަށަކަށް ދެތިން ދުވަހަށް އޭނާ ދިޔައީ އެ ރަށުގައި އުޅޭ އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރުމަށް ކަމަށެވެ. އެ އަންހެން ކުއްޖާ އަށް ނުރައްކަލެއް ވެދާނެތީ އެ ރަށުގެ ނަން ހާމަނުކުރަން އާއިލާގެ ގާތް މީހާ އެދުނެވެ.

ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް އިއްބެ ފޭބިއިރު އޭނާއަށް ހަމަލާދިނުމަށް އެ ވަގުތު އެތަނުގައި މީހުން ތިބި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ހަމަ އައިސް ފޭބިތަނާ އެ މީހުން އެ ހަމަލާ ދިނީ. މެއަށް ވަޅި ހަރާ ހަމަލާ ދިނީ. ބޮޑަށް ބެލެވެނީ އުޅޭތަން ބަލައި ފާރަ ލައިގެން ތިބެ މާލެ އައިތަނުން ކުރި ކަމަކަށް،" އާއިލާގެ ގާތް މީހާ ބުންޏެވެ.

އިއްބެއަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ލެއިން ފޯވެފައިވާ އިއްބެ އެމްއެމްއޭ ސަރަހައްދުން ޗާންދަނީ މަގަށް ވެއްޓިފައި އޮއްވަ އެވެ. އެ ވަގުތު އެތަނުގައި މީހުން އުޅެ އެވެ. އޭނާ އަށް ފަރުވާ ދިނުމަށް ގެންދަން މަސައްކަތް ކުރާ މަންޒަރެއް ވެސް އެ ވީޑިއޯއިން ނުފެނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އެތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ސެކިއުރިޓީ ވަރުގަދަކޮށް ބަލަހައްޓާ ގްރީން ޒޯންގައި އިއްބެ މަރާލި ހާދިސާއާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން އިއްބެ އަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ޒުވާނެކެވެ. އަދި މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތު އޭނާ އަށް ކުރެ އެވެ.

އިއްބެ އަކީ އޭނާގެ އާއިލާގެ ފަސް މެމްބަރުންގެ ތެރެއިން އެންމެ ހަގު މީހާ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މަރާލި އިއްބެ.--

ތޫނު އެއްޗަކުން ހަމަލާދީ މަރާލި އިއްބެ.--

އިއްބެ މަރާލީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގެ ގްރޫޕުތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގަމުން ދަނިކޮށެވެ. އެގޮތުން އެކެއްގެ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭޑީކޭގައި ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާފަންނު ސަހަރާ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލާފައި ވެ އެވެ.

ފުލުހުންގެ އިސްވެރިއަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވީ މާލޭގައި މިހާރު ހިންގަމުން އަންނަ މާރާމާރީތަކަކީ މާލޭގެ ދެ ގޭންގެއްގައި ޖެހިފައިވާ މައްސަލަތަކެއްގެ ބަދަލު ހިފުން ކަމަށެވެ. މަސްތުވެގެން ހަމަލާދިނުން އިތުރުވާކަން ފާހަގަ ވެގެން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ އިންޒާރެއް ވެސް ދީފަ އެވެ. އެގޮތުން ރާއްޖެ ހަލަބޮލިކޮށް ނުރައްކާތެރި އަމަލުތައް ހިންގަން ހިތްވަރުދޭ ނުވަތަ ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުންޏެވެ.