Roadha Mihaaru
މާރާމާރީތަކާ ގުޅިގެން 34 މީހަކު ހޯދަނީ

މާރާމާރީތަކާ ގުޅިގެން 34 މީހަކު ހޯދަނީ

03 އޯގަސްޓް 2017

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ޒުވާނަކު މަރާލާފައިވާއިރު، އޭގެ ކުރީގެ މާރާމާރީތަކަކާ ގުޅިގެން 23 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ބުނެފަ އެވެ.

މާރާމާރީތަކާ ގުޅިގެން ގިނަ ބަޔަކު ހޯދަމުން އަންނަ ކަމަށް ބުނި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައުލޫމާތެއް އަދި ފޮޓޯއެއް ފުލުހުން އާންމެއް ނުކުރެ އެވެ. ފުލުހުން ބުނީ އެކަމާ ގުޅޭ ތަފުސީލް ފަހުން ހާމަކުރާނެ ކަމަށެވެ.

އެންމެ ފަހުގެ މާރާމާރީތަކާ ގުޅިގެން 23 މީހަކު ހައްޔަރުކޮށް އަދި 34 މީހަކު ހޯދަމުން އަންނަ ކަމަށް ފުލުުހުން ބުނާއިރު، މާރާމާރީ އާއި ގޭންގްތައް ނުހުއްޓުވޭ މައްސަލާގައި ސަރުކާރަށާއި ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި މިދިޔަ ފަސް ދުވަހުގެ ތެރޭގައި ދިން ހަމަލާގައި ދެ ޒުވާނަކު މަރާލާފައިވާއިރު އެ މައްސަލައިގެ ތުހުމަތަށް މިހާތަނަށް ވެސް މީހަކު ހައްޔަރު ނުކުރެވޭ މައްސަލާގައި ވެސް ފުލުހުން ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ.

އެ މައްސަލާހައި ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ ދެ މަރާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް "ވަރަށް ޚާއްސަ އިސްކަމެއް ދީގެން" ކުރަމުން އަންނަ ކަމަށެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްވަމުން ވިދާޅުވެފައި ވަނީ މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަޒްލީން ވިދާޅުވީ އެންމެ ފަހުގެ ދެ މާރާމާރީގައި ދެ ޒުވާނަކު މަރާލީ ގުރޫޕް މާރާމާރީގެ ތެރެއިން ހިނގި ކަމެއްގެ ތެރެއިން ކަމަށް ފުލުހުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި ފުރަތަމަ މާރާމާރީ ހިންގުމާ ގުޅިގެން ވެސް ފުލުހުންގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.