Roadha Mihaaru
ދެކުނު ކޮރެއާގައި ވެސް އީ-ސިނގިރެޓް މަނާކޮށްފާނެ

ދެކުނު ކޮރެއާގައި ވެސް އީ-ސިނގިރެޓް މަނާކޮށްފާނެ

25 އޮކްޓޯބަރ 2019

އީ-ސިނގިރެޓް ބޭނުން ކުރުން ހުއްޓާލަން ގޮވާލައި އެ ބާވަތުގެ އުފެއްދުންތައް ދެކުނު ކޮރެއާގައި މަނާކޮށްފާނެކަމުގެ އިޝާރާތެއް ސަރުކާރުން ބުދަ ދުވަހު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އީ-ސިނގިރެޓް ބޭނުން ކުރުން ހުއްޓާލަން ގޮވާލައި އެ ބާވަތުގެ އުފެއްދުންތައް ދެކުނު ކޮރެއާގައި މަނާކޮށްފާނެކަމުގެ އިޝާރާތެއް ސަރުކާރުން ބުދަ ދުވަހު ދީފި އެވެ.

އީ-ސިނގިރެޓް ފަދަ ތަކެއްޗާ އެކު ވޭޕްކޮށްގެން ދިމާވާ މައްސަލަތަކާ ގުޅިގެން އެތައް ބަޔަކު މަރުވަމުން އަންނަ އިރު، މި މައްސަލަ އެންމެ ބޮޑު އެމެރިކާ އިން ވެސް ވަނީ އީ-ސިނގިރެޓް މަނާކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެ ގައުމުގެ އެކި ސިޓީތަކުން މިހާރު ވެސް ވަނީ އީ-ސިނގިރެޓް ބޭނުންކުރުމާ ގުޅޭ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ބައެއް ސިޓީތަކުން ވިއްކުން ވެސް މަނާކޮށްފަ އެވެ. އެމެރިކާގައި ވޭޕިންއާ ގުޅުން ހުރި ސިއްހީ މައްސަލަތަކުގައި މިހާތަނަށް 30 މީހުން މަރުވެފައިވެ އެވެ.

އިންޑިއާ އިން ވެސް ދާދި ފަހުން ވަނީ އީ-ސިނގިރެޓްގެ އެއްވެސް މުއާމަލާތެއް އެ ގައުމުގައި ހިންގުން މަނާކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި ވޭޕިންއާ ދެކޮޅަށް އެ ގައުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވިސްނަމުން އަންނަ އިރު، ވޭޕްކުރާ އާލާތްތަކުގެ ވިޔަފާރި ހުއްޓުވަން ކުރިއަށް އޮތް ތަނުގައި ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ އެވެ. އެގޮތުން ވޭޕިންގެ އާލާތްތައް އެތެރެކުރުން ހުއްޓުވުން ހިމެނެ އެވެ.

ދެކުނު ކޮރެއާގައި މިހާރު އީ-ސިނގިރެޓްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަނީ އެމެރިކާގެ ކުންފުނި ޖޫލް އާއި ކޮރެއާގެ ކުންފުނި ކޭޓީ އެންޑް ޖީ އެވެ.

"މިހާރު ދެކުނު ކޮރެއާގައި އީ-ސިނގިރެޓްގެ މުއާމަލާތްކުރާ ނިސްބަތަށް ބަލާ އިރު ގައުމު އޮތީ ނުރައްކާތެރި ފައްތަރެއްގައި،" ހެލްތު މިނިސްޓަރު ޕާކް ނިއަންގް-ހޫ ވިދާޅުވި އެވެ. "އީ-ސިނގިރެޓާ ގުޅުން ހުރި ސިއްހީ މައްސަލަތަކުގެ ތެރެއިން މި މަހުގެ ތެރޭގައި ތިރީސް އަހަރުގެ ޒުވާނަކަށް ނިއުމޯނިއާ ޖެހިގެން ރިޕޯޓް ވެސްކޮށްފައިވޭ."

ދެކުނު ކޮރެއާގެ ހެލްތު މިނިސްޓަރު.

ދެކުނު ކޮރެއާގެ ހެލްތު މިނިސްޓަރު.

އީ-ސިނގިރެޓާ ދެކޮޅަށް ދެކުނު ކޮރެއާ އިން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން އަންނަ އިރު، ޓީ އެންޑް ޖީން ބުނީ ސަރުކާރުގެ ނިންމުމަށް އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށެވެ.

އާދައިގެ ދުންފަތުގެ އިސްތިއުމާލަށް ވުރެ ރައްކާތެރި އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ބާރު ވެސް އަޅައިދޭ އުފެއްދުމެއްގެ ގޮތުގައި އީ-ސިނގިރެޓް ޕްރޮމޯޓްކުރަމުންދާ އިރު، ދެކުނު ކޮރެއާ އަށް މި އުފެއްދުން ތައާރަފުވީ މީގެ ފަސް އަހަރު ކުރިންނެވެ. އަދި އޭގެ ފަހުން އޭގެ މަގުބޫލުކަން ބޮޑުވެ، އީ-ސިނގިރެޓް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވެ އެވެ.

މިދިޔަ ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގެ ދުންފަތުގެ ވިޔަފާރީގެ 13 ޕަސަންޓް މިހާރު ހިއްސާކުރަނީ އީ-ސިނގިރެޓްގެ ވިޔަފާރި އެވެ.