Roadha Mihaaru
"އައިކޮސް" އަށް އެމެރިކާ އިން ހުއްދަ ދީފި

ސިނގިރެޓްގެ ބަދަލުގައި ބޭނުންކުރާ "އައިކޮސް" އަށް އެމެރިކާގައި ހުއްދަ ދީފި

02 މެއި 2019

ސިނގިރެޓްގެ ބަދަލުގައި ބޭނުންކުރަން، ދުންފަތުގެ ބާވަތްތައް އުފައްދާ ފިލިޕް މޮރިސް ކުންފުނިން އުފެއްދި "އައިކޮސް" ގެ ނަން ދީފައިވާ ޑިވައިސް ވިއްކުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އޮތޯރިޓީން (އެފްޑީއޭ) އިން ދީފި އެވެ.

ސިނގިރެޓްގެ ބަދަލުގައި ބޭނުންކުރަން، ދުންފަތުގެ ބާވަތްތައް އުފައްދާ ފިލިޕް މޮރިސް ކުންފުނިން އުފެއްދި "އައިކޮސް" ގެ ނަން ދީފައިވާ ޑިވައިސް ވިއްކުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އޮތޯރިޓީން (އެފްޑީއޭ) އިން ދީފި އެވެ.

ދުންފަތުން ސިއްހަތަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އާ ގޮތްތައް ހޯދަމުން އަންނަ ކަމަށް ބުނާ ފިލިޕް މޮރިސް އިން ވަނީ މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

އައިކޮސް އަށް އެމެރިކާގައި ހުއްދަ ދިނުމުގެ މާ ކުރިން ޖަޕާނާއި ދެކުނު ކޮރެއާ އާއި ޔޫރަޕްގެ އެކި ގައުމުތަކުގައި އެ ބާވަތް އަންނަނީ ވިއްކަމުންނެވެ. މިހާރު ދުނިޔޭގެ 40 ގައުމެއްގައި އެ ބޭނުންކުރެ އެވެ.

އެފްޑީއޭ އިން ދެ އަހަރު ދުވަހުގެ ބެލުންތަކަށް ފަހު އައިކޮސް އަށް ހުއްދަ ދިނީ އެއީ އާދައިގެ ސިނގިރޭޓުން އުފައްދާ ވިހަ އަދި ގެއްލުން ބޮޑު މާއްދާތައް އެތައް ގުނައެއް ކުޑަ އެއްޗަކަށް ވުމުން ކަމަށް އެފްޑީއޭ އިން ބުންޏެވެ. އެހެންވެ އާންމު ސިއްހަތަށް ހުރި ގެއްލުންތައް މިހާރަށް ވުރެ ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި އެއަށް އެފްޑީއޭ އިން ހުއްދަ ދިނީ އެވެ.

މިއީ އީ-ސިނގިރެޓާ ތަފާތު އުފެއްދުމެކެވެ. މި ޑިވައިސް އިން ކުރާ ކަމަކީ ދުންފަތް އަޅާފައި އޮންނަ ކަރުދާސްކޮޅެއް (ޓޮބެކޯ ސްޓިކް) ހޫނުކޮށްލައި އެއިން އާތްވެއް ފޮނުވަނީ އެވެ. އީ-ސިނގިރެޓުގައި އާވި އުފައްދަނީ ނިކޮޓިން އަޅާފައި ހުންނަ ލިކުއިޑަކުންނެވެ. އައިކޮސްގައި ބޭނުންކުރަނީ ނިކޮޓިން ކާޓްރިޖެކެވެ.

އައިކޮސް އަށް އެމެރިކާގައި ހުއްދަ ދިނުމާ އެކު، ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އަދި ދުންފަތުގެ ވިޔަފާރިކުރާ މީހުން، އޭގެ ގެއްލުން ކުޑަވާ ތަކެތި ކަމަށް ބުނެ އާ އުފެއްދުންތައް މާކެޓްކުރާތީ ވެސް ފާޑުކިޔަ އެވެ. އެ ފަރާތްތަކުން ބުނަމުން އަންނަނީ ގެއްލުން ކުޑަވާ ގޮތަށް އެއްޗެއް ހަދައި މާކެޓްކުރުމަށް ވުރެ، ދުންފަތާ ގުޅުން ހުރި އެއްޗެހި ވިއްކުން ހުއްޓާލުން ރަނގަޅުވާނެ ކަމަށެވެ.

އައިކޮސް އަށް ހުއްދަދިނަސް ޒުވާނުން ދުންފަތާ ދުރަށް ގެންދިއުމުގެ ފިޔަވަޅެއްގެ ގޮތުން، އެ މާކެޓްކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެން މަޖުބޫރުކުރުވަ އެވެ. އެފްޑީއޭ އިން ބުނާ ގޮތުގައި ސިނގިރޭޓުން ކުރިމަތިކުރުވާ ނުރައްކަލަށް ވުރެ ކުޑަ ނުރައްކަލެއް އޮތް އެއްޗެހި އެމެރިކާގެ މާކެޓްގައި ހުއްދަކުރަން ޖެހެނީ ވެސް އާންމު ސިއްހަތުގެ ހިމާޔަތުގަ އެވެ. އޭގެ ތެރޭގައި އާންމު ސިނގިރޭޓުން ބޭރުވާ ވިހައަށް ވުރެ އައިކޮސް އާއި އެފަދަ އެހެން އުފެއްދުންތަކުން ނުކުންނަ ވިހަ މާއްދާތައް މަދުވުން ފާހަގަކޮށްފައިވެ އެވެ.

އެފްޑީއޭ އިން ދެން ކުރިއަށް ގެންދާނީ އައިކޮސް ބޭނުންކުރާ މީހުންނަށް ދިމާވާނެ ކަންކަމެވެ. އެގޮތުން އެ ދިރާސާގެ ނަތީޖާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބެލެވެ އެވެ. އައިކޮސްއާ މެދު އިތުރު ގޮތެއް ނިންމާނީ އެ ދިރާސައަށް ފަހު އެވެ.

އެފްޑީއޭ އިން ބުނި ގޮތުގައި ދުންފަތާ ގުޅޭ އާ އުފެއްދުންތަކަށް ހުއްދަދިނުމަކީ ދުންފަތަކީ ރައްކާތެރި އެއްޗެއްކަން ކަނޑައެޅުމެއް ނޫނެވެ. އެކަމަކު މިހާރު ކުރިމަތިވާ ނުރައްކަލަށް ވުރެ ކުޑަ ނުރައްކަލެއް ނަމަ އެއީ އާންމު ސިއްހަތުގެ ހިމާޔަތަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.